ކޮކްރޮޗުންނަކީ މަގު އޮޅިފައިވާ ކުދިންތަކެއް: މޯދީ
އަދަބުދީ، ކޯޓުތަކަށް ދުއްވައި، މުޖުތަމައުގައި ބާކީކޮށްލުމަކުން ހާލަތު ބަދަލެއްނުވާނެ
މުޒާހަރާކުރި ދަރިވަރުންނަށް އަދަބު ދިނުމަކުން މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ހުސްވި މަހު ކުރިއަށްދިޔަ މުޒާހަރާތަކުގައި ބޮޑުވަޒީރު މޯދީއާ ދެކޮޅަށް ހުތުރު ބަހުން މުއާމަލާތްކުރި ދަރިވަރުންނަށް މާފުކުރަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެ ކުދިންނަށް އަދަބުދީ، ތަކުރާރުކޮށް ކޯޓަށް ހާޒިރުކުރުވުމަކީ މައްސަލަ ހައްލުވާނެ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޯދީގެ ތިންވަނަ ދައުރުގައި ކުރިމަތިވި އެންމެ ބޮޑު ސިޔާސީ ގޮންޖެހުން އުފެދުނީ، އިންޑިއާގެ ގައުމީ އިމްތިހާނުގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން މިދިޔަ ޖުލައި މަހު 2 މިލިއަން ދަރިވަރުން އަލުން އިމްތިހާނު ހަދަން ޖެހުމުންނެވެ. މީގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް މަދުވުމާ މެދު ޒުވާނުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދިގެންދިޔައެވެ.
މުޒާހަރާތަކުގެ ތެރެއިން ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ބޮޑުވަޒީރާ ދެކޮޅަށް އަޑުއުފުލި އެތައް ސަތޭކަ ދަރިވަރުންނެއްގެ މައްޗަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ މައްސަލަ ހުށަހަޅާފައެވެ.
ހުކުރު ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި މޯދީ ވިދާޅުވީ، "މިއީ މަގު އޮޅިފައިވާ ކުދިންތަކެއް ކަމަށާއި، އެކުދިންނަށް ރަނގަޅު މަގު ދައްކައިދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް" ކަމަށެވެ. އަދި އެކުދިންނަށް އަދަބުދީ، ކޯޓުތަކަށް ދުއްވައި، މުޖުތަމައުގައި ބާކީކޮށްލުމަކުން ހާލަތު ބަދަލުނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުންވަނީ އެކުދިންނަށް މާފުކުރަން. އަޅުގަނޑުގެ މި ނިންމުން މުޖުތަމައުންވެސް ބަލައިގަންނާނެ ކަމަށް އުންމީދު ކުރަން،" މޯދީ ވިދާޅުވިއެވެ.
މުޒާހަރާތަކުގެ ތެރޭގައި އިންޑިއާގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް ނިއުދިއްލީގައި، މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ޕާލަމެންޓާ ދިމާލަށް ހިނގާފައި ދިޔަ މީހުން ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަގޭހާއި މުގުރުގެ ބޭނުންކޮށްފައެވެ.
ހަރަކާތުގައި އިސްކޮށް އުޅުނު "ކޮކްރޯޗް ޖަންތާ ޕާޓީ" އިން ހޯމަ ދުވަހު ބުނި ގޮތުގައި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދާނެ ކަމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް، އެކި ސްޓޭޓްތަކުން އެތައް ސަތޭކަ ދަރިވަރުންނެއް އަދިވެސް ވަނީ ހައްޔަރުކޮށްފައެވެ.
އިންޑިއާގެ ޒުވާނުން ކުރަމުންދިޔަ މުޒާހަރާތައް ނިންމާލީ އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމުންނާއި، އިމްތިހާނު ނިޒާމު އިސްލާހުކުރުމާއި ދަރިވަރުންގެ މައްޗަށް އުފުލާފައިވާ މައްސަލަތައް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވުމާ ގުޅިގެންނެވެ.
ކުރަފި މުޒާހަރާ އާއި ގުޅިގެން މޯދީގެ ސަރުކާރުން މިހާރު ވަނީ އާންމު އިމްތިހާނުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ޕާލަމެންޓަށް ބިލެއް ހުށަހަޅާފައެވެ. މި ބިލުގައި އިމްތިހާނު ކަރުދާސް ލީކުކުރުމުގައި ބައިވެރިވާ ފަރާތްތަކަށް ދޭ އަދަބުތައް ހަރުކަށިކޮށް، ބޮޑެތި ޖޫރިމަނާތަކާއި ދިގު މުއްދަތުގެ ޖަލު ހުކުމްތައް ވަނީ ހިމަނާފައެވެ.


