މައިދައިތަ އުޅެނީ މަރާލަން ކަމަށް ހީކުރެވުނު

ބާރުގަދަކުރަން އިންޓަރނެޓުން ގަތް ބޭސް ސަޕްލިމެންޓުން ކޮށްލީ މޮޔަ!

މައިދައިތަ އުޅެނީ މަރާލަން ކަމަށް ހީކުރެވުނު

ހަށިގަނޑު ވަރުގަދަކުރުމަށްޓަކައި އިންޓަނެޓް މެދުވެރިކޮށް ކަސްރަތަށް ބޭނުންކުރާ ސަޕްލިމެންޓެއް ގަތް މީހަކަށް، އޭގެ ސަބަބުން ނަފްސާނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ.

ޑެނިއަލް މާފީއަށް ހީވެފައި އޮތީ އޭނާ ބޭނުންކުރަމުން ދިޔައީ ޓެސްޓުކޮށްފައިވާ، ރައްކާތެރި ސަޕްލިމެންޓެއް ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ނަފްސާނީ ދުޅަހެޔޮކަން އިންތިހާއަށް ގޯސްވެ، އަމިއްލަ އަނބިމީހާއާއި މައިދައިތައާ މެދު ބިރުވެރި ވަހުމްތަކެއް އުފެދި، އޭނާގެ ނަފްސާނީ ހަމަޖެހުން މުޅިން ގެއްލުނެވެ.

ޑެނިއަލްއަށް ނޭނގި އޭނާ ބޭނުންކުރި ގުޅަތަކުގައި ހަށިގަނޑަށް ނުރައްކާވާ މިންވަރަށް ޓެސްޓޮސްޓަރޯން މަސްހުނިކޮށްފައިވެއެވެ. މި މައްސަލައަކީ އެމެރިކާގެ "ޕެރަޑައިމް ޕެޕްޓައިޑްސް" ކުންފުންޏާ ދެކޮޅަށް ހުށަހެޅުނު ބޮޑު މައްސަލައެއްގެ ބައެކެވެ. އެ ކުންފުނީގެ ވެރިޔާ މެތިއު ކާވާ، ހުއްދަ ނެތް ބޭސްތަކެއް އޮޅުވާލައިގެން ވިއްކިކަމުގެ ކުށުގައި ފަސް އަހަރާއި ދިހަ މަސްދުވަހަށް ޖަލަށް ލުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފައެވެ. އަދި އޭނާގެ އާއިލީ މީހެއް ކަމަށްވާ ޖެނިފާ ސްޓެޗްކޯބާ ވެސް ވަނީ އެއް އަހަރާއި ހަތަރު މަހަށް ޖަލަށް ލާފައެވެ.

މި މީހުން ވަނީ ބޭސްތައް އުފެއްދި ތަނާއި، އޭގެ ސާފުކަމާ ބެހޭގޮތުން ދޮގު މައުލޫމާތު ދީފައެވެ. އެމެރިކާގައި އުފައްދާ އެއްޗެއް ކަމަށް ބުނި ނަމަވެސް، އެ ތަކެއްޗަކީ ޗައިނާއާއި އިންޑިއާ ފަދަ ގައުމުތަކުން އެތެރެކޮށްފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ފެންވަރު ކަށަވަރުކޮށްދޭ ލިޔެކިޔުންތަކަކީ ވެސް އަމިއްލައަށް ހަދާފައިވާ ސައްހަ ނޫން ލިޔުންތަކެކެވެ.

ޓެސްޓޮސްޓަރޯންއަކީ އިންސާނާގެ ހަށިގަނޑުގައި ގުދުރަތީ ގޮތުން އުފައްދާ ހޯރމޯންއެއް ނަމަވެސް، ޑޮކްޓަރެއްގެ ލަފާގެ މަތިން މެނުވީ އެ ބޭނުންކުރުމަކީ ފުރަމޭ ހަލާކުވުމާއި، ހިތުގެ މައްސަލަތައް އަދި ނަފްސާނީ ބޮޑެތި ބަލިތަކަށް މަގުފަހިވާ ކަމެކެވެ.

ޑެނިއަލް މާފީ ކިޔައިދިން ގޮތުގައި، މި ސަޕްލިމެންޓް ބޭނުންކުރަން ފެށުމާއެކު ފުރަތަމަ ކޮޅު އޭނާގެ ހަކަތަ އިތުރުވި ކަމަށް އިހުސާސް ކުރެވުނެވެ. ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ ނިދި ނައުމާއި، މާބޮޑަށް ހާސްވުމާއި، ވަހުމްތަކުގެ ތެރެއަށް އޭނާ ގެނބުނެވެ. އޭނާ ގަބޫލުކުރަން ފެށީ އަނބިމީހާ އޭނާގެ ވިޔަފާރި އަތުލަން އުޅޭ ކަމަށާއި، މައިދައިތަ އޭނާ މަރާލަން އުޅޭ ކަމަށެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން އެ ކުންފުނި ތަހުގީގުކުރަން ފެށީ 2020 ވަނަ އަހަރުން ފެށިގެންނެވެ. އަދި 2023 ވަނަ އަހަރު ކުރި ޓެސްޓުތަކުން އެނގުނު ގޮތުގައި، އެ ކުންފުނިން ވިއްކި ހުރިހާ ސަޕްލިމެންޓްތަކެއްގައި ވެސް ސްޓެރޮއިޑްސް މަސްހުނިކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ސިއްހީ މާހިރުން އިންޒާރު ދެއްވަނީ، އިންޓަނެޓް މެދުވެރިކޮށް މިފަދަ ތަކެތި ވިއްކުމަކީ ދުނިޔޭގެ ފެންވަރުގައި ހިނގާ ބޮޑު ވިޔަފާރިއަކަށް ވާއިރު، އޭގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ކަމަށެވެ. ގިނަ ފަހަރަށް މީހުންނަށް ގަނެވެނީ އެމީހުން ހީކުރާ އެއްޗެއް ނޫން ކަމަށާއި، އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށެވެ.

ޑެނިއަލް މިހާރު ވަނީ މި ބަލިން މުޅިން ފަސޭހަވެ، އާންމު ހާލަތަށް ރުޖޫއަވެފައެވެ. އޭނާ ބުނި ގޮތުގައި މިހާރު އޭނާ އެއްވެސް ކަހަލަ ސަޕްލިމެންޓެއް ބޭނުން ނުކުރެއެވެ. އޭނާ އެ ވާހަކަ ދައްކަނީ އެހެން މީހުން އޭނާއަށް ދިމާވި ފަދަ ނުރައްކާތެރި ދަލެއްގައި ޖެހުނަ ނުދިނުމަށެވެ. "އަހަރެން އެކުރީ އަހަރެންގެ ސިއްހަތާއި، އާއިލާއާއި، އަދި ދިރިއުޅުމާ ދެކޮޅަށް ކުރި ބޮޑު ޖުވާކުޅުމެއް." ކަމަށް އޭނާ ބުންޏެވެ.