ރައީސްގެ ދަރިކަލުން މައްޗަށް ތަހުގީގުހިންގަން ސްޕްރީމްކޯޓުން ހުއްދަދީފި
ނުފޫޒު ބޭނުންކޮށްގެން ދަރިކަލުން ހިމާޔަތެއް ނުކުރާނަން: ރައީސް
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ދަރިކަލުންގެ މައްސަލައެއް ތަހުގީގު ކުރުމުގެ ހުއްދަ ފެޑަރަލް ފުލުހުންނަށް ބްރެޒިލްގެ ސްޕްރީމް ކޯޓުން ދީފިއެވެ. ބްރެޒިލް ރައީސް ލުއިޒް އިނާސިއޯގެ ދަރިކަލުން ފަބިއޯ ލުއިޒް ލޫލާ ގެ މައްޗަށް ތަހުގީގު ހިންގަނީ ހެލްތު މިނިސްޓްރީއާ ގުޅުންހުރި ކަންކަމުގައި ލޮބީސްޓަކަށް ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ރައީސްގެ ދަރިކަލުން ފަބިއޯ ލުއިސް ލޫލާ ޑަ ސިލްވާ އާ ދެކޮޅަށް ތަހުގީގު ހިންގުމުގެ ހުއްދައަށް ފުލުހުން އެދިފައިވަނީ މިދިޔަ ހަފުތާގައެވެ. އޭނާގެ މައްޗަށް ކުރެވެނީ ވިޔަފާވެރިއެއް ކަމަށްވާ އެންޓޯނިއޯ ކާލޯސް ކަމީލޯ އެންޓޫނެސްގެ ފައިދާއަށްޓަކައި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ކޮރަޕްޝަންގެ ތުހުމަތެވެ.
ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލާނީ، ކެނަބިޑިއޯލް އެކުލެވޭ ބޭހެއް ސަރުކާރުން ގަތުމާ ގުޅޭ މުއާމަލާތެއްގައި، އެންޓޫނެސްގެ ވިޔަފާރިތަކަށް ހެލްތު މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރުމުގެ މަގު ފަބިއޯ ލުއިސް ފަހިކޮށްދީފައިވޭތޯއެވެ.
ރައީސްގެ ދަރިކަލުން ފަބިއޯ ލުއިސްގެ ވަކީލު މިކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެފަދަ ތަހުގީގެއް ހިނގާކަން ރަސްމީކޮށް އެނގިފައިނުވާ ކަމަށާއި، އެކަމުގެ އެއްވެސް ލިޔެކިޔުމެއް އަދި ލިބިފައިނުވާ ކަމަށެވެ. މިއީ ސިޔާސީ މަގުސަދެއްގައި ހިންގާ ގައިރުގާނޫނީ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އެހެން ނަމަވެސް ރައީސް ލޫލާ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާގެ ދަރިކަލުންނާ މެދުވެސް އަމަލުކުރެވޭނީ އެހެން ކޮންމެ ރައްޔިތަކާ މެދުވެސް އަމަލުކުރާ އުސޫލުން ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދަރިކަލުން ހިމާޔަތް ނުކުރައްވާނެ ކަމަށެވެ. އަދި ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބްރެޒިލްގެ ނޭޝަނަލް ސޯޝަލް ސެކިއުރިޓީ އިންސްޓިޓިއުޓް އިން ދޭ ޕެންޝަން ފައިސާގެ ތެރެއިން ނާޖާއިޒު ގޮތުގައި ފައިސާ ހޯދާފައިވާ ކަމަށް ބުނާ މައްސަލައެއްގައިވެސް، ރައީސް ލޫލާގެ ދަރިކަލުން ފަބިއޯ ލުއިސް މައްޗަށް ތަހުގީގު ހިންގުމުގެ ހުއްދަ މިއަހަރުގެ ކުރީކޮޅު ސުޕްރީމް ކޯޓުން ވަނީ ދީފައެވެ.
ފެބްރުއަރީ މަހު ދެއްވި އިންޓަވިއުއެއްގައި ރައީސް ލޫލާ ވިދާޅުވެފައިވަނީ މި މައްސަލަތަކާ ގުޅިގެން އޭނާގެ ދަރިކަލުންނާ ސުވާލުކުރެއްވި ކަމަށެވެ. "ކަމެއް ގޯސްކޮށް ކޮށްފައިވާނަމަ، އޭގެ އަދަބު ލިބޭނެ. އެފަދަ ކަމެއް ކޮށްފައި ނުވާނަމަ، ތިމާގެ ދިފާއުގައި މަސައްކަތްކުރާށޭ" ދަރިކަލުން ގާތު ވިދާޅުވެފައި ވާނޭކަމަށެވެ.


