އަހަންނަކީ މަލާއިކަތެއް ނޫން - އާދައިގެ އާންމު އިންސާނެއް: ވިޖޭ

އަހަންނަކީ މަލާއިކަތެއް ނޫން - އާދައިގެ އާންމު އިންސާނެއް: ވިޖޭ

މަޝްހޫރު ތަމަޅަ ފިލްމީ ތަރި ތަލަޕަތީ ވިޖޭ އަކީ ސިޔާސީ ކަންކަމަށް އަލަށް ނުކުމެވަޑައިގެންނެވި ތަރިއެކެވެ. ސީ. ޖޯސެފް ވިޖޭ (ގިނަ ބަޔަކު ދަންނަ ގޮތުން ނަމަ ތަލަޕަތީ ވިޖޭ) މިހާރު ވަނީ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރ ކަމަށް އިންތިހާބުވެ މަގާމުގެ ގާނޫނީ ހުވާ މިއަދު ކުރައްވާފައެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީޕް މިނސްޓަރ ސީ. ޖޯސެފް ވިޖޭ ވިދާޅުވީ "އަހަންނަކީ މަލާއިކަތެއް ނޫން - ހަމަ އާދައިގެ އާންމު އިންސާނެއް"ކަމަށެވެ.

އާއްމު ރައްޔިތުންގެ ވިންދާއެއް ގޮތަށް މަސައްކަތް ކުރެއްވުމަށް ނިކުންނެވި މަޝްހޫރު އެކްޓަރު ވިޖޭގެ އާ ސަރުކާރާ ގުޅޭ މުހިންމު ބައެއް މައުލޫމާތު ހިއްސާކޮށްލާ ދޭނަމެވެ.

ސިޔާސީ ޕާޓީ: އޭނާ އިސްކޮށް ހުންނަވަނީ "ތަމަޅަގަ ވެއްޓްރި ކަޅަގަމް" (ޓީ.ވީ.ކޭ) ޕާޓީގައެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވި ތާރީޚު: 10 މޭ 2026.

މުހިންމުކަން: ވޭތުވެދިޔަ 60 އަހަރު ތެރޭގައި ތަމަޅަ ނާޑޫގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރަމުން އައި ޑީ.އެމް.ކޭ އަދި އޭ.އައި.އޭ.ޑީ.އެމް.ކޭ ގެ ބާރު ކަނޑުވާލައި، އެ ދެ ޕާޓީ ނޫން އެހެން ފިކުރެއްގެ ވެރިކަމެއް ގާއިމުކުރެއްވި ފުރަތަމަ ލީޑަރަކީ ވިޖޭއެވެ.

އެންމެ ފުރަތަމަ ނިންމެވި ނިންމެވުން: ޗީފް މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ގޭބިސީތަކުން ބޭނުންކުރާ ކަރަންޓުން 200 ޔުނިޓް ހިލޭ ދިނުމުގެ ގަރާރުގައި ސޮއިކުރެއްވުމެވެ.

ފަސްމަންޒަރު: 4 މޭ 2026 ގައި ބޭއްވުނު ތަމަޅަ ނާޑޫގެ އެސެމްބްލީ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ފުރިހަމަ އަގުލަބިއްޔަތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، 108 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށް ޓީ.ވީ.ކޭ ވުމުން، އެހެން ބައެއް ޕާޓީތަކުގެ އެހީތެރިކަމާއެކު އެ ޕާޓީން ވަނީ އަގުލަބިއްޔަތު ހޯދައި ސަރުކާރު އެކުލަވާލާފައެވެ.

2026 ވަނަ އަހަރުގެ އިންތިހާބީ ކެމްޕޭނުގައި، ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ (ޓީ.ވީ.ކޭ) ވަނީ އަންހެނުންނާއި، ޒުވާނުން އަދި ދަނޑުވެރިންގެ ލާބަޔާއި މަންފާއަށް އަމާޒުކޮށް އިޖުތިމާއީ ރައްކާތެރިކަމުގެ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. މިއަދު، 10 މޭ 2026 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އޭނާ ވަނީ ވަގުތުން އެ ވަޢުދުތައް ފުއްދަވަން ފަށްޓަވާފައެވެ.

އެގޮތުން 200 ޔުނިޓާ ހަމައަށް ހިލޭ ކަރަންޓު ދިނުމަށާއި، އަންހެނުންގެ ރައްކާތެރިކަމަށް ހާއްސަ "ސިންގަޕެން ފޯސް" އުފެއްދުމުގެ އިތުރުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ހާއްސަ ފައުޖެއް އެކުލަވާލުމުގެ ގަރާރުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

އޭނާގެ މައިގަނޑު "ކާމިޔާބު" ވައުދުތަކުގެ ތެރޭގައި ހިމެނެނީ:

އަންހެނުންގެ މަންފާއަށް: ގޭބިސީތަކުގެ އިސްވެރިންގެ ގޮތުގައި ތިބޭ، އުމުރުން 60 އަހަރުން ދަށުގެ އަންހެނުންނަށް މަހަކު 2,500 ރުޕީސްގެ މާލީ އެހީ ދިނުމާއި، އަހަރަކު 6 ގޭސް ފުޅި ހިލޭ ފޯރުކޮށްދިނުމެވެ. އަދި ތަނަވަސްކަން ކުޑަ އާއިލާތަކުގެ ކައިވެނިކުރާ އަންހެން ކުދިންނަށް 8 ގްރާމްގެ ރަނާއި ފަށުވި ސާޅީއެއް ހަދިޔާކުރުން ހިމެނެއެވެ.

ޒުވާނުންނާއި ތައުލީމު: ޔުނިވަރސިޓީ ދަސްވެނިންނަށް މަހަކު 4,000 ރުޕީސް އާއި ޑިޕްލޮމާ ހާސިލުކޮށްފައިވާ ފަރާތްތަކަށް 2,500 ރުޕީސްގެ "އަންއެމްޕްލޯއިމަންޓް އެލަވަންސް" އެއް ދިނުން ހިމެނެއެވެ. އޭގެ އިތުރުން، އެއްވެސް ރަހުނަކާ ނުލައި 20 ލައްކަ ރުޕީސްއާ ހަމައަށް ތަޢުލީމީ ލޯނު ދޫކުރުމާއި، ވަޒީފާ ދިނުމުގެ ކަންކަން ލަސްވިޔަނުދީ ތަރުތީބުން ކުރިއަށް ގެންދިއުމަށް ހާއްސަ ކަލަންޑަރެއް އެކުލަވާލުން ހިމެނެއެވެ.

ދަނޑުވެރިން: 5 އޭކަރަށް ވުރެ ކުޑަ ބިންތަކުގައި ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ލޯނުތައް އެއްކޮށް މާފުކޮށްދިނުމާއި، އެހެން ދަނޑުވެރިންގެ ލޯނުތަކުގެ ދެބައިކުޅަ އެއްބައި މާފުކޮށްދިނުމަށް ނިންމިއެވެ. ހަނޑުލާއި ހަކުރު ގަންނާނެ އެންމެ ދަށް އަގުތަކެއް ސަރުކާރުން ކަނޑައެޅުމަޚިވެސް ވައުދެކެވެ.

ވެރިކަން ހިންގުމާއި ޓެކްނޮލޮޖީ: އިންޑިއާގައި ފުރަތަމަ ފަހަރަށް "މިނިސްޓްރީ އޮފް އާޓިފިޝަލް އިންޓެލިޖެންސް" އުފެއްދުމާއި، 2036 ވަނަ އަހަރާ ހަމައަށް ޓެމިލްނާޑޫގެ އިގްތިސާދު 1.5 ޓްރިލިއަން ޑޮލަރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ޗީފް މިނިސްޓަރ ވަނީ އަމާޒު ހިފާފައެވެ.

ސިއްހަތާއި ރައްކާތެރިކަން: ކޮންމެ އާއިލާއަކަށް 25 ލައްކަ ރުޕީސްގެ ހެލްތު އިންޝުއަރެންސް ފޯރުކޮށްދިނުމާއި، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަހަކު 3,000 ރުޕީސްގެ ޕެންޝަނެއް ދިނުމާއި ހުރިހާ ގެއަކަށް އިސްކުރުބަރިން ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވިޖޭ ސަރުކާރުގެ މައިގަޑު އެއް އަމާޒެވެ.