ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދީފިނަމަ ސުންނާފަތިކޮށްލާނަން: ޓްރަމްޕް
ހޮރުމުޒް ކަނޑުއޮޅިން ވަންނަ އަދި ނުކުންނަ ހުރިހާ އުޅަނދުތަކެއް އެމެރިކާގެ ކަނޑުގެ ސިފައިން ހުއްޓުވަން ނުވަތަ "ބްލޮކޭޑް" ކުރަން ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރޫތް ސޯޝަލްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ބޭއްވުނު ބައްދަލުވުންތައް ދިޔައީ ރަނގަޅަށް ކަމަށާއި، ގިނަ ކަންތައްތަކަކަށް އެއްބަސްވެވުނު ކަމަށެވެ. ނަމަވެސް އެންމެ މުހިންމު ކަންތައް ކަމުގައިވާ ނިއުކްލިއާ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިވަންކަމާއެކު ކަނޑު ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން ކޮންމެވެސް ހިސާބަކުން އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އީރާނުން އެކަމަށް ހުރަސްއަޅަމުން ދަނީ، އެ ގައުމަށް ނޫނީ ނޭނގޭ "މައިންތަކެއް" ކަނޑުގެ ކޮންމެވެސް ހިސާބެއްގައި ހުރެދާނެ ކަމަށް ބުނެ ބިރުދައްކައިގެން ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.
ހަމަ އެ ޕޯސްޓުގައި ޓްރަމްޕް އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ދަތުރުކުރާއިރު އީރާނަށް ފައިސާ (ޓޯލް) ދައްކާ ކޮންމެ އުޅަނދެއް ހޯދައި ހުއްޓުވުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަށް މިހާރު އަމުރުކުރައްވާފައިވާ ކަމަށެވެ. އަދި އީރާނުން ކަނޑުއޮޅިތަކުގައި އަޅާފައިވާ މައިންތައް ނައްތާލުމުގެ މަސައްކަތްވެސް އެމެރިކާގެ އަސްކަރިއްޔާއިން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގައިރު ގާނޫނީ ގޮތެއްގައި އީރާނަށް ފައިސާ ދައްކާ އެއްވެސް ފަރާތަކަށް ކަނޑުމަތީގެ ރައްކާތެރިކަމެއް ނޯންނާނެ،" ޓްރަމްޕް އިންޒާރު ދެއްވިއެވެ. މީގެ އިތުރުން، އެމެރިކާގެ ސިފައިންނަށް ނުވަތަ އަމާންކަމާއެކު ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދީފިނަމަ، އެ ފަރާތްތައް އެއްކޮށް ސުންނާފަތިކޮށްލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މި ބްލޮކޭޑް ނުވަތަ ހުރަސްއެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.


