ވިއްސާރައިގެ ސަބަބުން ހަ މީހަކު މަރުވެ، ދަތުރުފަތުރު ހުއްޓިއްޖެ

މަރުވެފައިވަނީ ފަސް ކުޑަކުދިންނާއި އެއް އަންހެނަކު

ވިއްސާރައިގެ ސަބަބުން ހަ މީހަކު މަރުވެ، ދަތުރުފަތުރު ހުއްޓިއްޖެ

ބޯކޮށް ވެހެމުންދާ ވިއްސާރައިގެ ސަބަބުން އިންޑިއާގެ މުމްބާއީގެ އިރުމަތީ އަވަށް ތަކެއްގައި ހުރި ބިނާތަކެއް ވެއްޓި، 6 މީހަކު މަރުވެ، ދަތުރުފަތުރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ، ސްކޫލްތައް ބަންދުކުރަން ޖެހިއްޖެއެވެ.

މުމްބާއީގެ މަންކޫރުޑް ސަރަހައްދުގައި ދެ ތިން ބުރީގެ ގެތަކެއް ވެއްޓި، މަރުވެފައިވަނީ ފަސް ކުޑަކުދިންނާއި އެއް އަންހެނަކު ކަމަށް މަދަނީ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

ވިއްސާރައިގެ ސަބަބުން މުމްބާއީ އާއި ޕޫނޭ ގުޅައިދޭ އެކްސްޕްރެސް މަގުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި، ދެ ސިޓީ ދެމެދު ދަތުރުފަތުރު ކުރިއަށް ގެންދިއުން ވަނީ ހުއްޓިފައެވެ. އެ ސަރަހައްދުން ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކުން ފެނިގެން ދިޔައީ މަގުމަތީގައި ވެއްޓިފައިވާ ކޮންކްރީޓް ބިތްތަކާއި، ޓަނަލްގެ ތެރެއިން ފެން ފައިބަމުންދާ މަންޒަރު ތަކެވެ.

ބޯވާރޭގެ ސަބަބުން އެއްގަމު ދަތުރުފަތުރަށް ބުރޫ އެރުމުގެ އިތުރުން، ވައިގެ ދަތުރުތައް ވެސް ހުއްޓި، މުމްބާއީ-ޕޫނޭ ދަތުރުތައް ހިމެނޭ ގޮތަށް ދުރު ހިސާބުތަކަށް ދަތުރުކުރާ ރޭލު ހިދުމަތްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ލޯކަލް މީޑިއާ ތަކުން ދައްކާ ވީޑިއޯ ތަކުން ފެންނަމުން ދަނީ ފެންބޮޑުވެފައިވާ ގޯޅިތަކުން ރައްޔިތުން ފައިމަގުގާ ހިނގާފައި އުޅޭ މަންޒަރެވެ.

ހޯމަ ދުވަހަށް ސްކޫލްތަކާއި ކޮލެޖްތައް ވަނީ ބަންދުކޮށްފައެވެ.

ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ވިއްސާރައިގެ ސަބަބުން ރުއްގަސްތައް ވެއްޓި، ފާއިތުވި މަހުގެ ފަހު ކޮޅުން ފެށިގެން ތިން މީހަކު ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

އިންޑިއާގެ މާލީ ވެރިރަށް ކަމަށްވާ މުމްބާއީ އަށް 100 މިލިމީޓަރ (3.9 އިންޗި) ގެ ވާރޭ ވެހިފައިވާ އިރު، ބައެއް ސަރަހައްދުތަކަށް 161 މިލިމީޓަރ (6.3 އިންޗި) ވާރޭ ވެހިފައިވެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ލަފާ ކުރާ ގޮތުގައި، ހޯމަ ދުވަހު ގައުމީ ވެރިރަށް ދިއްލީގެ ސަރަހައްދުގެ ގިނަ ތަންތަނަށް ވިއްސާރައާ ކުރިމަތިލާން ޖެހޭނެއެވެ.