ކިޔަވާކުދީން ބެރިކޭޑްތައް ގިރާކުރުމުން ފެންބަޑި ޖަހައިފި
ކިޔަވާކުދިންގެ އިހުތިޖާޖުގެ ބައިވެރިން ސްޓޭޓް އެސްލެމްބްލީއާ ދިމާލަށް
ޖާރްކަންޑްގެ ކިޔަވާކުދިން ކުރަމުންދާ އިހުތިޖާޖު: ހޯމަ ދުވަހުގެ ހެނދުނު އިހުތިޖާޖުގެ ބައިވެރިން ސްޓޭޓް އެސްލެމްބްލީއާ ދިމާލަށް ކުރިއަށް ދިޔަ މަގުމަތީގައި ޖަހާފައިވާ ކައްޓިނަރުގެ ފެންސްތަކާއި ސަލާމަތީ ހުރަސްތައް ގިރާކުރުމާ ގުޅިގެން، އެ މީހުން ހުއްޓުވުމަށް ފުލުހުން ފެންބަޑި ޖަހާފިއެވެ.
ކިޔާވާކުދިންކުރާ މި އިހުތިޖާޖަކީ ޖޭ.ޕީ.އެސް.ސީ އާއި ޖޭ.އެސް.އެސް.ސީ އިމްތިހާނުތަކުގައި ހިނގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި އުސޫލުން ބޭރު ކަންތައްތަކާ ދެކޮޅަށް ކުރިއަށްދާ ހަރަކާތެކެވެ. މި ހަރަކާތުގައި އިސްކޮށް އުޅޭ ދޭވެންދުރަ ނާތު މަހާޓޯ، ހުރީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައެވެ. ނުވަ ދުވަސް ވަންދެން ކެއުމުން މަހުރޫމްވެ ހުރުމުގެ ސަބަބުން 10.5 ކިލޯ ބަރުދަން ލުއިވެ ވަރަށް ބޮޑަށް ބަލިވެފައި ހުއްޓާވެސް އެމްބިއުލާންސެއްގައި އައިސް އިހުތިޖާޖުގެ ބައިވެރިންނާ ވަނީ ގުޅިފައެވެ.
ވަޒީފާގެ ފުރުސަތުތަކަށް އެދި ތިބި އެތައް ހާސް ކުދިންނެއް، އިމްތިހާނުތަކުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި، މިއަދު ހެނދުނު ވަނީ ސްޓޭޓް އެސެމްބްލީއާ ދިމާލަށް ހިނގާލުމެއް ފަށާފައެވެ. ގިނަ ބަޔަކު ވިދާން ސަބާއާ ހަމައަށް ފޯރާފައިވާއިރު، މިއީ މި އިހުތިޖާޖަށް 17 ދުވަސް ފުރުނު ދުވަހެވެ. ބައިވެރިން ދަނީ ގައުމީ ދިދައާއި އެކި ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑުއުފުލަމުންނެވެ.
މީގެ އިތުރުން، މި މައްސަލައިގައި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމަށްޓަކައި ޗީފް މިނިސްޓަރު ހެމަންތު ސޮރެންގެ ގެކޮޅު ކުރިމަތީގައި އިށީނދެވަޑައިގެން ތިއްބެވި ކުރީގެ ޗީފް މިނިސްޓަރު ބާބޫލާލް މަރަންޑީ އާއި އަދިތްޔާ ސާހޫ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ ބޭފުޅުން ގޮވާލައްވަމުން ގެންދެވީ އިމްތިހާނުތަކުގެ މައްސަލަ ސީ.ބީ.އައި މެދުވެރިކޮށް ތަހުގީގު ކުރުމަށެވެ.
މި ހިނގާލުން ބޭއްވެނީ، 14 ވަނަ ޖޭ.ޕީ.އެސް.ސީ ކޮމްބައިންޑް ސިިވިލް ސާވިސަސްގެ ޕްރިލިިމިނަރީ އިމްތިހާނު ހިމެނޭހެން ތިން އިމްތިހާނެއް ބާތިލުކުރުމަށް ސަރުކާރުން އެއްބަސްވިތާ އެއްދުވަސް ފަހުންނެވެ. އަދި މިދިޔަ އާދީއްތަ ދުވަހު ޖޭ.ޕީ.އެސް.ސީގެ ތިން މެންބަރަކުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ކިޔަވާކުދިންގެ ފަރާތުން ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކުގައި މިނިސްޓަރުން ކަމަށްވާ ދީޕިކާ ޕާންޑޭ ސިންގް، ސަންޖޭ ޕްރަސާދު ޔާދަވް އަދި ޗަމްރާ ލިންޑާ ބައިވެރިވެވަޑައިގެންނެވިއެވެ.
ދަރިވަރުންގެ ލީޑަރު ރަވިންދުރަ ޕަސްވާން ބުނި ގޮތުގައި، މި ހިނގާލުމަކީ ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދާ ހަރަކާތެކެވެ. އޭނާ ވަނީ އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުދިނުމަށާއި، ފުލުހުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިފައެވެ.
މި ހަރަކާތާ ގުޅިގެން ރާންޗީގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެސްލެމްބީ ހިމެނޭ ސަރަހައްދުގައި އެއްވެ އުޅުން މަނާކޮށް، ގިނަ އަދަދެއްގެ ފުލުހުންނާއި ހަމަނުޖެހުން ކޮންޓްރޯލްކުރާ ވެހިކަލްތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
ސަރުކާރުން ބުނާ ގޮތުގައި ދަރިވަރުންގެ ހުށަހެޅުންތަކުގެ 98 އިންސައްތަ މިހާރު ވަނީ ގަބޫލުކޮށްފައެވެ. ނަމަވެސް، އިހުތިޖާޖުގެ ބައިވެރިން ބުނަނީ އެ މީހުންގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަވަންދެން ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ.
އިހުތިޖާޖުގެ ތެރޭގައި ފުލުހުން ފެންބަޑި ޖަހަން ފެށުމުން، ބައެއް ބައިވެރިން އެ ފެނުން ފެންވަރައި، އެކަމަށް ފަރުވާލެއް ނެތްކަން ދައްކުވައިދީފައިވާ މަންޒަރުތައް ވެސް ވަނީ ފެނިފައެވެ. މިއީ ޒުވާނުންގެ ވަޒީފާގެ މުސްތަގުބަލާ ގުޅިފައިވާ، ގިނަ ދުވަސްތަކެއް ވަންދެން ހިތްހަމަނުޖެހުން އުފެދިފައިވާ މައްސަލައެއްކަން ފާހަގަކުރެވެއެވެ.


