ފީފާ އިން ވޯލްޑްކަޕް ކޮމަންޓޭޓަރެއްގެ ހުއްދަ ބާތިލްކޮށްފި
ފީފާގެ ރައީސް އާއި ރެފްރީއަކީ "ވަގުން" ކަމަށް ލައިވް ކޮމެންޓްރީގައި ކޮމެންޓޭޓަރ ވަނީ ސިފަކޮށްފަ
ތުރުކީއާ ދެކޮޅަށް ޕަރަގުއޭ ކުޅުނު މެޗުގައި މިގޭލް އަލްމިރޯންއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން، ފީފާއަށާއި މެޗުގެ އޮފިޝަލުންނަށް ނިސްބަތްކޮށް ހުތުރު ބަހުން ވާހަކަދެއްކި ފުޓްބޯޅަ ކޮމެންޓޭޓަރެއްގެ ވޯލްޑް ކަޕް އެކްރެޑިޓޭޝަން ފީފާއިން ބާތިލްކޮށްފިއެވެ.
ޕަރަގުއޭގެ އަލްމިރޯންއަށް ރަތް ކާޑު ދެއްކީ، ދަނޑުމަތީގައި ހިނގާ ކުރިމަތިލުންތަކުގައި ކުޅުންތެރިން އަނގަ ނިވާކޮށްގެން ތިބުން މަނާކުރާ އައު ގަވާއިދާ ހިލާފުވުމުންނެވެ. މި ގަވާއިދުގެ ދަށުން ދަނޑުން ބޭރުކޮށްލި ފުރަތަމަ ކުޅުންތެރިޔަކީ އަލްމިރޯންއެވެ. މި ހާދިސާއާ ގުޅިގެން ލައިވް ޓީވީގައި ވާހަކަދައްކަމުން ދިޔަ ހޯހޭ 'ޗިޕީ' ވޭރާގެ ކޮންޓްރޯލް ނެއްޓި، ނުރަނގަޅު ބަސްމަގު ބޭނުންކުރީއެވެ.
އަލްމިރޯން ދަނޑުން ބޭރުކޮށްލީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، ތުރުކީގެ މާޓް މުލްޑޫރާ ދިމާލަށް އެއްޗެކޭ ބުނިއިރު އަތުން އަނގަ ނިވާކޮށްގެން ހުރުމުންނެވެ.
އެކަމާ ރުޅިއައިސްގެން ކޮމެންޓޭޓަރު ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރެފްރީއަކީ "ވަގުން" ކަމަށް ސިފަކޮށްފައެވެ. ޕަރަގުއޭގެ ކުޅުންތެރިއަކު މަދުވުމާ ގުޅިގެން، އެބޭފުޅުން "ފުޓްބޯޅަ މަރާލަނީ" ކަމަށް ބުނެ ތުހުމަތުކުރިއެވެ. ނަމަވެސް، ފަހުން އޭނާ ވަނީ އެކަމަށް މާފަށް އެދިފައެވެ. އަދި އޭނާގެ އެކްރެޑިޓޭޝަން ބާތިލްކޮށްފައިވާކަން ހޯމަ ދުވަހުގެ ރޭ 'އެކްސް' މެދުވެރިކޮށް ވަނީ ހާމަކޮށްފައެވެ.
"ޕަރަގުއޭ އާއި ތުރުކީ ބައްދަލުކުރި މެޗު ބްރޯޑްކާސްޓް ކުރަމުން ދިޔައިރު، އަހަރެންގެ ކޮންޓްރޯލުން ނެއްޓި ބަސްމަގު ގޯސްވި،" މާފަށް އެދުނު ދިގު ބަޔާނުގައި ވޭރާ ބުންޏެވެ. "އަހަރެންގެ ގައުމުގެ ކުޅުންތެރިއަކު ދަނޑުން ބޭރުކޮށްލުމުންނާއި، ގައުމީ ޓީމަށް ބޭއިންސާފުވާ ކަމަށް އިހުސާސް ކުރެވުމުން އައި ރުޅީގައި، ރެފްރީއާއި ފީފާ އަދި އެ އިދާރާގެ އިސްވެރިންނަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ބޭނުންކުރެވުނީ"އެވެ.
ވޭރާ ބުނި ގޮތުގައި މި ފިޔަވަޅުގެ ސަބަބުން، ދަނޑުގެ އެތެރޭގައި ނުވަތަ ބޭރުގައިވެސް އޭނާ މަސައްކަތްކުރާ މީޑިއާ އައުޓްލެޓްގެ ވޯލްޑް ކަޕް ކަވަރޭޖްގައި އިތުރަށް ބައިވެރިއެއް ނުވެވޭނެއެވެ. މިކަމާ ގުޅޭގޮތުން ފީފާއިން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެ އިދާރާގެ ކަންކަން ދަންނަ މަސްދަރަކުން ބުނީ، ވޭރާ ބޭނުންކުރި ބަހުރުވަ ބަލައިނުގަނެވޭނެ ކަމަށާއި، އެއީ ޕްރޮފެޝަނަލް ނޫސްވެރިއެއްގެ ކިބައިން ފެނިގެންވާނެ އަމަލެއް ނޫން ކަމަށް ފީފާއިން ދެކޭ ކަމަށެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި، ކުޅިވަރުގެ ގަވާއިދުތަކަށް ފާޑުކިޔުމަކީ ފީފާއިން މައްސަލައަކަށް ހަދާ ކަމެއް ނޫނެވެ. ނަމަވެސް، ވޭރާ ތަކުރާރުކޮށް ފީފާގެ އޮފިޝަލުންނަށް ނިސްބަތްކޮށް ސްޕެނިޝް ބަހުން ބޭނުންކުރި ހުތުރު ބަސްތަކަކީ ކުއްލި ސިހުމެއް ލިބުނު ކަމެކެވެ.
ފީފާގެ މުބާރާތްތަކުން ނޫސްވެރިން ސަސްޕެންޑް ކުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މީގެ ކުރިން ކުރީގެ ރައީސް ސެޕް ބްލެޓާގެ ދައުރުގައި، ފީފާގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރި ނޫސްވެރިޔާ އެންޑްރޫ ޖެނިންގްސް ވަނީ ފީފާގެ ހަރަކާތްތަކުން މަނާކޮށްފައެވެ. ނަމަވެސް އޭނާ ފާހަގަކުރި ގިނަ ކަންތައްތަކަކީ ތެދުކަން ފަހުން އެމެރިކާގެ ކޯޓުތަކުން ވަނީ ސާބިތުވެފައެވެ.
އޭބީސީ ކާޑިނަލް އަދި އޭބީސީ ޓީވީގައި މަސައްކަތްކުރާ ވޭރާ ވަނީ އެ ޗެނަލްތަކުގެ ސްޕޮންސަރުންގެ ކިބައިން ވެސް މާފަށް އެދިފައެވެ. އަދި ފީފާއަށް މާފަށް އެދި ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި، ކުރެވުނު ކަންތަކުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް އޭނާ ބުންޏެވެ.
"ގަވާއިދަކާ މެދު ސުވާލު އުފެއްދުމަކީ ނުވަތަ ރެފްރީގެ ނިންމުމަކާ މެދު އެއްބަސްނުވުމަކީ، އަހަރެންނަށް މިއަދު މިވީ ފަދައިން އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލެންޖެހޭ ސަބަބެއް ނޫން،" އޭނާ އިތުރަށް ބުންޏެވެ. "މި ޕްރޮފެޝަނަށް ބޭނުންވާ ކެތްތެރިކަމާއި އިހުތިރާމް ދެމެހެއްޓުމުގައި އަހަރެން މިވަނީ ނާކާމިޔާބުވެފައި" ވޭރާ ބުންޏެވެ.


