ބައިރޯ ހިފައިގެން ހީރޯ ހެދުނަސް އިންތިއަކީ ޒީރޯ

ބޭބެ ހަވަރަށްދީ ޒަމާން ދުއްވާލުމުގެ އެންމެ އަޑީގައި ހުރި

ބައިރޯ ހިފައިގެން ހީރޯ ހެދުނަސް އިންތިއަކީ ޒީރޯ

އިންތިއެއް ކަމަކު މާބަރަށް ތެޅެންޏާ ފައިބާނީ ހުޅުނބެވެ. އިމްތިޔާޒު ފަހުމީއަށް ކަމުދާ ކަމެއް ރައީސް ސާލިހު ސަރުކާރަކަށް ނުކުރެވޭނެއެވެ. އިންތިހާބަކުން ބަލިވީމާ އަދިވެސް ތިޔަ އުޅެނީ ބަލި ގަބޫލު ނުކުރެވިގެންނެވެ. ޒާތަކަށް އަރިއަކަށް ޖެހި ހުރެގެން ތިޔަފާޑަށް ތިޔަ އުޅެނީ ސްޕޯޓްލައިޓާއި ސިއެސްޓާ ހުށަހަޅާ ދޭކަށް ނޫން ވިއްޔާއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނަތާ ދިހަބާރަ އަހަރު ވީއެވެ. ކުރެވުނީ ކީއްހެއްޔެވެ. ކޮށްދެވުނީ ކީއްހެއްޔެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރަރަކަށް ހުރެގެން ޖުޑީޝަރީއަށް ގެނެސް ދެވުނީ ކޮން އިސްލާހެއް ހެއްޔެވެ. ތިބިއްޔާ ތިބި ގާޒީއެއް ކަޑާ އުކުންނޫން ކަމެއް އެބަކުރަން ހެއްޔެވެ. މީހުންގެ ނަފަރަތާ ރުޅި ސަރުކާރުދެކެ އަންނާނެ ހުރިހާކަމެއް ހީލަތްތެރި ކަމާއެކު އެބަކުރަމު ނޫންހެއްޔެވެ. ތިޔަ ކަހަލަ ޖާހިލު ވިސްނުމެއްގައި ކުރާއެއް ވެސް ކަމަކުން ތިޔަ އެދޭ ނަތީޖާއެއް ހާސިލެއް ނުވާނެއެވެ. 

ބަރުލަމާނީ ސަރުކާރެއް އުފައްދައިގެން ނަޝީދަށް ބޮޑުވަޒީރުކަން ހޯދައިދީގެން ވަޒީރުކަން ކުރުމުގެ ހުވަފެން ކުލަނުވެ ސަފުން ބާކީވުން ނޫން ކަމެއް އެބަ ވޭހެއްޔެވެ. ނުވެއެވެ. ނުވެސް ވާނެއެވެ. ރައްޔިތުންގެ ވިންދާ ދެކޮޅަށް ގައިވީދުން ނޫން ކަމެއް މުޅި ސިޔާސީ ހަޔާތުގައި ކޮށްފައެއް ނެތެވެ. ޑިމޮކްރަސީގެ މައި ރުކުން ކަމުގައިވާ މެޖޯރިޓީއަށް ތަބާވުމުގެ ކަންފުޅެއް ވެސް ތިޔަ ބައިގަޑުގެ އެކެއްގެ ގައިގާނެތެވެ.  

އެމްޑީޕީގެ ސްޕޯކްސް ޕަރސަނަކަށް ހުރެ އެމްޑީޕީއަށް ކޮށްދިން މޮޅު ކަމަކީ ކޮބާހެއްޔެވެ. އެމްޑީޕީގެ ސޫރަ ރީތި ކުރެވުނު ހެއްޔެވެ. ޑިމޮކްރަސީގެ ނަމުގައި ދިވެހިވެށި ހަރާބު ކުރުމުގެ ހުތުރު ނަން ނޫން އެއްޗެއް ތިޔަ ބައިގަނޑާ ހެދި އެމްޑީޕީއަށް ލިބުނު ހެއްޔެވެ. ދެއްކިހާ ވާހަކައިން ގިނަ ބައެއްގެ ނަފްރަތާއި ރުޅިވެރިކަން ނޫން އެއްޗެއް އެމްޑީޕީއަށް ހޯދާ ދެވުނު ހެއްޔެވެ. 

ބޮޑު ޖަލްސާއެއް އޮތިއްޔާ މުޅި ބޮލުން ފޭދޭ ވަރަށް ތެޔޮލާ ޓިންޓިން ސަޑު ނަގައިގެން ޕޯޑިއަމުގައި ބައިސާ ކެޑުން ނޫންކަމެއް ކުރެވުނު ހެއްޔެވެ. ހައްގަކީ ބާތިލަކީވެސް އިންތި ދެކޭގޮތެވެ. ސަރުކާރުގެ މެދުވެރިކޮށްގެން އިންތިމެން ޖަހަން ތިޔަ އުޅެނީ ކޮން ސަކަރާތެއް ކަން އެންމެނަށް ވެސް އެބަ އެނގެއެވެ. 

ނަޝީދު ނޫން މީހަކު ވެރިކަމުގައި ހުރިއްޔާ އިންތިމެން އުޅޭނީ ތިފާޑަށެވެ. މެޖޯރިޓީއަށް ތާއީދު ކުރުމަކީ އިންތިމެން ދަންނަކަމެއް ނޫނެވެ. އިންތި ދެކޭ ގޮތުގައި އެންމެން ވެސް ވިސްނަންވީ އިންތިމެންގެ ސިކުނޑިންނެވެ. ބަޔަކު ގަޅަހައްދައިގެން އިންތިމެނަށް އުޅެވުނު ޒަމާ ހިނގައްޖެއެވެ. ތިޔައީ ވެސް މިހާރު މާޒީއެވެ. ސަފުން ބަކީވެގެން ފުސްމޫނު ދެއްކިޔަސް ލޮއްސަން ފަހަތުން ހިނގާނެ ބަޔަކު މިހާރަކު ނެތެވެ.

ބައިރޯ ހިފައިގެން ހީރޯ ހެދުނަސް އިންތިއަކީ ހަމަ ޒީރޯއެވެ. އެކަން ޗެއަރޕަރސަންގެ އިންތިހާބުން ފެނިއްޖެ ނޫން ހެއްޔެވެ. ބަލިވީމާ ބަލި ގަބޫލުކޮށް ގުޅެގެން އުޅެވޭ ވަރަށްވުރެ މާބޮޑަލެވެ. ނުރުހި ދުރަށްދާން ކެރޭ ވަރަށް ފިޑިއެވެ. ދެކޮޅު ކޮސް މެދު ރ..އެވެ.

ގާނޫނީ ބިލު ޑްރާފްޓްކޮށް ހުށަ ހެޅުމުގެ ބާރު މެންބަރުންނަށް އެބައޮތެވެ. ތިޔަހާ މޮޅިއްޔާ ޖޫޑިޝަލް ސަރވިސް ކަމިޝަނުގެ ކޮމްޕޮޒިޝަން ބަދަލު ކޮށްދޭންވީ ނޫން ހެއްޔެވެ. އެކަން ނުކުރާން ތިޔަ ހުންނަނީ އައްނިއަށް އެތަނުން ނިކުންނަށް ޖެހިދާނެތީ ނޫން ހެއްޔެވެ. މުޅި އާއިލާގެ ގިނަ ބޭފުޅުން ތަކެއް ޝަރުއީ ނިޒާމަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވިޔަތީ ޖުޑިޝަރީއަށް ފާވެގަނެ އިނދެގެން އެ ބޭފުޅުންގެ ނަން ހަރާބު ކުރުން ނޫން ކަމެއް އެބަކުރަން ހެއްޔެވެ. ކުރަން އުޅެނީ ކީއްކަން އޮޅިގެން އުޅޭ އެކަކު ވެސް ނެތެވެ.

ތިޔަ ބައިގަނޑުގެ އަމިއްލަ އެޖެންޑައަށްޓަކާ އިމްތިޔާޒު ތިޔައީ އަމިއްލަ ބޭބެ ހަވަރަށްދީ އެ ފަކީރުގެ ޒަމާން ދުއްވާލުމުގެ އެންމެ އަޑީގައި ހުރި މީހާ ނޫން ހެއްޔެވެ. އަފްރާޝީމަށް ވީވަރު ނުވެ އެފަކީރު ސަލަމަތްވީ ތިމާގެ ބޭބެއަށް ވީތީ ނޫން ހެއްޔެވެ. ދުލުގައި ހިފާ ދަމަން ނުހަދާށެވެ.