ގައުމިއްޔަތު ދިރާސާކުރާ ކަރުދާހު މަރުކަޒު
ފޭކެއް ސޭކެއް ވަތްކެއް ނުވޭ
ފޭކެއް ސޭކެއް ވަތްކެއް ނުވެއެވެ. ނޭދޭ ގޮތަށް ދެއްކެވޭ ކޮންމެ ވާހަކައަކީ ފޭކެކެވެ. ށަވިޔަނިސް ފޭކެވެ. ޅެން ކްލިނިކް ވެސް ފޭކެވެ. ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފެއްދި އުފެއްދުން އަދި މާ ފޭކެވެ. ކުރާކަންކަމާ ދައްކާ ވާހަކައިން ވަޒީރަކީ ސޭކެކޭ ކުދިވެރިން ނުކިޔާ ވަރެއް ނޫނެވެ.
އުފެއްދި ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަކީ ކަރުދާހު މަރުކަޒެކެވެ. ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފެއްދިކަމަށް ބުނި ދުވަހު މުއިއްޒު ބުނި ބުނުން ފިޔަވާ ތަރިކަ މަރުކަޒެއް އުފެއްދިކަން ދެނަހުރި މީހަކު ގައުމިއްޔަތު ވުޒާރާގައިވެސް ނެތެވެ.
ދިވެހި ގައުމިއްޔަތު އާލާކުރުމުގެ ގައުމީ ނިޒާމެއްގެ ތެރެއިން އުފެއްދި ތަނެއް ކަމަށް އުފެއްދި ކަމަށް ބުނި ދުވަހު މުއިއްޒު ބުންޏެވެ. ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ދިވެހިބަހާއި ތާރީހާއި ސަގާފަތާއި ތަރިކައާއި އާދަކާދަ ދިރާސާ ކުރާނެ ކަމަށް އެ ދުވަހު މުއިއްޒު ބުންޏެވެ. ގައުމީ އަރުޝީފަކާއި ގައުމީ ދާރުލްއާސާރަކާއި ބަހުގެ އެކަޑަމީއެއް އޮތްއިރު އަނެއްކާ ކޮން ދިރާސާ މަރުކަޒެއް ހަދާކަށް ހެއްޔެވެ.
އިލްމީ ދިރާސާތައް ހަދަން ގައުމީ މަރުކަޒެއް ނުހެއްޖަސް ބޮޑުސިންގާ ގައުމީ ދެ ޔުނިވާރސިޓީ ރާއްޖޭގައި އެބަހުއްޓެވެ. މޭންޑޭޓްގައި ނެތިއްޔާ އެތަންތާނގެ މޭންޑޭޓަކަށް ހައްދައިގެންވެސް އިލްމީ ދިރާސާތައް ކުރުވަން ޖެހޭނީ ޔުނިވާރސިޓީތަކާއި ކޮލެޖުތަކުންނެވެ. ގައުމިއްޔަތު މިނިސްޓްރީގައި އުފައްދާ މަރުކަޒަކުން ނޫނެވެ.
ދުވަސްކޮޅަކު ދިވެހި މުދައްރިސްކަން ކޮށްލާ ވަޒަން ހަމަކޮށް ރީތިކޮށް ޅެންހަދަން އެނގުމުން ގައުމިއްޔަތު މިނިސްޓަރރު ކަމަށް މީހެއްގެ ކުފޫ ހަމަކަމަށް ހީވެ ވަޒީރުކަން ދިނީމާ ނުވެ ނުދާނެ ގޮތް މިވަނީއެވެ. ކޮލެޖު ހިންގާން ޖެހޭނީ ގައުމިއްޔަތު ވުޒާރާއިންނެވެ. ދިރާސާ މަރުކަޒާއި ޗާާޕްހަނާވެސް ހިންގަން ޖެހޭނީ ގައުމިއްޔަތު މިނިސްޓްރީންނެވެ. މާލޫދު ޕާޓީއަކާއި ލަވަޕާޓީއެއް ނުހަދާ ސަލާމަތް ވާނެއެކޭ ހިތެއް ނުބުނެއެވެ.
އަޖައިބެކެވެ. ފަސް އަހަރުގެ ދައުރަކަށް އިންތިހާބުވާ ސަރުކާރެއްގެ ވުޒާރާއަކުން އުފަންކޮށް ދިރުވާ އާލާކުރެވޭނީ ކޮން ގައުމިއްޔަތުގެ އިލްމެއް ހެއްޔެވެ. ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ ހަގީގީ ނިޔަތެއް އޮތްނަމަ ސަރުކާރުން އެކަން ކުރާނީ ޔުނިވާރސިޓީތައް މެދުވެރިކޮށެވެ.
ވުޒާރާއެއްގެ ބޭނުމަކީ ސިޔާސަތުތައް ކަނޑައަޅައިގެން ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް ތަންފީޒު ކުރުވުމެވެ. ކޮންމެ ކަމަކަށް ވުޒާރާގެ ދަށުން އިދާރާއެއް ހަދައިގެން ރަނބަ ގިރުވުމެއް ނޫނެވެ. ގައުމީ އަރުޝީފާއި ގައުމީ ދާރުލް އާސާރާއި ގައުމީ ބަހުގެ އެކަޑަމީއާއި ގައުމީ ކުތުބުހާނާއާއި ގައުމީ ޕާފޯމިންގ އާރޓްސް ސެންޓަރާއި ގައުމީ ޔުނިވަރސިޓީއާއި މިހުރީ ހައްތަހާވެސް ތަންތަނެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަކީ ދިވެހި ގައުމިއްޔަތު އާލާކުރުމުގެ ގައުމީ ނިޒާމުގެ މަސައްކަތް ކުރުމުގެ ބޭނުމުގައި އުފެއްދި ތަނެއް ކަމަށް ބުނި އިރު ސިވިލް ސާރވިސް އޮނިގަޑުތެރެއަކު އެތަނެއް އަދިނެތެވެ. އެ މަރުކަޒެއް ހުންނަ ތަނެއް ކުރާކަމެއް އެނގޭ މީހަކު ނެތެވެ. ކުޑަމިނުން މުއައްޒަފުން ވެސް ތިބި ކަމަކަށް ނުވެއެވެ. އުފެއްދި ފަހުން ހަތަރުމަސް ވީއެވެ. އެ މަރުކަޒަކުން ކުރިކަމެއް ކުރާކަމެއް 6 މަހުގެ ކާމިޔާބީގައި ވަޒީރަށް ބުނެ ނުލެވުނީ ކަމެއް ނުކުރެވޭތީއެވެ.