ޕީޕީއެމުން މަޖިލިހަށް ހޮވޭ އެންމެން ޕީއެންސީއަށް!
އަދުރޭއަށް އެރުވޭނެ ފޮނެއްނެތި މުއިއްޒު ޖެހޭނީ އުނބަށް ޖަހަން
ރިޔާސީ އިންތިޚާބަށް ފަހު ފެނުނީ ޕީޕީއެމަކީ ޕީއެންސީގެ ޓިޝޫޕޭޕަރަށް ހެދިތަނެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީން ފޮހުނު އެއްޗެއް ފޮހެފައި އެއްލާލި ޓިޝޫ ޕޭޕަރު ގަނޑަކަށް އެ ވަރުގަދަ ބޮޑު ޕީޕީއެމް ހަދަތްޕޭ ހީވާ ވަރަށް ބުރާސްފަތި ދުވަހު އަދުރޭ މީޑިއާ ކުރިމަތީގަަި ނެގިނެގިފައި ޖެހެފިއެވެ.
ރިޔާސީ އިންތިޚާބުގެ ބެނަރތަކާ ޕޯސްޓަރު ތަކުގައި އޮތީ ޕީޕީއެމްގެ އަސުރުމާ ކުލައެވެ. އެންމެ ވަރުގަދަ އަދި އެންމެ ކުރީގައި ހުންނެވި ފޮޓޯފުޅަކީ ރައީސް ޔާމީނެވެ. އެރި ވަޖިދުގައި ޕީޕީއެމް މެމްބަރުން ގޮސް ވޯޓުއަޅާ ނަމްބަރު 4 ރާއްޖޭގެ ވެރިކަމަށް ހޮވިފަހުން މަންޒަރު ބަދަލު ވެއްޖެއެވެ.
މުޅި ވެރިކަން އެއީ ތިންހާސް ކިރިޔާ ހަމަވި އަދުރޭ ޕާޓީގެ އެއްޗެކޭ ހީވެއްޖެއެވެ. މަގާމު ތަކަށް ލާންވީ މީހުންނާ ކެބިނެޓާ ޕީޕީއެމާ އަޅާ ގާތް ނުވާ ހިސާބަށް އަދުރޭގެ ވާހަކައިން ޕީޕީއެމް ފޭކޮށްލި ފަހުން އަދި ޕީޕީއެމްގެ ބޭނުން ނުކެނޑޭކަން ވިސްނިއްޖެއެވެ.
އެހެން ކަމުން ރައީސް މުއިއްޒު އޭގެ ފަހުން ވިދާޅުވީ އަންނަ މަޖިލިސް އިންތިޚާބްގައި ވާދަކުރާނީ ޕީޕީއެމް ޕީއެންސީ ގުޅިގެން މަޖިލިހުގެ ސުޕަރ މެޖޯރިޓީ ނެގުމަށް ކަމަށެވެ. ރަނގަޅެވެ. ވޯޓުނުލާހާ ހިނދަކު ޕީޕީއެމާ ޕީއެންސީ ގުޅިގެން އެކުގައެވެ. ވޯޓްނަގާ ނިމުނީމާ ޕީއެންސީ އެކަންޏެވެ. އެއްގުއިރޯނުން ވަސް ނުކެނޑެނީސް ޕީޕީއެމް މެމްބަރުން އަނެއް ގުއިރޯނުގައި ޖައްސަން އުޅެވޭނީ ތިޔަ ވަރަކަށެވެ.
ގުޅިގެން ވާދަކޮށްގެން ގޮނޑިތައް ނަގާ ނިމޭއިރު ދެން ކަންވެފަައި އޮންނާނީ ހޮވި ނިމުނު އިރު ޕީޕީއެމްގެ ސެމްބެ ޕީއެންސީގެ މެމްބަރަކަށްވީ ގޮތަށެވެ. އެއްކޮށް ކެމްޕޭންކޮށް މަޖިލިސް ގޮނޑިތަކަށް ހޮވި ނިމޭއިރު ހޮވުނު ހުރިހާ ޕީޕީއެމް މެމްބަރުން ތިބޭނީ ސެންބެ އަށްވީހެން ޕީއެންސީ މެމްބަރުން ކަމުގައި ހަދާފައެވެ.
ޕީޕީއެމާ ރަންކޮޅާއެވެ. މުއުމިނެއްގެ ގަޔަށް އެއް ހޮރަކުން ދެފަހަރަކު ކައްޓެއް ނުޖެހޭނެއޭ ބުނާ ބުނުން ދަންނަމު ނޫންހެއްޔެވެ؟ މަޖިލިސް އިންތިޚާބުގައި އަދުރޭ އެހަދަން އުޅޭ ހީލަތުގައި ޕީޕީއެމް ޖެހިއްޖެއްޔާ ޕީޕީއެމާ ރައީސް ޔާމީނުގެ ދުވަސް ދާނެއެވެ. އެވަރުގަދަ ޑީއާރުޕީ އާއި ރައީސް މައުމޫނާއި އެހެރަ ގަދަފަދަ އަންނި އަށްވީ ގޮތް ތިޔަ ޕީޕީއެމާ ރައީސް ޔާމީނަށް ވެސް ނުވެއެއް ނުދާނެއެވެ.
ހޭއަރާ ތިބެ ކެރިގެން ރޮނގު ދަމާލާށެވެ. ޕީއެންސީ އާ ވަކިން ތިޔަ ޕާރޓީއާ ރައީސް ޔާމީނަށްޓަކާ ކެރިގެން ނުކުމެ މަޖިލިސް އިންތިޚާބްގައި ޕީޕީއެމްގެ ގޮނޑިތައް ވަކިން ނަގާށެވެ. އެ ދުވަހަކުން އިދިކޮޅުގައި ހުރި ހުރިހާ ގޮނޑި އޮންނާނީ އެކައްޗެއް ކިޔައިގެންނެވެ. އޭރުން އަދުރޭއަށް އެރުވޭނެ ފޮނެއްނެތި މުއިއްޒު ޖެހޭނީ އުނބަށް ޖަހާށެވެ.
މިނޫން ގޮތެއް ހަދައިފިނަމަ ރައީސް ޔާމީނާ ޕީޕީއެމް އަކީ މި ރާއްޖޭގެ މާޒީކަމުގައިވެ ނިމޭނެއެވެ. ޑީއާރުޕީ އާއި ރައީސް މައުމޫނަށް ވީހެނެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުން އައިސް ތިޔަބައިމީހުން ބޭނުންކޮށްގެން މުއިއްޒު ރާއްޖޭގެ ވެރިކަމަށް ހޮވުނު ގޮތް ދެކި ބަލާށެވެ. ހުވާ ނުކުރެވެނީސް ކަންކުރަން ފެށިގޮތް ނޭނގެންޏާ ޕީޕީއެމް މެމްބަރުން ތިޔަ ތިބީ އެކީ އެއްފަހަރާ ދޮޅުރޯނާވެ ނިމިފައެވެ.