ގައުމީސަލާމަތުގެ ނަމުގައި ހަތިޔާރުގެ ވިޔަފާރިފެށީ ގައުމުދަވާލަން!

ކޮންމެހެން ހިންގަންޖެހޭ ޕްރޮޖެކްތައްވެސް ލޯނު ނުނަގާ ހިންގެން ނެތްކަމަށް ވަޒީރުން އެބަ ބުނެއެވެ. ދަރަނީގެ ހާލަތު ހުރިގޮތުން ބޭރުން ދަރަނި ލިބޭން އޮތް ކަމަކަށްނުވެއެވެ. ޑޮމެސްޓިކް ލޯނެއް ލިބޭނެ ގޮތެއް އޮތްކަމަކަށް ވެސް ނުވެއެވެ. އެމްއެމްއޭއަށް ބިންވިއްކައިގެންވެސް ހަރަދު ބަރަދު ހަމަޖެއްސޭވަރު ސަރުކާރުގައިނެތެވެ.
އާސަންދަ ނުލިބިގެން ރައްޔިތުން ތެޅެފޮޅެނީއެވެ. ލިބޭ އާސަންދައަކީވެސް ވޭންދެނިވި އަނިޔާއަކަށް ވަނީ ބަދަލުވެފައެވެ. އާސަންދައިގެ ދަށުވެގެން ރާއްޖޭން ބޭރުން ބޭސް ފަރުވާކުރާ ގިނަ މީހުން ތިބީ ބިކަވެ މަގުމަތިވެފައެވެ.
ސަރުކާރުގެ ލޯންސްކީމުގައާއި ސްކޯލަރޝިޕް ތަކުގައި ކިޔަވަން ރާއްޖޭން ބޭރުގައި ތިބިހާ ދަރިވަރުން ރާއްޖޭން ބޭރުގައި ތިބީ ގޮތް ހުސްވެފައެވެ. ކާޑާއި ތެލާނުގަނެވެސް ރާއްޖޭން ބޭރުގައި ތިބި ދަރިވަރުންނަށް ފައިސާ ފޮނުވާނަމޭ ރައީސް ބުނާ ހިސާބަށް ދިޔުމުން ކަން ގޯސްވެފައިވާ މިންވަރު ވަޒަން ކޮށްލެވޭނެއެވެ.
ބޭރުގައި ކިޔަވާކުދިންނަށް ފައިސާ ދައްކާދީފައި ކާޑާއި ތެލަށް ފައިސާ ނުދެއްކިއްޖެނަމަ ދެންވާނެ ގޮތް ހިތަށް އަރުވާލާށެވެ. ގައުމު ހިނގުމަށް ބޭނުންވާ ތެލެއް ނުލިބޭނެއެވެ. ތެޔޮ ނުލިބުމުން ކަރަންޓް ކެނޑިގެން ޖެހޭނީ ކަނުއަދިރީގައި އުޅޭށެވެ. ކަރަންޓް ނެތިއްޖެ ނަމަ މުޅިގައުމު ހުއްޓޭނެއެވެ. ހިނާ ތާހިރުވެސް ނުވެވޭނެއެވެ. ތެޔޮ ނުލިބިގެން ދަތުރުފަތުރު ހުއްޓޭނެއެވެ. މަހަށް ފަރަށް ދިޔުމާއި އެއްރަށުން އަނެއް ރަށަށް ދިޔުމާއި އެއްތަނުން އަނެއްތަނަށް ދިޔުމަކީ ވެވޭނެ ކަންކަމެއް ނޫނެވެ. އަނެއްކޮޅުން ކާޑު ނުގަނެވޭވަރު ވެއްޖެނަމަ ރައްޔިތުން ބަނޑަށް ޖެހޭނެއެވެ. މިހާރުވެސް ގައުމީ ރިޒާވްގައި 3 މަސްދުވަހުގެ ކާޑާ އެއްވަރުގެ ރިޒާވެއް ހުރި ކަމަކަށް ނުވެއެވެ.
ގައުމުގެ ހާލަތު މިހާ ހިސާބުގައި އޮތްއިރުވެސް ސަރުކާރުގެ އިސްރާފްކުރުން އޮތީ އިންތިހާގައެވެ. ބޭރު ގައުމުތަކުގައި އެތައް އެންބަސީއެއް ބަހައްޓައިގެން އެތަންތަނުގެ ވަޒީފާއަށް އައުވާނުންގެ އާއިލާތައް ފޮނުވައިގެން ބޭރުފައިސާ ތަޅާބުރުވުމެއް މުއިއްޒު ހުއްޓައެއް ނުލިއެވެ. ބޭކާރު ވުޒާރާތަކާއި ސިޔާސީ ވަޒީފާތައް މަދެއް ނުކުރިއެވެ.
އެހެން އެހުރިހާ ކަމެއް ހުއްޓާ އިންޑިއާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި މަނަވަރެއް ހޯދައިގެން އެ ހިންގާ ބެލެހެއްޓުމަށް އެތައް މިލިޔަން ރުފިޔާއެއް ދައުލަތުން ހޭދަކުރުމާ މަތިވީއެވެ. ރާއްޖެއަށް އެތައްހާސް އަހަރެއް ވެގެން ދިޔައިރު ގައުމުގެ ސިޔާދަތު ރައްކާތެރި ކުރެވުނީ މިސައިލާއި މަނަވަރާއި ބަރު ހަތިޔާރަކުން ނޫނެވެ.
މީގެކުރިންވެސް އެއަރފޯސް އުފެއްދީއޭ ކިޔައިގެން ތުރުކީން ޑްރޯން ގަނެ އެތައް މިލިޔަން ޑޮލަރެއް ހަރަދުކޮށްފިއެވެ. އަނެއްކާ މަނަވަރެއް ހޯދައިގެން އެއަޢް ބޭނުންވާ ހަތިޔާރާ ވަސީލަތް ތުރުކީން ގަނެގެން ޖަހަން މިއުޅެނީ ކޮން ސަކަރާތެއް ހެއްޔެވެ. ރާއްޖޭގެ ވަށައިގެން މިއޮތް އަސްކަރީ އެއްވެސް ބާރަކާ ކުރިމަތިލެވޭ ވަރުގެ ގާބިލުކަމެއް މީން ޒަމާނަކު ނުލިބޭނެއެވެ. ރާއްޖެއާއި ހަތުރުވެރިވެގެން ދުނިޔޭގެ އެއްވެސް ބަޔަކު ނޫޅެއެވެ. ދިފާއުގައި ކަމެއް ކުރަން ޖެހޭނީވެސް އެެހެން ނަމަތާއެވެ. ރާއްޖޭގެ ސިޔާދަތުގެ ނަމުގައި ހަތިޔާރުގެ ވިޔަފާރި ކޮށްގެން ތިޔައުޅެނީ މުއިއްޒުގެ ޖީބުފުރާލާށެވެ.