ފިރުއައުނުގެ ކަހީނުންނެކޭ މުއިއްޒުގެ އައުވާނުނެކޭ ތަފާތެއްނެތް!

ފިރުއައުނުގެ ކަހީނުންނެކޭ މުއިއްޒުގެ އައުވާނުނެކޭ ތަފާތެއްނެތް!

ޕީއެންސީ އުފައްދާ ނަގަހައްޓަމުން އައި މީހުން ތިބިގޮތަށް ތިއްބާ ވައިކުޑައިގާ ޕީއެންސީއަށް ފައިބާ ޔާމީނު ވިދާޅުވާހެން މިނިކާ ބާޒެއްހެން ޑރ. މުއިއްޒު ޕީއެންސީ ޖަހައިގަތީއެވެ. އަދުރޭ އާއި ވެސް އެކުގައެވެ. ކަޅުއޮށު ބަނޑުދަށުގައިހުރެ ކޮރަކަލި ބޮޑުވެ ކަޅުއޮށް ކާލާހެން އެއޮތް ބޮޑު ޕީޕީއެމް މުއިއްޒު ކާލީ ކަރުގައި އަަޅައިގަތުމެއް ނެތިއެވެ.

ދެނަކާ ދެނެއްނެތެވެ. ހުސްގޮނޑިއެއް ދައްކައިގެން ރިޔާސީ އިންތިހާބު ވެސް މުއިއްޒު ނެގީ ވަގަށެވެ. ޕީޕީއެމްގެ ދެ ނައިބު ރައީސުން ބޭނުންކޮށްގެން ސެނެޓް ވެސް ދޮންކަޅު އަންގާނުލާ ނެގީ ވަގަށެވެ. 2023 ވަނަ އަހަރު ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން ލިބުނުހާ ފައިސާ ވެސް ނެގީ ވަގަށެވެ. މަޖިލީހުގައި ޕީޕީއެމަށް ތަމްސީލްކުރަން ފުރުސަތުނުދީ ޕީޕީއެމްގެ ފައިސާއާއި މެންބަރުންނާއި ތާއީދު ބޭނުން ކޮށްގެން ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުވެސް ނެގީ ވަގަށެވެ. ޕީޕީއެމްގެ މެންބަރުންނަށް ހިލަންވެސް ނުކޮށް ޕީޕީއެމްގެ މެންބަރުންތައް ވެސް ނެގީ ވަގަށެވެ. އެންމެ ފަހުން ބިޔަ ބޮޑު ޕީޕީއެމް އެކީ އެކައްޗަކަށް ވަގަށްނަގާ ޕީޕީއެމް ވުޖޫދުންވެސް ފުހެލީއެވެ.

އެޔެއް މިޔެއް ނުބަލާ ބޮޑެތި އާއިލާތަކަށް ވަޒީފާތައް ބަހާލައިގެން އައުވާނުން އިތުރު ކުރަންފެށީ އަމަށަކުން ނޫނެވެ. ސަރުކާރުން މުސާރަ ލީބޭ މީހުން ހާޒިރުވާނެ އޮފީހެއް ކުރާނެ ރަސްމީ މަސައްކަތެއް ނޯވެއެވެ. ސަރުކާރުން ސިޔާސީ މުސާރަ ދޭ އެންމެން ކުރަން ޖެހޭ ކަމަކީ ޕީއެންސީއަށް މެންބަރުން ވެއްދުމާއި ސޯޝަލް މީޑިއާގައި މުއިއްޒަށް ސަނާކިޔާ ކުރާހާ ވައްކަމާއި ހަދާ ދޮގުތައް ފޮރުވަން މަސައްކަތް ކުރުމެވެ.

މުއިއްޒުގެ ވަށައިގެން އުޅޭ އެކިފަށަލައިގެ މީހުނަށް ފަށަލައިގެ ކައިރި ދުރުމިނުން ލިބޭ ބާރުތަކާއި އިހުތިޔާރުތަކާއި އިނާޔަތްތަކާއި ފުރުސަތުތައް ތަފާތެވެ. ކޮންމެ ފަށަލައެއްގައި ހުރި މީހެއް ނަމަވެސް މުއިއްޒާއި މުއިއްޒުގެ ވަށައިގެންއުޅޭ އައުވާނުން ދިފާއުކޮށް ކުރާހާ ވައްކަމާއި ފަތުރާހާ ފިތުނައާއި ހަދާހާ ދޮގު އޮމާންކޮށްދީ ހަމަ އަަޅުވާދޭން ޖެހެއެވެ. 

މުއިއްޒު ނޫން އެެހެން އެއްވެސް މީހެއްވެސް ބާރެއްވެސް ނުއޮންނަ ވަރަށް ރައްޔިތުން އަޅުވެތިކޮށް ރައްޔިތުންގެ ބާރު ކަނޑުވާލަން ވެސް ހުރީ ދިމާކޮށްފައެވެ. ފިރުއައުނު ގެންގުޅުނު ކަހީނުން ކަހަލަ ބަޔަކު މުއިއްޒުގެ ވަށައިގެން ތިބެ މުއިއްޒު އެއްކައުވަންތަ ކުރާން އުޅޭ ކަހަލައެވެ. މުއިއްޒުގެ އައުވާނުންގެ ބައިގަނޑު ދައުލަތުގެ މުދަލާ ފައިސާއިން ވައްކަންކޮށް ފޭރި ލޫޓުވާލާ ހަދަނީ އެކަންޏެއް ނޫނެވެ. ސަރުކާރުގެ އިދާރާތަކުގައި ހުންނަ މީސްމީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ޕީއެންސީގެ މެންބަރޝިޕްވެސް ބޮޑުކުރަނީއެވެ. މީހަކު ކުރިން އަހާލުމެއް ކަހާލުމެއް ނެތެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު އާބާދީއަށް ވުރެ ބޮޑުކޮށް މުއިއްޒަށް ދައްކައިގެން އެމީހުން ބޭނުންވަނީ މުއިއްޒުގެ ދުނިޔެ ރަންކޮށްލާށެވެ. 

ކޮޅުނެތް ކޮޅަށް މުއިއްޒަށް ހުޝާމަދުކޮށްގެން އަތުޖެހުނު އެއްޗެއް ދަމައިގަނެވުނު ގޮތަކަށް ދަމައިގަންނަން މުއިއްޒުގެ އައުވާނުން އެތިބީ ފޫގަޅާފައެވެ. މުއިއްޒުގެ މައްޗަށް ރައްޔިތުންގެ ހިތުގައި މާމައްޗަކަށް ލޯތްބާއި ރުހުން އޮތްކަން ދައްކައިދޭން ޕީއެންސީގެ މެންބަރޝިޕް ބޮޑުކުރުމުގައި ބަޔަކު އެއުޅެނީ ހޭބޯ ނާރައެވެ. ފިރުއައުނު އެއްކައުވަންތަކުރަން އުޅުނު ކަހީނުންގެ ބައިގަނޑެކޭ މުއިއްޒުގެ އައުވާނުނެކޭ އެއްވެސް ތަފާތެއް ނެތެވެ.