އަންނި ކޮށިއަރުވާލި ޖަލްސާ
ނަޝީދަށް ވޯޓުދިން ގިނަ މީހުންތިބީ ޕާޓީ ކެންޑިޑޭޓް ފަހަތުގާ ގަދަކޮށް
# އަންނިއާއި އެކު ދަ ޑިމޮކްރެޓްސް އަށް - ޓެގްކޮށްގެން ބޭްއްވި ޖަލްސާ ވެގެން ދިޔައީ އަންނި ކޮށިއަރުވާލި ޖަލްސާއަކަށެވެ. މުކޮހަށް އަންނި ސޮއިކުރަން ހެދި ގޮނޑުދޮށުގައި ޖަލްސާ ބޭއްވީ މުޅި މާލެތެރޭގައި އަޑުގަދަކުރާއިން ގޮވާ އާދޭސް ކޮށްފައެވެ. ޖަލްސާގެ އެންމެ ފޯރިގަދަ ގަޑީގައިވެސް އެތާކު މާގިނަ ބަޔަކު ނެތެވެ. މުޅިއެކު އެތާހުރީ އެއްބަރިއަށްވުރެ އަނެއްބަރި ކުރުކޮށް ބަޅުކޮށް އޮތް ހަބަރި ގޮނޑިއެވެ. ޕްރައިމަރީގައި ބޭއްވިވަރުގެ ޖަލްސާއަކަށް ވެސް އެ ޖަލްސާ ނުވިއެވެ.
# އަންނިއާއި އެކު ދަ ޑިމޮކްރެޓްސް އަށް - ޖަލްސާގައި ނަޝީދު ހީކުރި ވަރާ ގާތަށް ވެސް ނަޝީދާއެކު ދަ ޑިމޮކްރެޓްސް އަށް މީހަކު ސޮއެއް ނުކުރިއެވެ. އަރައިގެން ރުޅީގައި ވަރުބޭލީ އެމްޑީޕީއަށެވެ. ވަޒީފާގެ ބޭނުމުގައި ސަރުކާރުގެ މަގާމު ތަކުގައި ތިބި ނަޝީދުގެ އައުވާނުން މަގާމް ދޫކޮށް މުކޮހުންގެ ތެރެއަށް އައިސް ވަނުމަށް ނަޝީދު ގޮވާލީމާ ދެތިން ކެނަޔަކު އަޔަސް ރަނގަޅު ސިޔާސީ މީހަކު އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓި ނުގަންނާނެކަން ނަޝީދަކަށް ނޭނގުނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދައިރާގެ މެންބަރު އަލީ ހުސައިނަށް އެމްޑީޕީގެ ފުލުވަކަކީ ނަޝީދޭ ހީވެ ކަންބޮޑުވެގެން ޓްވީޓެއް ކުރިޔަސް އެމްޑީޕީގެ ފުލުވަކަކީ ނަޝީދުކަމަށް ވެގެނެއް އެމްޑީޕީއަކުން ނޫޅެއެވެ. ގާސިމު ނެތިއްޔާ ޖުމްހޫރީ ޕާޓީ ވުޖޫދުގައި ނެތި ރޫޅިގެން ދާނެކަން ކަށަވަރުވާ ޖުމްހޫރީންނަށް ކަށިކެޔޮގަޑެއް ގޮތުގައި ޖުމްހޫރީ ޕާޓީ ސިފަވުމަކީ އެމްޑީޕީއަކީ ކަށިކެޔޮ ގަނޑެއްގޮތުގައި އަލީމެނަށް ސިފަވެދާނެ ކަމެކެވެ. ކައްޓަފުޅިއަށް ފެންނާނީ އޭތި އޮންނަވަޅުގެ އެތެރެ އެކަންޏެވެ.
އަލީ ހުސައިނުގެ ޓްވީޓް ފެނި ފުލުވަކަށް ހެދި ގަނެގެން އެމްޑީޕީ ރޫޅާލަން ގޮވިޔަސް ނަޝީދަކަށް އެކަމެއް ނުވާނެއެވެ. އިރެއްގައި މުޅި ޕާޓީ އަންބޮނޑިއަށް ލައިގެން ކީހާލަވައަކަށް ނެށި ޒަމާން ފަސްދީ ހިނގައްޖެއެވެ. އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއެވެ. އެ ޕާޓީއަކީ ތަފާތު ހިޔާލަށް ޖާގައޮވެ ހިޔާލު ތަފާތު ވުމުން ހައްލު ހޯދައިގެން ކުރިއަށްދާން ދަންނަ ތަސައްރަފު ފުދިފައިވާ ޕާޓީއެކެވެ. ވަކި މީހަކު ބާރުވެރިކޮށް ވަކިމީހަކު ސައިޒްކުރާ ޕާޓީއެއް ނޫނެވެ. ކޮންމެ މީހަކަށްމެ އެންމެ މައްޗަށް އެރުމުގެ ދޮރު ހުޅުވިފައިވާ މިނިވަން ހިޔާލުގެ ޕާޓީއެކެވެ. ވަކި މީހަކަށްޓަކައި ހުއްޓި ތަޅުލެވިފައިވާ ޕާޓީއެއް ނޫނެވެ.
އެމްޑީޕީގެ ދަފްތަރުގައި ނުޖައްސާ މެންބަރުންނަށް ހަދައިގެން ގެންގުޅުނު 39ހާސް މީހުން މަގުމަތިކޮށްލި ހަސަން ލަތީފު ބުނާ އިރަށް އަނެއް ބޮނޑިބޯން މީހަކު ހަސަނުމެންނަކާ ނުގުޅޭނެ ނޫން ހެއްޔެވެ. އެ ބުނާ 39 ހާސް މެންބަރުން އެމްޑީޕީން ވަކިވީ ހަސަން ލަތީފުމެން އެ މީހުންގެ ވާޖިބު އަދާނުކޮށް އޮވެގެންކަން އެ އެންމެން ދަނެއެވެ.
ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓަށް ތާއިދުކޮށް ވޯޓުދޭ އެންމެން ޕާޓީ ދޫކޮށް ވޯޓުދިން ކެންޑިޑޭޓް ޖަހާހާ ބެރަކަށް ނެށުމަކީ ޑިމޮކްރަސީގައި އޮންނަ ކަމެއް ނޫންކަން އެނގޭ ވަރަށް އެމްޑީޕީ މެންބަރުން ތިބީ ތަސައްރަފް ފުދިފައެވެ. ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ވޯޓު ދިނީކީ ނަޝީދުގެ އަޅުންނަށް ވެގެނެއް ނޫނެވެ. ނަޝީދު ޕްރައިމަރީގައި ފޭލިވުމުން ކާމިޔާބުކުރި ކެންޑިޑޭޓްގެ ފަހަތުގައި އެ އެންމެން އެ ތިބީ ނިކަން ގަދަކޮށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ދެވަނަ ދައުރަކަށް ހޮވަން އެއްރޮއްޖަށް ފޫގަޅައިގެންނެވެ.