މާލޭ ފަތާ ސަރަހައްދުގައި ނަޖިސް | ސަރުކާރުން އަޅައެއްނުލި

ސަރުކާރުން ކަނދާލަނީ އެސޯޝިއޭޝަން ބޮލަށް

މާލޭ ފަތާ ސަރަހައްދުގައި ނަޖިސް | ސަރުކާރުން އަޅައެއްނުލި

މާލޭގެ ދެކުނު ފަރާތު ފަތާ ސަރަހައްދަށް ނަޖިސް ވަންނާތީ ފެތުމުގެ ފަރިތަކުރުންތައް މެދު ކަނޑާލައިފިއެވެ. ހުޅުމާލޭގައި ރައީސް ޔާމީން އަޅާދިން ސްވިމިންގ ޕޫލުގައި ފަރިތަ ކުރެވެނީ މަދު ކުދިން ކޮޅަކަށެވެ. ރާއްޖޭގައި އިތުރު ޕޫލެއް އަދި އިތުރު ވެރިޔަކު އަޅާ ނުދެއެވެ.

ބޮޑު ޕޫލު އަޅާތާ 8 އަހަރުވަނީ އެވެ. ފުރަތަމަ މާލޭގެ ކުރީގެ ކުނި ގޮނޑުގައެވެ. ފަހުން ހުޅުމާލޭގައެވެ. މިއަހަރުގެ ޑިސެމްބަރަށް އައު ޕޫލް ނިންމޭތޯ އެސޯސިއޭޝަނުން މަސައްކަތް އެބަކުރެއެވެ. އެހެން ނަމަވެސް މަސައްކަތުގެ ސްޕީޑެއް ނެތެވެ. މަސައްކަތުގައި އުޅެނީ ބަންގްލަދޭޝްގެ ދެތިން މީހުންނެވެ. ޕޫލް ނިމިއްޖެއްޔާ ޝުކުރެވެ. 

މިއަދުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މާލޭގައި ދިރިއުޅޭ އެތަށް ސަތޭކަ ކުއްޖެއް ފަތަން ފަރިތަކުރަން ދާ ތަނުގެ މޫދުގައި ބޮޑެތި ނަޖިސް ފޯލިތައް އެނބުރޭ މަންޒަރު އަދުގެ ސަރުކާރަށް ނުފެންނާތީއެވެ. ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ބައިވެރިވެ ބައެއް ކުދިން ވަނަވަނަ ހޯދައެވެ. ކޮންމެ އަހަރަކު ގައުމީ ރެކޯޑްތައް އައު ކުރެއެވެ. ސަރުކާރުން އެކަންކަން ފާހަގަ ކުރެއެވެ. އެކަމުގެ މެޑެލް ސަރުކާރުން ޖަހައެވެ.

މައިން ބަފައިންނާއި ފަތާ ކޯޗުން ބުރަ މަސައްކަތުން އުފައްދާ ކުއްޖާގެ ކުރިމަގަށް ސަރުކާރަކުން އަޅައެއް ނުލައެވެ. މައިންބަފައިން ބޮޑެތި ހަރަދުކޮށްގެން ބަންދު ތަކުގައި ފެތުންތެރިން ރާއްޖެއިން ބޭރުގައި ތަމްރީނު ކުރަނީއެވެ. ސަރުކާރަކަށް ނުވެސް އެގެއެވެ. ސަރުކާރުގެ ހިއްސާއެއް ނެތެވެ. ސަރުކާރަށް ވަރިހަމައެވެ. 

މާލޭގެ ދެކުނު ފަތާ ސަރަހައްދުގެ ޕްލެޓްފޯމް ހަލާކުވީމާ އެކަން ހައްލު ކުރަނީ ފަތާ ކޯޗުން ޗަންދާ ނަގައިގެން އެއްކުރާ ކުޑަ ލާރި ކޮޅަކުންނެވެ. ތަން ސާފުކުރަނީ ކޯޗުން ބައިވެރިވެގެން ފަތާ ކުދިންގެ ބެލެނިވެރިންނާއި އެކުގައެވެ. އެކަމަކު ނަޖިސް ބުރިބުރި އަނގަޔަށް ވަންނަން ފެށީމާ ކުރެވޭނެ ކަމެއް ނެތެވެ.

ސަރުކާރުގެ ވަޒީރު އަޅައެއް ނުލައެވެ. ކުރެވޭނެ ކަމެއް އޮތްކަމަކަށް ނުވެއެވެ. 2023 ގެ ފަހުން އަބަދުވެސް ބުނަނީ ބަޖެޓުކޮށްފައި ނުވާ ކަމަށެވެ. އެންމެ ފަސޭހަ ކަމާއި އެކު ސަރުކާރުން ބުނަނީ އެސޯސިއޭޝަން ކަމެއް ކަމަށެވެ.

ކޮންމެ ބަޔަކު ކުރިނަމަވެސް ސަރުކާރުގެ ހިއްސާ ނެތިއްޔާ މި ރާއްޖެއަކަށް ރައީސަކު ބޭނުމެއް ނުވެއެވެ. މި ރާއްޖެ ރައީސަކު ނުލާ ހިންގޭނެއެވެ. ވަޒީރުން ނުލާ ހިންގޭނެއެވެ. ހަވާލުވާނެ މީހަކު ނެތިއްޔާ އަމިއްލައަށް ވިސްނިގެން އިސްތިއުފާ ދިނުން ބުއްދިވެރި ވާނެއެވެ.