ގުނބޯރައީސްގެ އަންޑަރވޯޓަރ ޓަނަލަކީ ޖަމަލްފޮޑިއެއް
މޮހަނދުގެ ހަނދާނުގައިވެސް އަންޑަރވޯޓަރ ޓަނަލެއް ނެތް
ރައީސް ވަށަފަރު މުހައްމަދު ހޭވައްޓަނުލާ މެގަ ވައުދުތައްވެ ފުއްދަންއުޅޭ ތަނެއް ނުފެނެއެވެ. ހަބަރުގެ ފަލަ ސުރުހީއަށް ކޮންމެސް ކަމެއް ގެނެސް މާކަންވާ މީހަކަށް ވެގެން އަޑު އަރުވާފައި ކޮންމެ ކަމެއްވަނީ ޖަމަލު ފޮޑިއަށެވެ. ކަށިނެތް ދުލެއް އޮތީމާ އަނގަ ދިޔާކޮށް ގަންނައިރު ތިމާމެންގެ ފޫކޮޅުގައި ކާށިފޮއްޗަކާ ލައިގެން ކާލާނެ މަސްކޮޅެއް ނެތްކަމެއް އެނގެނީއެއް ނޫނެވެ.
ދައުލަތުގެ ލޯލާރިއެއްގައިވެސް ނުޖެހި އަށްމަސް ދުވަހުން ހިއްކާ ނިންމަން ބުނި ރަސްމާލެ، ނޭވާ ހޮޅިއަށް އެޅިފައިއޮތް ބަލިމީހެއް ފަދައެވެ. މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް މާލެސަރަހައްދުގައި ގުޅުވާލެވެން އޮތް ތަންތަނުން ގޯތި ނުދިނުމުގެ ބަހަނާއަކަށް ދެއްކީ ފުށިދިއްގަރުފަޅެވެ.
ފުށިދިއްގަރުފަޅުގައި އާބަދުވެގެން އުޅެވޭނީ މާލެއާއި ގުޅުވާލެވިގެން ކަމަށް ބުނެ އަޑު ގަދަވާން ފެށުމުން ކަނޑުއަޑީ ޓަނަލަކުން ގުޅާލާނެ ކަމަށް ބުނީ މޫނަށް ރުލެއްވެސް އަރުވާނުލައެވެ. ޓަނަލް އެޅުމުގެ ދިރާސާތަކާއި އެ މަސައްކަތް ކުރުމަށް ބޭނުންވާ ކަންކަން ހަޖެހިފައި ހުރިކަމަށް ބުނެ ނިންމާލީ އެއްނޭވައިންނެވެ.
ދުނިޔޭގެ ފުރަތަމަ އަންޑަރ ވޯޓާރ ޓަނަލް އެޅޭނީ މާލެއާއި ރަސްމާލެއާއި ދެމެދުގައި ކަމަށް ވަށަފަރު މޮހަނދު ބުންޏެވެ. އޭރުވެސް ދުނިޔޭގައި ކިތަންމެ އަންޑަރ ވޯޓަރ ޓަނަލެއް އޮތްކަމަށް މީހުންގަނޑު ކިޔައިގަތުމުން ތަރުޖަމާތައް އުފަން ކުރުވިއެވެ. ވަށަފަރު މޮހަނދު ބުނި ފުރަތަމައަކީ ކަނޑު އަޑިފެންނަ، މިޔަރު ތަކަށް ކާންދެވޭ އަންޑަވޯޓަރ ފުރަތަމަ ޓަނަލުކަމަށް ބުނެ އަޑުއެރުވިއެވެ.
ކަނޑުއަޑިން ޓަނަލެއް އެޅުމަކީ ބޮޑުލާރީގައި ހުނިޖަހައިގެން އުޅޭ ބަޔަކަށް ވާނެ ކަމެއް ނޫންކަން ނޭނގޭ ކުޑަ ކުއްޖަކުވެސް ނޫޅެއެވެ. ބުރިޖެއްގެ ދެބުރި ގުޅުވާލުމަށް ކޯރެއްގެ ތެރޭގައި އަޅާފައި އޮތް ދުނިޔޭގެ އެންމެ ކުރު އަންޑަރވޯޓަރ ޓަނަލް އެޅުމަށް 10 ވަރަކަށް ބިލިޔަން ޔޫރޯ ހަރަދުވެފައިވާ ކަމަށްވެއެވެ. ދަރާވިކި އިގްތިސާދު ފުނޑުފުނޑުވެ ހިތިބޭސް ބޯންޖެހިފައިއޮތް ރާއްޖޭގައި އަންޑަރ ވޯޓަރ ޓަނަލެއް އެޅޭނީ ވާދޫ ކަނޑުގައި މިވެރިންނަށް ފޮޅިއެޅެންޏާއެވެ. މިހާރު އެއްކަލަ ޓަނަލްގެ ވާހަކަ ހިނދި ފާނޯލައިފިއެވެ. ވަށަފަރު މޮހަނދުގެ ހަނދާނުގައިވެސް އަންޑަރވޯޓަރ ޓަނަލެއް ނެތެވެ.
ބަލަން ތިބޭށެވެ. މިވާހަކައަށް ރައްދުދީ ވަރަށް އަވަހަށް އަންޑަރ ވޯޓަރ ޓަނަލޭ ކިޔައިގެން ކޮންމެވެސް އަޅިއެއް ބުރުވާނެއެވެ. ޓަނަލާ ގުޅިގެން އެއްކަމެއް ނުކޮށް އޮވެ ގުނބޯ ރައީސް ނަށައިގަންނަން މާލަހެއް ނުވާނެއެވެ. އެއީ ވަށަފަރު މޮހަނދުގެ ތޮބީއަތެވެ.