މުއިއްޒުގެ ނަޒާހަތްތެރިކަން ބޮލާފޮށާއެޅި ދެފުށް ފެންނާނެ!
ނަޒާހަތޭ ހުދުގިރުވާނޭ ކޮރަޕްޝަނޭ ކިޔަންވާނީ ކިޔޭވަރު މީހުނެ
އުސޫލުން ބޭރުން ކަންކަމަށް އެދެންޖެހޭ ގޮތަށް ކަންކަން ތަރުތީބު ކުރަނީ ކޮރަޕްޝަން ހިންގާށެވެ. އެބުނާ ހުދު ގިރުވާނު މީހުން އުފަންވަނީ ކޮރަޕްޝަނުންނޯލައެވެ. ނަޒާހަތޭ ހުދުގިރުވާނޭ އުސޫލޭ ކޮރަޕްޝަނޭ ކިޔަން ވާނީ ކިޔޭވަރުގެ މީހުނެވެ. މީހުންގެ ކުރި މައްޗަށް ނިކުމެ ހުރެ ޑރ. މުއިއްޒު ކޮރަޕްޝަންގެ ވާހަކަ ދެއްކީމާ ދަތްކުނޑި ވިކޭ މީހުން ލައްކަ ގިނައެވެ.
ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުރެ އެންމެ ފަހުން ޑރ. މުއިއްޒު ހިންގި އެއް ކަރަޕްޝަނަކީ މާލޭ އާސަހަރާ އަޕްގްރޭޑް ކުރުމެވެ. މަސައްކަތް ބަޔަކާ ހަވާލުކޮށް މުޅި މަސައްކަތުގެ އަގުގެ ގާތްގަޑަކަށް 90 އިންސަތަ ފައިސާ ހަވާލުކޮށް ނިންމާލީ މަސައްކަތުގެ ތިރީހަކަށް ޕަސެންޓްގެ މަސައްކަތް ވެސް ނުނިމެނީހެވެ. މަސައްކަތް ހަވާލުކުރި ފަހުން މަސައްކަތުގެ ޑިޒައިނަށް ބޮޑެތި ބަދަލު ތަކެއް ގެނެސް މަސައްކަތް އަގަޑަ ބަގަޑަ ކޮށްލީ މަސައްކަތް ހުއްޓުވާ އެގްރީމަންޓް ބާތިލު ކުރުމުގެ ބޭނުމުގައެވެ.
އާ ސަހަރާގެ މަސައްކަތަށް ކަނޑައެޅި ފައިސާގެ ހުރިހާ ފައިސާއެއްހެން ބަޔަކަށްދީ އެފައިސާ ކައި ހުސްކޮށް ހަޖަމްވެ ނިމިއްޖެއެވެ. މަސައްކަތް ހަވާލުކުރީ ކޮން ނަމެއް ކިޔާ ކޮން ބަޔަކާކަން ވެސް ދެނަހުރި މީހަކު ނެތެވެ. ފޮރުވާ ސިއްރު ކުރާނެ ކަމެއް ނުއޮންނާނެއޭ ބުނާ މުއިއްޒު އެކަން އޮތީ ސިއްރު ކޮށްފައެވެ.
އާސަހަރާގެ މަސައްކަތަށް އެޑްވާންސްކޮށް ދިންހާ ފައިސާގެ ބޮޑު ބައެއް ހޭދަކުރީ މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ކަމަށް ތުހުމަތު ކުރެވެއެވެ. އާސަހަރާގެ މަސައްކަތް ކުރުމަށް ދައުލަތުން ހޭދަކުރި ފައިސާއަށް ވީގޮތެއްވެ ނިމިއްޖެއެވެ. އާސަހަރާގެ މަސައްކަތް އޮތީ އަދިވެސް މުއިއްޒު ވެފައެވެ. ބޭނުންވާ ގޮތަށް ފައިސާކޮޅު ބޭރުކޮށްލެވުނީމާ މަސައްކަތުގެ އެގްރިމަންޓް ބާތިލުކޮށްލާ ނިންމާލާފައެވެ.
އަނެއްކާވެސް އާސަހަރާގެ މަސައްކަތް އަލިފުން ފަށައިގެން ޔާއަށް ކުރަން ދައުލަތަށް އެއޮތީ ޖެހިފައެވެ. ކޮރަޕްޝަނުގެ ތެރެއިން ހަޖަމްކޮށްލި އެތައް މިލިޔަން ރުފިޔާއަށް ވީގޮތެއްވެ ނިމުނީއެވެ. މުއިއްޒުވެފައި އޮތް އާސަހަރަގެ މަސައްކަތަށް އަނެއްކާވެސް އެތައް މިލިޔަން ރުފިޔާއެއް ހަރަދުކޮށްގެން ކުރަން އެއޮތީ ޖެހިފައެވެ.
ބުނެވި މިދިޔައީ ޑރ. މުއިއްޒުގެ ކޮރަޕްޝަންގެ ބާބުގެ އެންމެ ނުކުތާއެކެވެ. ހުޅުމާލެ ބްރިޖާ ގުޅިފައި އޮތް ހަލިމަގުގެ މަސައްކަތް ކުރި ކުންފުނިން މުއިއްޒުގެ އަމިއްލަ އެކައުންޓަށް ވަޒީރު ކަމުގައި ހުރިއިރު ޖަމާވިހާ ފައިސާގެ ވާހަކައެއް އަދި ނުދައްކަމެވެ. ނޫމަޑީގެ ހިޔާނަތުގެ ވާހަކަ އަކަށް ނުދަމެވެ. ވަޒީރު ކަމުގައި ހުރެ ކުންފުންޏަކުން މަހު މުސާރަ ނެގިއެކޭ ނުކިޔަމެވެ. ޕާކިންގ ސްލޮޓް ވިއްކައިގެން ނެގި ކަޓަކީ އެއްވެސް އެއްޗެއް ނޫންތާއެވެ. ބޮޑު ކަޓެއް ނަގާފާ އަލިމަސް ކާނިވަލުން އަމިއްލަ ފަރާތަކަށް ބިމެއް ދިނެކޭވެސް ނުކިޔަމެވެ. ޖާދޫގެ ކަދުރު ރުއް ތަކުގެ ޑީލްގެ ވާހަކައެއްވެސް ކިޔާނެ ކަމެއް ނެތެއް ނޫން ހެއްޔެވެ.
ބީލަމުގެ އުސޫލުން ކެބިނެޓް ގޮނޑިތައް ވިއްކާލިއްޔެކޭ މަށަކު ނުބުނަމެވެ. އެއް އާއިލާއަކަށް ސިޔާސީ މަގާމުތައް ދިނުމުގައި ބޮލެއް ކަނދުރާއެއް ނުބަލާ އަޅާ ފުރާލަމުން ދަނިއްޔެކޭ ބުނާ ހިތެއްނެތެވެ. ދައުލަތުގެ ވިޔަފާރި ކުންފުނި ތަކުގެ އިސްވެރިންނަށް އެ ކުންފުތަކާ ވާދަވެރި ވިޔަފާރި ކުންފުނިތަކުގެ ޕާޓްނަރުން އިސްކުރުމުގައި މަސްލަހަތު ފުށުއެރުން އޮންނަ ވާހަކައެއްވެސް ނުދައްކަމެވެ.
ނަޒާހަތްތެރި ކަމަކާއި ހިތްވަރެއް ހުރި ނަމަ އޭސީސީ ގަދަ ނިންޖަކު ނުއޮންނާނެއެވެ. ވެރިކަން ބަދަލުވީމާ ފުށްޖަހައިގެން ނިކުމެ މީހުން އެއްކޮށްގެން ޒާތްޒާތަށް ސްލައިޑް އަޅުވައިގެން ޕަބްލިސިޓީ ހޯދާކަށް ނޫޅޭނެއެވެ. ލިބުނީ އެންމެ ދޮޅުއަހަރޭ ކިޔައިގެން ކަމުން ރެކެން އޭސީސީ ދަތްފެޅީ ރިޔާސީ އިންތިހާބުގެ ފަހުންހެއްޔެވެ. ކެރެންޏާ މަތިން ތިރިއަށް އޭސީސީގެ ދިގު އަތް ފޯރުވާލަ ބަލާށެވެ. އޭރުން ޑރ. މުއިއްޒުގެ ނަޒާހަތްތެރިކަން ބޮލާ ފޮށާއެޅި ދެފުށް ފެންނާނެއެވެ. މުއިއްޒަކީ ފޮރުވާނެ އެއްޗެއް އޮތް މީހެއް ނޫން ވިއްޔާއެވެ.