ޖީބުނުކަނޑާ ހިންގަން ނޭނގެންޏާ އިސްތިއުފާދީ

ޓެކްސް ނެގުމުގައި ހަމައެއް ލަމައެއް ނެތް

ޖީބުނުކަނޑާ ހިންގަން ނޭނގެންޏާ އިސްތިއުފާދީ

ތެދެކެވެ. ގެރިއެއްގެ ކިރު ފެލާ ގޮތަށް ފަތުރުވެރިކަން ފެލަމުން ފެލަމުން ގޮސް ދެން ނުކުންނާނީ ލެއެވެ. ވެލިދޫ ދާއިރާގެ މެންބަރު، މުހައްމަދު އައްބާސް ވިދާޅުވާހެން ސަރުކާރުތަކުން އެއްވެސް އިންޑަސްޓްރީއެއް ފުޅާކޮށް ނަފާހޯދާކަށް ނޫޅެއެވެ.

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމަށް ނިންމުމަކީ ބިރުހުރި ކަމެކެވެ. ގާނޫނު ހަދައިގެން ޖީބުކަނޑައިގެން ނޫނީ ދައުލަތް ހިންގަން ފައިސާ ހޯދަން ނޭނގުމަކީ ނާގާބިލުކަން ނޫން ދެވަނަ ކަމެއްނޫނެވެ.

މި ދާވަރުން ދަންޏާ އާއިލާއެއްގައި ވަކި އަދަކަށްވުރެ ގިނައިން ނުވަތަ މަދުން ދަރިން ތިބެގެން ބޮލަށް ލާރި ނަގަންވެސް ފަށާފާނެއެވެ. ނަމާދުކުރަން މިސްކިތްތައް ބޭނުން ކުރާ މީހުންގެ އަތުން ސަރވިސް ޗާޖުވެސް ނަގާނެއެވެ. 

ރަޖިސްޓްރީ ނޫސް މަޖައްލާތައް ފަސްއަހަރުން ފަސް އަހަރުން ރަޖިސްޓްރީކޮށް ފީނަގަން ޖެއްސިހެން ހުރިހާ ކައިވެނިތައް އަހަރަކުން އަހަރަކުން އަލުން ރަޖިސްޓްރީކޮށް ފައިސާ ދައްކަންވެސް ނުޖެހިއެއް ނުދާނެއެވެ.

ރާއްޖޭގެ ވެއްޓަށް ނޭވާލާ ކޮންމެ މީހަކު ވެސް ލާ ކޮންމެ ނޭވާއަކަށް ޓެކްސް ނުދައްކައެއް ނުވާނެއެވެ. ސަރުކާރުން ކޮށްދޭ ކަމެއް ނެތި ފުލުފުލުގައި ގާނޫނު ފާސްކޮށްގެން ޖީބުކަނޑަން ދިމާކުރުމަކީ ސަރުކާރުން ހިންގާ ބައެއް ފޭލިވުމެވެ. ނުބައި ނުލަފާކަމެ. ހިންގަން ނޭނގުމެވެ.