ސަންދޯކުގައި ދިދައަޅައިގެން ވަޅުލިޔަސް ހަގީގަތް ނުފޮރުވޭނެ.

ސަންދޯކުގައި ދިދައަޅައިގެން ވަޅުލިޔަސް ހަގީގަތް ނުފޮރުވޭނެ.

ސަންދޯކުގައި ގައުމީ ދިދަ އަޅައިގެން ސިފައިން ކޮރުލާ ކުރުނީސް ކުރަމުން ގެންގޮސް ވަޅުލާ  ފޮރުވާލުމަކުން ޒިންމާއަކުން ނުރެކެވޭނެއެވެ. ކޭވް ޑައިވިންގއަށް ދިޔަ މީހުން ހޯދަން ފޮނުވި ސިފައިންގެ މީހާގެ މަރަކީ ބޮޑެތި އިހުމާލުތަކެއް ހިމެނޭ ސީރިޔަސް މަރެކެވެ. 

ނެތް ގާބިލުކަމެއް ހުރިކަން ދައްކަން ގައުމުގެ ހުނަރުވެރި ދަރިއެއްގެ ފުރާނަ ދިޔުމަކީ އާދައިގެ ކަމެއްނޫނެވެ. މަހުދީގެ މަރަކީ ރެސްކިއު މިޝަނެއްގައި ދިޔަ ފުރާނައެއް ނޫނެވެ. ރިކަވަރީ އޮޕަރޭޝަނެއްގައި ނެގުވި ރިސްކަކުން ސިފައިންގެ އޮފިސަރެއްގެ ފުރާނަ ދިޔުމަކީ ނުބަލާ ދޫކޮށްލައިގެން ވާކަށް އޮތްކަމެއް  ނޫނެވެ. 

ކުރިން ވެސް ޑިކޮމްވުމުގެ ސަބަބުން ރިސްކް އޮތް އޮފިސަރަކު ކަމާބެހޭ ފުރިހަމަ އާލާތްނެތި އެހާ ފުނަށް ފޮނުވުމުގެ ޒިންމާ އުފުލާނީ ކާކުހެއްޔެވެ. ނެތް ގާބިލުކަމެއް ހުރިކަން ދައްކައިގެން މުއިއްޒު ކުޅުނު ޑްރާމާއެއްގައި ގުރުބާން ކުރެވުނު މީހަކަށް މަހުދީ ވީތޯ މީހުން އެބަ ސުވާލުކުރެއެވެ. 

މުޅި ހާދިސާގެ ހުޅުވިފައިވާ ފުރިހަމަ ތަހުގީގެއް ހިންގާ އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވާ ފިޔަވަޅު އަޅަން ޖެހެއެވެ. ކޮންމެ ފަހަރަކު މައްސަލައިގެ އެންމެ ފުނަށް ނުގޮސް ގައުމީ ބަތޮލެއްގެ ނަންދީފާ އިހުމާލަށް ފަސްއަޅާ ފޮރުވާލަން ނޫޅޭށެވެ. 

ޑައިވިންގ ދާއިރާގައި ތަޖުރިބާހުރި މީހުންގެ ބޮޑެތި ކަންބޮޑުވުންތައް މަހުދީގެ މަރާ ގުޅިފައިވެއެވެ. އެލްސޯފާގެ ވާހަކަ ހިންދާލަން ބޭނުންކުރާ ވާހަކައަކަށް މަހުދީގެ މަރުގެ ވާހަކަ ނުހަދާ ހުޅުވިފައިވާ މިނިވަން ތަހުގީގެއް މިހާރުން މިހާރަށް ނުކުރަންޏާ މުއިއްޒު އިސްތިއުފާ ދޭށެވެ. އެކަން ކުރެވޭ ބަޔަކު އޭރުން އެ ތަހުގީގުކޮށް ފިޔަވަޅު އަޅާނެއެވެ.