ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކޮށް ކޯޓުއަމުރަކުން ހައްގެއް ނުހިފެހެއްޓޭނެ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކޮށް ކޯޓުއަމުރަކުން ހައްގެއް ނުހިފެހެއްޓޭނެ

މާތް ރަސްކަލާނގެ ކުޅަދުންވަންތަ ކަމެވެ. މިދާވަރުން ދަންޏާ އުޅެންޏާ އުޅޭހާ އައިޝާ އަކީ އައިޝާ ނޫންކަމަށް ވެސް ވެދާނެއެވެ. ތަންތާ ހުރިއްޔާ ހުރި އެލްސޯފާއަކީ ސޯފާ ނޫން ކަމަށްވެސް ކަނޑައަޅާ އެލްސޯފަތައް ނައްތާލުމުގެ އަމުރެއް ނިކުންނާކަށް ލަހެއް ނުވާނެއެވެ. އިނގިރޭސި އަލިފުބާއިން އެލް އަކުރު ކަނޑާލުމުގެ ކޯޓުއަމުރެއް މުޅި ދުނިޔެއަށް ނުނެރެ މިފަހަރު ސަލާމަތެއް ނުވާނެއެވެ. 

ގާނޫނު އަސާސީން ލިބިދިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމަތު ހޯދާ ލިބިގަތުމުގެ ހައްގާއި ނޫސްވެރިކަން ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގައިރުގާނޫނީ އަމުރަކަށް ކިޔަމަން ނުވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. 

އާއްމުކޮށް މުޅި ރައްޔިތަށް ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔެއްގެ މައްޗަށް ނެރޭ އަމުރަކުން އަސާސީ ހައްގެއް ހިފެހެއްޓޭނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ގެންނެވެ. އެހެންވެސް ދިރިހުރުމުގެ ހައްގާ ގަދަކަމުން މަސައްކަތް ނުކުރުވުމުގެ ހައްގާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި އަދުލުވެރިކަމާއެކު ޝަރީއަތް ކުރުމުގެ ހައްގެއް ނުހިފެހެއްޓެނެއެވެ.  ކޯޓު އަމުރަކުން މުޅި ރައްޔުތެއްގެ މައްޗަށް ކަމެއް މަނާކުރުމުގެ ބާރެއް ކޯޓަކަށް ނުއޮންނާނެއެވެ.

ކޯޓުއަމުރަކުން ކަމެއް މަނާކުރެވޭނީ ހުށަހެޅިފައިވާ މައްސަލައިގެ ހަސްމުންނާއި މައްސަލައާއި ސީދާ ގުޅުންހުރި މީހުންނާއި ތަކެއްޗާއި ކަންކަމާ މެދުގައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކުށެއްކަމަށް ކަނޑައަޅަފައި ނެތް ކަމަކާ ގުޅުވައި އާއްމު މަނައަކުން އެއްވެސް ކަމެއް މަނާކުރުމަށް ނެރެވޭ ކޮންމެ އަމުރަކީ ގައިރު ގާނޫނީ އަމުރެކެވެ. ގައިރު ގާނޫނީ އަމުރަށް ކިޔަމަން ނުވުމަށް ކޮންމެ މީހެއްގެ މައްޗަށް ގާނޫނު އަސާސީ ލާޒިމުކުރެއެވެ.