82 އަހަރުގައި ބައިސްކަލުގައި 3300 މޭލަށް | އެންމެ ފަހުގެ ދަތުރު

މަރުވުމުގެ އެއްދުވަސްކުރިން ކުރިދަތުރުން ހައިރާތަށް 74 ހާސް ޑޮލަރ ހޯދާދިން

82 އަހަރުގައި ބައިސްކަލުގައި 3300 މޭލަށް | އެންމެ ފަހުގެ ދަތުރު

ހައިރާތަށް ފައިސާ ހޯދުމުގެ މަގުސަދުގައި އޮސްޓްރޭލިއާ 3300 މޭލު (5300 ކިލޯމީޓަރު) ބައިސިކަލް ދުއްވި އުމުރުން 82 އަހަރުގެ ބޮބް މޮންޓްގޮމެރީ، އޭނާގެ މި ބުރަ ދަތުރު ނިންމާލިތާ އެއްދުވަސް ފަހުން ނިޔާވެއްޖެއެވެ.

ބޮބް މޮންޓްގޮމެރީ ގެ އާއިލާއިން ސޯޝަލް މީޑިއާގައި ޝާއިއު ބަޔާނެއްގައި ބުނެފައިވަނީ، ބޮބް ނިޔާވީ ކުއްލި ގޮތަކަށް ނަމަވެސް ވަރަށް އަމާންކަމާއެކު ކަމަށެވެ. އޭނާ ނިޔާވީ ހުޅަނގު އޮސްޓްރޭލިއާގެ ބްރޫމް އިން ފެށިގެން ސިޑްނީގެ ހުޅަނގު ދެކުނުގައި އޮންނަ ބޯރަލްއާ ހަމައަށް އޭނާ ކުރި "ވަން ލާސްޓް ރައިޑް" ނުވަތަ "އެންމެ ފަހުގެ ދަތުރު" ފުރިހަމަކުރިތާ އެންމެ ދުވަހެއް ފަހުންނެވެ.

އޭނާގެ ކާފަ ދަރިފުޅާ އެކު ކުރި ހަ ހަފުތާގެ މި ދަތުރުން، މޮޓޯ ނިއުރޯން ޑިޒީޒް (އެމް.އެން.ޑީ) ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ޗެރިޓީއަކަށް ގާތްގަނޑަކަށް 105000 އޮސްޓްރޭލިއަން ޑޮލަރު (74000 އެމެރިކާ ޑޮލަރު) އޭނާ ވަނީ ހޯދައިދީފައެވެ.

މިއީ އެމް.އެން.ޑީ އެން.އެސް.ޑަބްލިއު އަށް އެހީވުމަށް އޭނާ ކުރި ހަވަނަ ދަތުރެވެ. އާއިލާގެ ބަޔާނުގައިވާ ގޮތުން މިއީ އޭނާގެ އަމިއްލަ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. 59 އަހަރުވީ އޭނާގެ އަނބިމީހާ ޖެނީ އޭނާ ނިޔާވިއިރު، ގާތުގައި ހުރި ކަމަށާއި، ނިޔާވުމުގެ މަދު ގަޑިއިރުތަކެއް ކުރިންވެސް އޭނާ ދިޔައީ މި ބައްޔާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މެސެޖުތައް ފޯރުކޮށްދެމުން ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އޮސްޓްރޭލިއާގެ ގައުމީ ބްރޯޑްކާސްޓަރު އޭ.ބީ.ސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މޮންޓްގޮމެރީ އާއި އޭނާގެ ކާފަ ދަރިފުޅު ޓޮމް މެލްކަމް އާދިއްތަ ދުވަހު ބޯރަލްއަށް ދިއުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އޭނާ އޭ.ބީ.ސީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ދަތުރުގެ ތެރެއިން ބައްދަލުވި މީހުންނާއި، މަޑުކޮށްލާ ކޮންމެ ތަނަކުން ލިބުނު ތަރުހީބަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"ދަތުރުގެ ތެރެއިން ވަރަށް ގިނަ މީހުންނާ ބައްދަލުވެ، އެމީހުންގެ ދިރިއުޅުމުގެ ވާހަކަތައް އަޑުއިވުނު. އަދި އެހީތެރިވުމުގެ ގޮތުން ގިނަ ބަޔަކު ފައިސާ ހަދިޔާކުރި، އެއީ ވަރަށް އުފާވި ކަމެއް،" މޮންޓްގޮމެރީ ބުނެފައިވެއެވެ.

އޭނާގެ ގާތްތިމާގެ މީހަކު އެމް.އެން.ޑީ ބަލީގައި ނިޔާވުމާ ގުޅިގެން މިފަދަ ހަރަކާތްތައް ފެށި މޮންޓްގޮމެރީ ވަނީ މީގެ ކުރީގެ ދަތުރުތަކުން ޖުމްލަ 300000 އެއްހާ އޮސްޓްރޭލިއަން ޑޮލަރު ހޯދައިދީފައެވެ. އޭނާގެ އެހީ ހޯދާ ޕޭޖުގައި ލިޔެފައިވަނީ، އާއިލާގެ މީހުންނާއި ރައްޓެހިން މި ބަލީގައި ތަހައްމަލުކުރި ވޭން ފެނުމުން ހިތްފަޅައިގެންދާ ފަދަ އަސަރެއް ކުރި ކަމަށެވެ.

ހޯމަ ދުވަހު އޭނާގެ ކާފަ ދަރިފުޅު މެލްކަމް އާއިއެކު ސިޑްނީއަށް ދަތުރު ކުރިއިރު، އާއިލާގެ އެންމެން ވަނީ މި ކާމިޔާބީ ފާހަގަކުރުމަށް އެއްވެފައެވެ. ނަމަވެސް އެ އުފާފާޅުކުރުންތަކަށް ފަހު މޮންޓްގޮމެރީގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވި ކަމަށް އެމް.އެން.ޑީ އެން.އެސް.ޑަބްލިއު ގެ ޗީފް އެގްޒެކެޓިވް ލިއަމް އޯމީރާ ވިދާޅުވިއެވެ.

ލިއަމް އޯމީރާ ވަނީ މޮންޓްގޮމެރީ ނިޔާވުމާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، އޭނާއަކީ އެ ޖަމިއްޔާގެ ވަރަށް ގާތް އެކުވެރިއެއްގެ އިތުރުން، އެއްވެސް ވަރުބަލިކަމެއް ނެތި އެހީތެރިކަން ފޯރުކޮށްދިން ހިތްވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.