އޭސީސީ | ސަރުކާރަށް ގުރުބާން ކަންބަޅި ކަތިލާދޭ ހަންޖަރު
ހިނގަ ހިނގާ އޮންނަ ސަރުކާރުގެ ކޮރަޕްޝަނަށް ދީގެން ތިބެނީ ބީރު ކަންފަތް
ކޮރަޕްޝަނުން ފޯވެފައިވާ ނަމުން އެންޓި، ކޮރަޕްޝަން ކޮމިޝަނަށް ރާއްޖޭއިން ކޮރަޕްޝަން ނައްތައެއް ނުލެވުނެވެ. މަދެއްވެސް ނުކުރެވުނެވެ. އެއްދުވަހުން އަނެއް ދުވަހަށް ކޮރަޕްޝަން އިތުރުވެ ކޮރަޕްޝަނުގެ ސައިޒް ބޮޑުވަމުން ދާކަމީ ދެބަސްވެވެން ނެތް ހަގީގަތެވެ.
އެހެނެއް ކަމަކު ފުލުފުލުގައި ފަހުމުނާމާތައް ހަދަމުން ސޮއިކޮށް ފޮޓޯނަގަމުން އިސްތިހާރުވުން ނޫން ކަމެއް އޭސީސީން މިހާރަކު ނުކުރެއެވެ. ފަހުމުނާމާ ހަދައިގެން ކޮރަޕްޝަން ހުއްޓޭނަމަ ކަސްޓަމުންވެސް މިހާރު އޮތީހީ ކޮރަޕްޝަންގެ އަސަރު ފިލާ ނެތި ގޮސްފައެވެ.
އެންމެ ފަހުން އޭސީސީ ފަހުމު ނާމާއެއްގައި ސޮއިކުރީ ސްޓެލްކޯއާއި އެކުގައެވެ. ސްޓެލްކޯއާއިއެކު ހަދާ ފަހުމުނާމާއަކުން ނިކުންނާނީ ވަކި ކޮން ނަތީޖާއެއް ހެއްޔެވެ. ސްޓެލްކޯއަކީ ދައުލަތުން ކަރަންޓްގެ ހިދުމަތްދޭ މައި ކުންފުންޏެވެ. ކޮރަޕްޝަން ދެނެގަނެ ނައްތާލުމަށް އިލެކްޓްރިކް އާލާތެއް އުފައްދަނީ ނޫން ބާވައެވެ. އޭސީސީއާއި ސްޓެލްކޯ ފަހުމުނާމާ ހަދައިގެން ކުރާކަށް އެހެން ކަމެއް ނުއޮންނާނެއެވެ.
ފަހަރަކު ތަނަކާއެކު އޭސީސީން ރާގުރާގަށް ހާސަރު ދަމާފައި ލިޔުމެއްލިޔެ ސޮއިކޮށް ފޮޓޯ ނަގާ އާއްމުކުރުމަކުން ކޮރަޕްޝަނެއް ނުހުއްޓެއެވެ. މަދެއްވެސް ނުވެއެވެ. އެއްދުވަހުން އަނެއް ދުވަހަށް ރާއްޖޭގައި ހާއްސަކޮށް ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަންގެ މޫލާ ދަނީ ފުޅާވެ ފެތުރެމުންނެވެ. ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން އެންމެ އާދައިގެ މުއައްޒިފާ ހަމައަށް މުޅި ދައުލަތްވަނީ ކޮރަޕްޝަނުން ތަތްތެޅިފައެވެ.
ވާނީ އެހެންތާއެވެ. ހިނގަ ހިނގާ އޮންނަ ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތައް ދެނެގަނެ ފިޔަވަޅު އަޅަން އޭސީސީ ނުކުޅެދެއެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ހިނގަ ހިނގާ އޮންނަ ސަރުކާރުން ހިންގާ ކޮރަޕްޝަނަށް ދީގެން ތިބެނީ ބީރު ކަންފަތެކެވެ. ބަލަނީ ކަނު ލޮލަކުންނެވެ. ބަސް ބުނަން ތިބެނީ މަންމަން ވެފައެވެ.
ގެއްލިދާނެ ވަޒީފާއަކަށް ނުބަލާ ހިނގަހިނގާ އޮތް ސަރުކާރުގެ ކުޑަވެސް މައްސަލައެއް އޭސީސިއަށް ބެލޭނެ ކަމަށް ގަބޫލުކުރާ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އަމިއްލައަށް އިސްނަގައިގެން މައްސަލައެއް ނުބަލާތާ މީހަކު ހުށަހަޅާ މައްސަލައެއް ވެސް އިންސާފުވެރިކަމާއެކު އޭސީސީން ބަލަނީއެއް ނޫނެވެ. އޭސީސީ މިހާރު ބައްޓަން ވެފައި އޮތީ ސަރުކާރުން ބުނާ މައްސަލައެއް ނޫނީ ނުބަލާގޮތަށޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ.
ވެރިކަމެއް ވެއްޓޭއިރަށް ކުރީ ސަރުކާރުގެ ފަތިފުށް ހާވާ ސިޔާސީ ގޮތުން ބަދަލުހިފަން މަގުކޮށާދޭ ތަނެއްގެ ގޮތުގައި ނޫނީ އެސީސީ މަސައްކަތެއް ނުކުރެއެވެ. އެކަމުގައިވެސް އެއްވެސް އިހުލާސްތެރިކަމެއް ނޯވެއެވެ. ދައުލަތުން ގެއްލިފައިވާ ފައިސާއެއް ހޯދައެއް ނުދެވެއެވެ. ދައުލަތުގެ ފައިސާ ގެއްލޭ ދޮރުތައް ބަންދެއް ނުކުރެވެއެވެ. އެއިރަކު އޮންނަ ސަރުކާރުން ސިޔާސީ ގޮތުން ކަތިލަން ބޭނުންވާ މީހުން ކަތިލަން ބޭނުންކުރާ ހަންޖަރަކަށް ނޫނީ އޭސީސީވެފައެއް ނެތެވެ.


