އިންޑިއާގެ މުޅި ޕާލަމެންޓްގައި މުސްލިމް އެންމެ އަންހެނެއް
ލޮކްސަބާގެ ދިގު ތާރީހުގައި މެންބަރުކަންކުރި މުސްލިމް އަންހެނުންގެ އަދަދަކީ 18
އިންޑިއާގެ ދެ ލިޔުންތެރިއަކު މުސްލިމު އަންހެނުން ގާނޫނުހަދާ މަޖިލީހުގައި ތަމްސީލް ކުރިން ސިފަކޮށްދީފައިވަނީ ވަރަށް އާދަޔާ ހިލާފު އިބާރާތަކުންނެވެ. އެ ލިޔުންތެރިންގެ ސިފަކުރުން ދެކިބަލާށެވެ. އެ މީހުން ބުނެފައިވެއެވެ.
" ގަދީމީ ރަސްކަމެއްގެ ހިތްގައިމު މާހައުލެއްގައި، އަންހެން ފަރުމާކުރުންތެރިޔަކު ތަރިތަކުގެ އަލިން ފޭރާންވިޔެ، "އަޑުތަކުގެ ބޮޑު މާލަމަށް" ފޮނުވުމަށްޓަކައި އަޑުތަކެއް ތައްޔާރުކުރަމުން ދިޔައެވެ. ނަމަވެސް، އަންހެނުންނަށް ކުރާ އިހާނެތްތެރިކަމާއި ތަފާތުކުރުންތަކުގެ ނުފޫޒުގައި ތިބި ބަލަދުވެރިން، ވެރިކަމުގެ މަތީ މާލަމަށް ދިއުމުގެ ފުރުސަތު ދިނީ އޭނާގެ މަސައްކަތުގެ ތެރެއިން ހޮވާލެވުނު މަދު ފޭރާމަކަށެވެ.
އެ ފޭރާމުގެ ތެރޭގައި ހިމެނެނީ "ނަކަތުގެ ދަރިން" ނެވެ. މުޅިއެކު 18 އަންހެނުންނެވެ. އެކަނބަލުންގެ މަސައްކަތްތަކުން ވިދަމުންދަނީ ހިތްވަރާއި، އިހުލާސްތެރިކަމާއި، ބުއްދިވެރިކަމުގެ ނޫރެވެ."
ރަޝީދު ކިދްވާއީ އަދި އަމްބަރު ކުމާރު ގޯޝްގެ ފޮތް "މިސިންގ ފްރޮމް ދަ ހައުސް: މުސްލިމް ވުމެން އިން ދަ ލޯކް ސަބާ" ގައި، 1952 އިން 2024 އަށް އިންޑިއާގެ ލޯކް ސަބާގައި ހިމެނުނު އެ 18 މުސްލިމް އަންހެނުންގެ ތާރީހު ބަޔާންކޮށްދީފައިވެއެވެ.
ކޮރަޕްޝަނާއި، ދީނީ ހަރުކަށިކަމާއި، ކުށްވެރިވުމުން އެއްކިބާވެފައިވާ މި ކަނބަލުންގެ ހިމޭން ގަދަފަދަކަމަކީ، އިންޑިއާގެ 75 އަހަރުވީ ބަރުލަމާނީ ތާރީހުގައި އެކަހެރި ކުރުންތަކާ ދެކޮޅަށް އޮތް ވަރުގަދަ އައްޑަނައެކެވެ.
ސޫފީ ފަލްސަފާތަކުގެ ބަތަލާއިން ފަދައިން، އެ ކަނބަލުން ދައްކުވައިދެނީ އެންމެ ހިމަ ފޭރާމަކުންވެސް ގައުމެއްގެ ރޫހު ގުޅުވާލެވިދާނެ ކަމެވެ. އެ ފޮތުގައި އެ ކަނބަލުން ބާރުގެ ގޮނޑިތަކުން އެކަހެރިކުރެވުނު ގޮތުގެ މައްޗަށް މާބޮޑަށް ބަހުސްކުރުމުގެ ބަދަލުގައި، ފާހަގަކޮށްފައިވަނީ ނަފުރަތާއި، ބައިބައިވުމާއި، ގާނޫނު ހަދާ މަޖިލީހުގެ ފިރިހެން މެންބަރުންގެ މެދުގައި އާންމުވެފައިވާ ކޮރަޕްޝަނާ ދެކޮޅަށް އެކަނބަލުންނަކީ ތާހިރު ބާރެއްގެ ގޮތުގައެވެ. ކޮރަޕްޝަނާއި، ނަފުރަތާއި، ރޭވުންތަކާއި، އަނިޔާވެރިކަމާއި، އަންހެނުންނަށް ކުރާ އިހާނެތްތެރިކަމުން ކިލަނބުވެފައިވާ މަޖިލީހުގެ ތަޅުމުގައި، އެ ކަނބަލުންނަކީ ރޭގަނޑުގެ ފިނިވާރެއިން ދޮވެލެވިފައިވާ ސާފު މާތަކެއް ފަދަ ބައެކެވެ.
ހިސާބުތަކުން ދައްކާގޮތުގައި، 1952 އިން ފެށިގެން އިންތިހާބުވި 7500 މެންބަރުންގެ ތެރެއިން މުސްލިމް އަންހެނުންގެ ނިސްބަތަކީ އެންމެ %0.6 އެވެ. 2024 އާ ހަމައަށް ބޭއްވުނު 18 ލޯކް ސަބާގެ ތެރެއިން ހަތަރު ދައުރެއްގައި އެންމެ މުސްލިމް އަންހެނަކުވެސް ނެތެވެ. އަދި ލޯކް ސަބާގެ 543 ގޮނޑީގެ ތެރެއިން އެއްފަހަރާ ހަތަރު އަންހެނުންނަށްވުރެ ގިނައިން އެއްވެސް ދައުރެއްގައި ހިމެނިފައެއް ނުވެއެވެ. މިއީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ނިސްބަތްވާ ކަމެއް ނޫނެވެ. އެހެންނަމަވެސް، މުސްލިމުންނަށް ބޮޑެތި ލުއިތަކެއް ދޭކަމަށް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކުރާ ދައުވާ، މި ފޮތުގައި ވަނީ ހަރުދަނާ ހެކިތަކާއެކު ދޮގުކޮށްފައެވެ.
ކުޅަދާނަ ލިޔުންތެރިޔާ ރަޝީދު ކިދްވާއީ، އެ ކަނބަލުންގެ ހިދުމަތްތައް ގެނެސްދެއްވާފައިވަނީ ވަރަށް ޝައުގުވެރި ގޮތަކަށެވެ. އިންޑިއާގެ ސިޔާސީ މަސްރަހުގައި ގަދަވެގަނެގެން ތިބި ފިރިހެނުންނާ ދެކޮޅަށް ހަރުކަށި ބަސްތައް ބޭނުންކުރުމުގެ ބަދަލުގައި، އޭނާ އިސްކަންދެއްވީ ހަގީގަތްތައް ހާމަކުރުމަށެވެ. އަނެއް މުސައްނިފު، އަމްބަރު ކުމާރު ގޯޝް، ވަނީ ސައްހަ ތަފާސްހިސާބުތަކުން އެ ވާހަކަތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއްވާފައެވެ.
މުފީދާ އަހުމަދުން ފެށިގެން އިގުރާ ހަސަނާ ހަމައަށް:
1957 ވަނަ އަހަރު އާސާމްގެ ޖޯރްހާތުން އިންތިހާބުވި މޮފީދާ އަހުމަދުން ފެށިގެން، 2024 ވަނަ އަހަރު އުއްތަރު ޕްރަދޭޝްގެ ކައިރާނާއިން އިންތިހާބުވި އިގްރާ ހަސަން ޗައުދަރީއާ ހަމައަށް "މިސިންގ ފްރޮމް ދަ ހައުސް: މުސްލިމް ވުމެން އިން ދަ ލޯކް ސަބާ"ގައި ބަޔާންކޮށްފައިވެއެވެ.
އެ ދެމެދުގައި ހިމެނޭ އެހެން ކަނބަލުންނަކީ: ޒޮހްރާބެން އަކްބަރްބާއީ ޗާވްދާ، މައިމޫނާ ސުލްތާން، ބޭގަމް އަކްބަރް ޖެހާން އަބްދުއްލާ، ރާޝިދާ ހައްގު ޗައުދަރީ، މުހްސިނާ ކިދްވާއީ، އާބިދާ އަހުމަދު، ނޫރު ބާނޯ، ރުބާބް ސައްޔިދާ، މަހްބޫބާ މުފްތީ، ތަބައްސުމް ހަސަން، މައުސަމް ނޫރު، ގައިސަރު ޖަހާން، މުމްތާޒު ސަންގަމިތުރާ، ސާޖިދާ އަހުމަދު، ރާނީ ނާރާ، އަދި ނުސްރަތު ޖަހާން ރޫހީ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި މުސްލިމް އަންހެނުންނާއި، އަދި ޖުމްލަކޮށް ހުރިހާ ދީންތަކެއްގެ އަންހެނުންގެ ހިއްސާވެސް އޮތީ ވަރަށް ދަށް މިންވަރެއްގައިކަން ސާފުވާނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި މެންބަރުންގެ ތެރެއިން ގިނަ ބޭފުޅުން ނިސްބަތްވަނީ އެންމެ ތިން ސްޓޭޓަކަށެވެ. އެއީ އާސާމް، ހުޅަނގު ބެންގާލް، އަދި އުއްތަރު ޕްރަދޭޝް އެވެ. ދެކުނު އިންޑިއާގެ ސްޓޭޓްތަކަކީ އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ތަންތަން ކަމަށްވިޔަސް، ވެރިކަމުގެ ދާއިރާގައި އަންހެނުންގެ ހިއްސާގެ ގޮތުން އެ ސްޓޭޓްތައް އުޅެނީ ފަހަތުގައެވެ.
މަދު މިންވަރަކަށް ތިއްބެވި ނަމަވެސް، މުސްލިމް އަންހެން މެންބަރުން ވަނީ އިންޑިއާގެ ޑިމޮކްރަސީއާއި ގައުމު ބިނާކުރުމުގައި އަގުނުކުރެވޭފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެކަނބަލުން ވަނީ ލޯކް ސަބާގެ ބަހުސްތަކަށް އަދަބުވެރިކަމާއި، މާތްކަމާއި، ފުރިހަމަކަން ގެނެސްދެއްވާފައެވެ. ހާއްސަކޮށް، ފަހަކަށް އައިސް ފިރިހެން މެންބަރުންގެ މެދުގައި ޒުވާބުކުރުމާއި ހަޅޭއްލެވުން އާންމުވެފައިވާ މާހައުލެއްގައި އެކަނބަލުންގެ ދައުރު ފާހަގަކޮށްލެވެއެވެ.
މައިމޫނާ ސުލްތާން

ބޯޕާލްގެ މައިމޫނާ ސުލްތާނަކީ ގަރުނަކަށްވުރެ ގިނަ ދުވަހު ބޯޕާލްގައި ވެރިކަންކުރި މަޝްހޫރު "ބޭގަމް" އިންގެ އާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ. މައިމޫނާއަކީ އިނގިރޭސި އަދަބިއްޔާތުގެ މާހިރެއް ކަމުން، އޭނާއަކީ ވަރަށް ފުރިހަމައަށް ވާހަކަދައްކަވާ ލީޑަރެކެވެ. އޭނާގެ އިލްމީ ވާހަކަދެއްކުންތެރިކަމުގެ ސަބަބުން، ލޯކް ސަބާގައި ތިއްބެވި ވަރުގަދަ ޝަހުސިއްޔަތުތައްވެސް ޖެހިލުންވިއެވެ.
މުހްސިނާ ކިދްވާއީ

މުހުސިނާ އަކީ 1960 ގެ އަހަރުތަކުގައި ޖަވާހަރްލާލް ނެހުރޫގެ ދައުރުގައި ކޮންގްރެސްއާ ގުޅިވަޑައިގަތް، ހަތަރު ޖީލެއްގެ ލީޑަޝިޕާއެކު ސާބިތުކަމާއެކު ހުންނެވި ބޭފުޅެކެވެ. އިންދިރާ ގާންދީގެ ފަރާތުން ލިބުނު އިހްތިރާމް، މިއަދު ސޯނިއާ ގާންދީއާއި، ރާހުލް އަދި ޕްރިޔަންކާ ގާންދީގެ ފަރާތުންވެސް އޭނާއަށް ލިބިވަޑައިގަނެއެވެ. މުހްސިނާ އަކީ އުއްތަރު ޕްރަދޭޝް އެސެމްބްލީއާއި، ލޯކް ސަބާ އަދި ރާޖްޔާ ސަބާގެ މެންބަރުކަން އެތައް ފަހަރަކު ކުރައްވާފައި ގަދަރުވެރި ބޭފުޅެކެވެ.
"މުހްސިނާ ޖީ އަކީ ސިޔާސީ އެކި ފިކުރުތަކުގެ ބޭފުޅުންނާއި، މުޖުތަމަޢުގެ އެކި ފަންތީގެ މީހުންނާ ގާތް ގުޅުމެއް ބޭއްވުމުގެ ހާއްސަ ހުނަރެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް،" ކަމަށް ސޯނިއާ ގާންދީ، މުހްސިނާގެ 2022 ވަނަ އަހަރުގެ އަމިއްލަ ހަޔާތުގެ މައްޗަށް ލިޔުއްވާފައިވާ "މައި ލައިފް އިން އިންޑިއަން ޕޮލިޓިކްސް" ގައި ބަޔާންކުރައްވާފައިވެއެވެ.
އިގްރާ ހަސަން ޗައުދަރީ

މުސްލިމް އެމްޕީންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ބޭފުޅަކީ ލަންޑަންގެ އެސް.އޯ.އޭ.އެސް ޔުނިވަރސިޓީން ތައުލީމު ހާސިލުކުރައްވާފައިވާ، 2024 ވަނަ އަހަރު އުއްތަރުޕްރަދޭޝްގެ ކައިރާނާއިން އިންތިހާބުވި ގާނޫނީ ވަކީލް އިގްރާ ހަސަން ޗައުދަރީއެވެ. އިގްރާ އަކީ ލޯކް ސަބާގެ ތާރީހުގައި ހިމެނުނު އެންމެ ޒުވާން އަންހެން އެއް މެންބަރެވެ. އޭނާ ވަނީ މިހާރުވެސް އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައެވެ.
އިގްރާ އިންތިހާބުވީ އުމުރުން 29 އަހަރުގައެވެ. ބިހާރުގެ ކައިރާނާގެ ގޮނޑި އިގްރާ ކާމިޔާބުކުރީ އެންމެ ގާތުން ވާދަކުރި ބީޖޭޕީ (ވެރިކަން ކުރާ ޕާޓީ)ގެ ކެންޑިޑޭޓް 69000 ވޯޓުގެ ތަފާތުން ބަލިކޮށްފައެެވެ. އިގްރާއަކީ ހިނގަމުންދާ މަޖިލީހުގައި އިން ހަމައެކަނި މުސްލިމް އަންހެން މެންބަރެވެ. މުޅި އިންޑިއާގައި ތިބި ހުރިހާ މުސްލިމް ކަނބަލުން ތަމްސީލް ކުރާ ވަކީލެވެ.
އާއިލީ ނުފޫޒާއި ޑިމޮކްރަސީ
ބީޖޭޕީއާއި އެޕާޓީއާ ގުޅިފައިވާ ފަރާތްތަކުން ކޮންގްރެސްއާއި އެހެން ޕާޓީތަކަކީ "އާއިލީ ނުފޫޒު" އޮންނަ ޕާޓީތަކެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔާއިރު، އިންޑިއާގެ ލޯކް ސަބާއަށް މުސްލިމް އަންހެނުން އައުމުގައި މިދެންނެވި އާއިލީ ފަސްމަންޒަރު ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވެއެވެ. ތާރީހީ ގޮތުން ނުފޫޒުގަދަ އާއިލާތަކުގެ އެހީތެރިކަމާ ނުލައި، ފާއިތުވި 75 އަހަރުގެ ތެރޭގައި 18 މުސްލިމް އަންހެނުންވެސް މަޖިލީހުން ފެނުމަކީ ނާދިރު ކަމެކެވެ.
މީގެއިތުރުން، "އާއިލީ ސިޔާސަތާ" ދެކޮޅަށް އަޑުއުފުލާ ފަރާތްތަކަށް، އެފަދަ ގަދަރުވެރި ލީޑަރުންތަކެއް އުފެއްދިފައެއް ނުވެއެވެ. ޖައްމޫ އެންޑް ކަޝްމީރުގެ ޗީފް މިނިސްޓަރު އުމަރު އަބްދުއްލާ މިކަމާ ބެހޭގޮތުން ވިދާޅުވީ، "ސިޔާސީ ދާއިރާ އެކަނި އާއިލީ ނުފޫޒުން އެއްކިބާވާންވީ ކީއްވެ؟ ކުޅިވަރާއި، އިދާރީ ދާއިރާތަކާއި، ޝަރުއީ ދާއިރާގައިވެސް އެކަން އެބައޮތް. މީހަކީ ސިޔާސީ މީހެއްގެ ދަރިއަކަށް ވިޔަސް ނުވިޔަސް، ކޮންމެ ފަސް އަހަރަކުން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ވޯޓު ހޯދަންޖެހޭނެ،" ކަމަށެވެ.
ބީޖޭޕީގެ އައިޓީ ސެލްއިން މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ސޯޝަލް މީޑިއާގައި ކުރާ މަސައްކަތްތަކުގެ ސަބަބުން، ގިނަ ހިންދޫންނަށް މުސްލިމުންނާ ބެހޭގޮތުން ލިބިފައިވަނީ ކުށް މައުލޫމާތެވެ. އެހެންކަމުން "މިސިންގ ފްރޮމް ދަ ހައުސް: މުސްލިމް ވުމެން އިން ދަ ލޯކް ސަބާ" އަކީ ކިޔުންތެރިންނަށް ހަގީގަތް ހާމަކޮށްދޭނެ މުހިންމު ފޮތެކެވެ.


