މަންޑޭލާއަށް ވާންއުޅެ ނުވެވި އެންމެފަހުން މުގާބޭއަށް!
ޖިސްމެއްނުވާ ހިޔާލީ ހަސަނުކުރުސީ އާއި ކާޅުކޯލި
ޖިސްމެއް ނެތް ހަސަނު ކުރުސީއެވެ. އީސަދަރިޔާ ނައިބު ތުތްތުވެސް ތިޔަ ޒާތަކަށް އުޅުނެވެ. ނައިބު ތުއްތެއް ބެރެއްކެއް ނުހަދާނެއެވެ. ބެރެކި ހަދަނީ އީސަ ދަރިއެވެ. އާބިދާގެ މޮހަނދަށް ވެސް ވެގެން ތިޔަ އުޅެނީ އެހެންތާއެވެ. ޖިސްމެއް ނެތަކަސް ފުރާނައެއް ނެތަސް ޓްވިޓަރ އަތްގަނޑެއް އެބަ އޮތެވެ. އާބިދާ މޮހަނދުގެ ތޮބިއްޔަތު ބަޔާން ކުރުމުގައި ހޭކެނޑޭށެވެ.
މަންޑޭލާއަށް ވާން އުޅެއުޅެ އެޔަކަށް ނުވެ މިޔަކަށް ނުވެ އެންމެ ފަހުން މުގާބޭ އަށް ނުވެ ސަލާމަތްވީ ކިރިޔާއެވެ. އަރިއަޅާލައިގެން ވެއްޓުނު ކަމުންނެވެ. ކޮޅަކުން ކޮޅެއްގައި ލައްވާލާނީ ދެ ފަހަރު އެކައްޗެއް ކިޔާ އެއް ގޮތަކަށް އުޅެވުނު ނަމަ ތާއެވެ. ޑިމޮކްރަސީ އަނދުން އަޅައިގެން އުޅެނިކޮށް އެޅި އަދުން ފިލާ ހިނގައްޖެއެވެ. ގައިލައިގެން އޮތް ބޮކުހަންގަޑު ފަޅަފަޅައިގެން ގޮސް އަސްލު ސޫރަ ފާޅުވެއްޖެއެވެ.
އެލެކްސް އަހަންމަދަށް ހިފަހައްޓާ ނުލެވުނީމާ ހަސަނު ކުރުސީ ނިކުމެ ހޯބޯލެވިޔަސް އަލަކުންނެއް ހޯދޭނެ މޮޅެއް އޮތެކޭ ހަމަ ހިޔެއް ނުވެއެވެ. ކަނޑު ދުވަން ލިބުމުން މާކެޔޮޅު ކަނޑު މެދަށް ފުންމާލާ ބަކަތަޅަމުން ވަރުނުލާ ރާޅުގަޑުން އުސްފަަސްގަޑަށް އަރާ އޮވެ މިއޮޑިއެއް ނުފެތޭނެޔޭ ގޮވީ އޮޑިފެތި ބަންޑުން ޖެހި ގަދޫކޮލުން ބޭރުވެވޭ އޮއްވާ ނޫން ހެއްޔެވެ. ފަޅުވެރިންގެ ހިއްވަރާ މިންނަތުން ބެހިގެން ދިޔަނުދީ ކޮޅާ މަދަން އަޅާ ހަތް އަހަރުގެ މަސައްކަތުން މާކެޔޮޅަކު ހޯދާ ފައްސިޔާގައި ކަނޑު ދުވަން ނިކުތީމާ މާކެޔޮޅުކަން އަލުން ހޯދަން ތިޔަ ތެޅެގަތީ މާވަރަކަށެވެ.
އާބިދާ މޮހޮދުގެ ޖިސްމެއް ނުވާ ހިޔާލީ ހަސަނަށް ވެޑުވެވޭނެ ކުރުސީއެއް ނުއޮންނާނެ ތާއެވެ. ކުރުސީއެއްގައި ވެޑުވެވޭނީވެސް ޖިސްމެއް ލިބިގެން ވާނަމަތާއެވެ. އާބިދާ މޮހަނދަށް ވެސް ޝަހުސު ފޮރުވައިގެން ދެބޯގެރި ދުއްވަން އުޅެވޭނީ ކުޑަ ދުވަސް ކޮޅަކުއެވެ. ބަޔަކު މޮޔަ ހައްދާ ކަނު ބަނދެގެން ގެންގުޅެވޭނިވެސް މިންވަރުގެ ކޮޅަށެވެ. ބައެއް ފަހަރު އެންމެން މޮޔަ ހެއްދުނަސް އަބަދަކު އެންމެނަކު މޮޔައެއް ނުހެއްދޭނެއެވެ. އެންމެނަކު އަބަދަކު މީހެއްގެ ލޮލުން އެމީހެއްގެ ދުނިޔެ ނުބަލާނެކަން އެގެން ޖެހެއެވެ.
ކޮންމެ ފަހަރަކު ކާޅު ހާލިހެދީމާ އައިސް އެޅިބިހުން ނިކުތީ ހުސް ކާޅުކޯއްޔެވެ. އޮޅިގެންވެސް ޑިންޑިން ކޯއްޔެއް އެއިން ހައްޔަކުން އުފަނެއް ނުކުރިއެވެ. މަދޮއްޓެއްހާ ލޮލުއޮށް ރަތް ކާޅުކޯލިތައް ބިސްއަޅަން އޮތް ހާލިން ދަމާ ބޭރުކުރަން ފަރިކޮށްފައި އެ ތިބީ ގަޑިގުނާލަ ގުނާލައެވެ.
ހަސަނުކުރުސީއަށް އަދިވެސް ވަށާ އޮތް ދުނިޔެ ތިޔަ ފެންނަނީ އަޅައިގެން ހުރި އައިނުގެ ބިއްލޫރި ގަނޑުގެ ކުލައިންނެވެ. އައިނުނަގާ ލޯހުޅުވައިގެން ނިކަން ރަނގަޅަށް ވަށާ ހިނގާ ކަންކަމަށް ބަލާބަލާށެވެ. މަންޒަރު ބަދަލު ވެއްޖެއެވެ. ޖިސްމެއް ނެތް ހަސަނަށް ވެސް ތިޔަ ހީވަނީ ފުޅަށް ބުޑުން ދާހާ ބަޔަކީ ކެޔޮގަނޑު ކަނޑަން ދާމީހުން ކަމަށެވެ.
މޫސާގެފާނުގެ ފިރުއައުނު ވެސް އުޑަށް އަމުރު ކުރީމާ ވަރޭ ވެހުނެވެ. އޭނާއަށްވެސް ކަލާނގެ ވަންތަކަން ލިބި ނުވާކަން އެގުނީ ކަނޑުގައި ގަރަގުވާން ފެށުމުންނެވެ. އޭރު މާލަސްވެއްޖެއެވެ. މިހިރަ މިހިރަ ކަންކަމުން ހަސަނު ކުރުސީއެއް ކަމަކު އިބްރަތް ހޯދަން ޖެހެއެވެ. ނޫނީ މާލަސް ވެދާނެއެވެ.