ފުލުހުންނަށް ކުރާހޭދައާއި ގާތަށްވެސް ރައްކާތެރިކަމާއި ހިދުމަތެއް ނުލިބޭ

ރާއްޖޭގައި ދައުލަތް ހިންގުމަށް ކުރާ ހޭދަޔާ ގާތަށްވެސް ދައުލަތެއް ނުހިނގައެވެ. ހިދުމަތް ފޯރުކޮށެއް ނުދެވެއެވެ. ކޮންމެ ދިމާލަކަށް ބަލާލިޔަސް ހިތް ހަމަ ޖެހުމުގެ ނޭވާއެއް ލެވޭނެ ވަކިކަމެއް ރާއްޖޭގައި ނެތެވެ. ރައްކާތެރިކަމެއް ހަމައެއް އިންސާފެއް ހަމަޖެހުމެއް ނެތެވެ.
" ޕްރޮޓެކްޓް އެންޑް ސާވް" މޮޓޯއަކަށް ބަލައިގެން މަސައްކަތް ކުރަން އުފެދިފައި އޮންނަ ދިވެހި ފުލުހުންގެ ހިދުމަތް ފޭލިވެފައި އޮތް އޮތުން ރައްކާތެރިކަމެއް ހަމައެއް އިންސާފެއް ހަމަޖެހުމެއް ނެތުމުގެ ސަބަބަކަށް ފުދޭނެއެވެ. ދިވެހި ފުލުހުންގެ ހިދުމަތް ފޭލިވެފައިވަނީ ކޮންކަމެއް އެ މީހުނަށް މަދުވެގެން ހެއްޔެވެ. ކާކު ދެކެ ބިރުން ހެއްޔެވެ.
ދުނިޔޭގެ ފެންވަރުގެ އެންމެ ޒަމާނީ ތައުލީމާއި ތަމްރީނު ދިވެހި ފުލުހުންނަށް ލިބިފައި ތިބިކަމަށް ދައުވާކުރެއެވެ. ރާއްޖޭގެ ނިސްބަތުގައި ފުލުހުންނަށް ބޭނުންވާ ޒަމާނީ ވަސީލަތާއި އާލާތް އެބަހުއްޓެވެ. އަނބި ދަރިންނާއި މައިންބަފައިންނަށް ދައުލަތުން ބޭސް ފަރުވާކޮށްދެއެވެ. އެކަށީގެންވާ މުސާރައާއި އިނާޔަތާއި ލިބެއެވެ. ވީވަރަކުން އާއިލާއަށް ހިޔާވަހިކަންވެސް ލިބެއެވެ. ދައުލަތުން ފުލުހުންނަށް ކުރާ ހޭދަޔާއި ގާތަށްވެސް ރައްކާތެރިކަމެއް ހިދުމަތެއް ރައްޔިތުންނަކަށް ފުލުހުން ނުދެއެވެ.
ފުލުހުންނަކީ ވެހިކަލް ޓޯކުރުމާއި ދުއްވާއެއްޗެތި ޖުރުމަނާ ކުރުން ނޫން ކަމެއް ކުރާބައެކޭ ހިޔެއްނުވެއެވެ. މެދުނުކެނޑި މަގުމަތީ އެކްސިޑެންޓްތައް މާލެ ސަރަހައްދާއި ބޮޑެތި ސިޓީތަކުގައި ހިނގާއިރު، އަކަ ކައިވަތެއް ވަރުގެ ކުޑަކުޑަ މާލޭގެ ޓްރެފިކް ވެސް ރަނގަޅަށް އިންތިޒާމްކޮށް ނުލެވެއެވެ.
ގޮތް ނޭނގި މަރުވެފައި ނުވަތަ މަރާލެވިފައިވާ އެތައްބައެއްގެ މަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމުކޮށް ދިނުމުގައި ފުލުހުންގެ މުއައްސަސާ ވަނީ ފޭލިވެފައެވެ. ގެއްލިފައިވާ އެތައް ބަޔަކަށް ވީނުވީއެއް ނުހޯދެއެވެ. ފާޅުކަން ބޮޑުކޮށް ހިންގާފައިވާ ހިޔާނާތާއި ފަސާދައިގައި ދައުލަތް ނޮލާ ކާލައިގެން ތިބި އެއްވެސް މީހަކަށް ހައްގު އަދަބުދީ ދައުލަތަށް ގެއްލިފައިވާ އެތައް ބިލިޔަން ރުފިޔާ ހޯދައިދިނުމުގައި ފުލުހުންވަނީ ނުކުޅެދިފައެވެ.
ރައްޔިތުން ރައްކާތެރިކޮށްދީ ހިދުމަތް ދިނުމަށްވުރެ ސާހިބުގެ ބުމަރަކަށް ފުލުހުންގެ މުއައްސަސާ ވަނީ ބަދަލުވެފައެވެ. އިޖުރާއީ ދެ ފޮޅުވަތް ދޭތެރެއިން ބޮޑެތި މުޖުރިމުންނާއި ބާރުވެރި ސިޔާސީ މީހުނަށް ދެމިގަނެވޭ ގޮތަށް ނޫނީ ފުލުހުންގެ އެއްވެސް ތަހުގީގެއް ހުސްވެގެން ނުވެއެވެ. ސިޔާސީ ވާދަވެރިން މަރުތަޅު އެޅޭގޮތަށް ހެއްކާ ގަރީނާ އުފެއްދައިގެން ސަރުކާރު ހިމާޔަތް ކުރުން ނޫންކަމެއް ފުލުހުންގެ މުއައްސަސާއިން ނުކުރެއެވެ. ފުލުހުންގެ ފަރާތުން ރައްކާތެރިކާއި ހިދުމަތެއް ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އިތުބާރެއް އާއްމު ރައްޔިތަކަށް ހަގީގަތުގައި ނެތެވެ.