ބޮޓުންނަށް މުއިއްޒު ރިއެކްޓްކުރަނީ އިސްކުރު މަދުވީމަ!
ސަލާމަތްބުއްދި ހުރިނަމަ ނުފޯރާފޮތިން ފޫގަޅައިގެން ހަނދަށް ދާކަށްނޫޅޭނެ
ދައްކާ ވާހަކާއި ކުރާ ކަންކަމުގެ ދެކޮޅު ނުޖެހުން ބޮޑުކަމުން ގާނޫނުއަސާސީގައި ބުނާ ގޮތަށް ރައީސް މުއިއްޒުގެ ބުއްދި ހުރީ ސަލާމަތުންތޯ ބަލަން އެބަޖެހެއެވެ. ބުއްދި ސަލާމަތުން ހުރުމަކީ ރައީސުލްޖުމްހޫރިއްޔާގައި އަބަދުވެސް ހުރުން ލާޒިމް ސިފައެކެވެ. ރައީސް މުއިއްޒުގެ ސިކުނޑި ހަމަކަމާމެދު ވަރަށް ބޮޑަށް ޝައްކެވެ.
މޮޔައަކުވެސް ނުދައްކާވަރުގެ ކަނޑުކޮސް ވާހަކަ ރައީސް ކަމުގައި ހުރެގެން މުއިއްޒު އެބަދައްކައެވެ. އެއް ވާހަކައެއް ދެވާހަކައެއް ނޫނެވެ. ގޮށް ޖެހޭނަމަ ދުލުގައި ގޮށްޖެހޭ ވަރަށް ރައީސް މުއިއްޒު ދޮގު ވެސް ހަދައިފިއެވެ. ކުރާ ގިނަ ކަންކަމުގައި ފެނެއް ނުހިފައެވެ. ބަހަކާ އަމަލަކާ ދިމައެއްނުވެއެވެ.
އިހުގައި ރަށްރަށުގެ ގަސްގަސް ބުޑުގައި ކަމެއްނެތި ބޮލަށް އަތްލައިގެން ރަނބަ ގިރަން ތިބޭ ރަނޑާލިންނަށް ވުރެވެސް މުއިއްޒުގެ ރަނޑާލިކަން ބޮޑެވެ. ޖަހާ ހާ ބެރަކަށް މިވަރަށް ނަށާ ވެރިއަކު ނުދެކެމެވެ. މީސްމީޑިއާގައި ބޮޓުން ދައްކާ ވާހަކަތަކަށްވެސް ރިއެކްޓް ކުރަނީވެސް މާވަރަކަށެވެ. ޔޯލަ ކޮށްލާފައި މީހުން ބުނެ ވީއްލާ ބަހުގައިވެސް ޖެހެނީ އަމަށަކު ވަރަކަށް ނޫނެވެ.
ރައީސް ކަމުގެ ގާނޫނީ ޒިންމާއާއި ގުޅިގެން ރައްޔިތުންނަށް ވާންޖެހޭ ޖަވާބުދާރީވުމުގައި ސުމެކެވެ. ހާމަކުރަން ވައުދުވި 100 އެގްރިމެންޓް ހާމައެއް ނުކުރެއެވެ. ވެރިކަމަށް އެރިފަހުން ވީއެއްވެސް އެގްރިމަންޓެއްގެ ހިލަންވެސް ނުކޮށް އޮތީ ސިއްރުކޮށްފައެވެ. ސިޔާސީ މަގާމްތަކުގެ އަދަދެއް ހާމައެއް ނުކުރެއެވެ. އާމްދަނީއާއި ހަރަދުގެ ހުލާސާ ކޮށެއް ނުދެއެވެ. މިހެންގޮސް ހާމަކުރަންޖެހޭ ހާމަ ނުކުރާ ކަންކަމުގެ ލިސްޓް ކޮޅުން ނުލައެވެ.
ރައީސް މުއިއްޒުގެ ކަމަކީ ހަސަަންކުރުސީ ދައްކާ ވާހަކަތަކަށް ޖަވާބު ދިނުމެވެ. ފްރޮންޓް އޮފީހުގެ ތުހުމަތު ތަކުން ބަރީއަވުމަށް ހަމައަޅުވާ ހަމަ ދެއްކުމެވެ. ރާއްޖޭގެ މާލީ ހާލަތު ތެދުބަހުން ތައައްސުބެއް ނެތި ހާމަ ކޮށްދިނުމަށްވުރެ މުއިއްޒަށް މުހިންމީ ގަނޑުވަރުގައި ކަރޯކޭ ޖެއްސެން ނެތްކަން ހާމަކުރުމެވެ. ސިޔާސީ މަގާމުތަކުގެ ތަފްސީލް ދިނުމަށްވުރެ މުއިއްޒަށް ބޮޑުކަމަކަށްވަނީ އާރަށު ފާހާނާ ވާހަކަ ދެއްކުމެވެ.
ކުރާނީ ކީއްހެއްޔެވެ. ދިފާއަށް ހޫރާލާ ފައިންޖެހި ބޯޅަ ވަންނަނީ ބައިކޮޅު ގޯލަށެވެ. ބޮލުގެ އިސްކުރުތައް ހަމައަށް ބާރުވެފައި ހުރިނަމަ އެ ވަރަކަށް ތުރުތުރެއް ނާޅާނެއެވެ. ބުއްދި ސަލާމަތުން ހުރިނަމަ ނުފޯރާ ފޮތިން ފޫގަޅައިގެން ހަނދަށް ދާކަށް ނޫޅޭނެއެވެ. ސިކުނޑި ހަމަޖެހޭ ވެރިއަކު ދަރަނިން ބޯހިކެންނެތި، އަނގަޔާ އަތާ ދިމާނުވެ، ހިތިބޭސް ބޯންޖެހިފައި ތިބެގެން ކަނޑުއަޑީ ޓަނަލާއި މިނީ ރޭލާއި ފްލޯޓިންގ ޓާމިނަލާއި އެކޯސިޓީގެ ވާހަކައެއް ނުދައްކާނެއެވެ.