ދޮންނަކުނޑި އާއި ތެލާއި ކެމިކަލް އަޅައިގެން ކިރު ވިއްކަނިކޮށް އަތުލައިގެންފި
23 މިލިއަނަށް ލީޓަރަށްވުރެ ގިނަ ކިރު އަތުލައިގެން
އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓުގައި ސާފު ކިރަށް އޯމޯއާއި، ޕާމް އޮއިލް އަދި ކެމިކަލް އެއްކޮށްގެން އުފައްދާފައިވާ 23 މިލިއަނަށް ލީޓަރަށްވުރެ ގިނަ ކިރު އަތުލައިގެންފިއެވެ. ކަމާބެހޭ އިދާރާތަކުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އެކަން މިހާރުވަނީ ފަޅާއަރުވާލާފައެވެ.
އިންޑިއާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އިން ހާމަކުރި ގޮތުގައި، މި އަމަލު ހިންގާފައިވަނީ ދާރާޝިވް ޑިސްޓްރިކްޓުގައެވެ. ތަހުގީގުން އެނގިފައިވާ ގޮތުގައި މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި، ކޮންމެ 100 ލީޓަރުގެ ސާފު ކިރަށް 10 ލީޓަރުގެ މަސްނޫއީ ކިރު އެއްކޮށްފައިވެއެވެ. އަދި މިކަމަށްޓަކައި 230,000 ކިލޯއަށްވުރެ ގިނަ ދަށް ފެންވަރުގެ ހިކި ކިރު ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސިއްހީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި، މިފަދަ ގޮތްގޮތަށް އުފައްދާ ކިރު ބޭނުންކުރުމަކީ ފުރަމޭ، ކިޑްނީ އަދި ހަޖަމުކުރާ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. މީގެ ނުރައްކާ ކުޑަކުދިންނާއި، މާބަނޑު މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށް ވަކިން ބޮޑުކަން ފާހަގަކޮށްފައިވެއެވެ.
އެފް.ޑީ.އޭގެ ޑިރެކްޓަރު ތުކާރާމް މުންދޭ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ބޮޑެތި މުނާސަބަތުތަކާ ދިމާކޮށް ކިރުގެ ބާވަތްތަކަށް އޮންނަ ޑިމާންޑް އިތުރުވާތީ، މިފަދަ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ފެންމަތިވަމުންދާ މިފަދަ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. މިއަހަރުގެ ކުރީކޮޅު ގުޖުރާތުން ވެސް މިފަދަ ގަވާއިދާ ހިލާފަށް މަސްނޫއީ ކިރު އުފައްދާ ތަނެއް ވަނީ އަތުލައިގަނެފައެވެ.


