112 ޝަހީދުންގެ ބޮޑު ޖަނާޒާއެއް ގައްޒާގައި ބާއްވައިފި

2023 ގެ ފަހުކޮޅު، އިސްރާއީލުން ގައްޒާގެ މީހުން ދިރިއުޅޭތަންތަނަށް ދިން ހަމަލާއެއްގައި ޝަހީދުވި މީހުންގެ ޖަނާޒާ

112 ޝަހީދުންގެ ބޮޑު ޖަނާޒާއެއް ގައްޒާގައި ބާއްވައިފި

ގައްޒާ ހަނގުރާމައިގެ ކުރީކޮޅު، 2023 ވަނަ އަހަރުގެ ފަހުކޮޅު، އިސްރާއީލުން ގައްޒާ ސިޓީގެ މީހުން ދިރިއުޅޭ އިމާރާތްތަކަކަށް ދިން ހަމަލާއެއްގައި ޝަހީދުވި 112 މީހުންގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މި ދެ އާއިލާއަކަށް ނިސްބަތްވާ މީހުންގެ ހަށިތައް ފެނިފައިވަނީ، ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މަސައްކަތުން، އިމާރާތްތަކުގެ ކުނިބުނިތަކުގެ ދަށުންނެވެ.

ޝަހީދުވި ކޮންމެ މީހެއްގެ ހަށިގަނޑު ފަލަސްތީނުގެ ދިދައިން ނިވާކޮށް، ބައެއް މީހުންގެ ފޮޓޯތައް ހަށިގަނޑު ކައިރީގައި ބަހައްޓާފައި ހުރި މަންޒަރުތައް ފެނިގެންދިޔައެވެ. މިއީ ގައްޒާގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު ޖަނާޒާ ކަމަށް ބެލެވެއެވެ.

ޖަނާޒާގައި ބައިވެރިވި އަލީ އަބޫ ޝަރީއާ ބުނި ގޮތުގައި، މިއީ އިންތިހާއަށް ހިތާމަވެރި ވަގުތެއް ނަމަވެސް، ޝަހީދުވި މީހުންގެ ހަށިތައް ފެނި، އެމީހުން ވަޅުލެވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

ޝަހީދުވި މީހުންގެ ތެރޭގައި އަބޫ ޝަރީއާ އަދި ހަސައިނާ އާއިލާގެ 40 ކުޑަކުދިންނާއި، 38 އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ 7 މީހުން ހިމެނެއެވެ. މި މީހުން ޝަހީދުވީ 22 ނޮވެމްބަރު 2023 ގައި ގައްޒާ ސިޓީގެ ސަބްރާ އަވަށުގެ އިމާރާތްތަކަކަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައެވެ.

އިސްރާއީލް ސިފައިންނާ މި ހަމަލާއާ ގުޅޭގޮތުން ސުވާލުކުރުމުން، އެމީހުން އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ގައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 73377 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ކުނިބުނިތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ސިވިލް ޑިފެންސްގެ ފަރާތުންނެވެ. މި މަސައްކަތުގައި ބައިނަލްއަގުވާމީ ރެޑް ކްރޮސް އިން އަންނަނީ ފަންނީ އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ބޭނުންވާ ސާމާނާއި، ތަމްރީނާއި، އަދި ކޮނުމަށް ބޭނުންވާ ބޮޑެތި މެޝިނަރީޒް ފޯރުކޮށްދިނުން ހިމެނެއެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މުހައްމަދު ބާސިލް ވިދާޅުވި ގޮތުގައި، ހަމަލާދިން ދުވަހު އެ ސަރަހައްދަށް ދިއުމަށް އިސްރާއީލުގެ ހުރަސްތަކުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވިއެވެ. އެ އިމާރާތުގައި 180 އެއްހާ މީހުން ތިބި އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ މީހުން ވަނީ ޝަހީދުވެފައެވެ.

އާއިލާގެ އެންމެން ގެއްލި، ހަމައެކަނި ސަލާމަތްވި ޔޫސުފް އަބޫ ޝަރީއާ ބުނީ، އޭނާގެ މަންމައާއި ބައްޕައާއި، ބޮޑުބޭބެމެންނާއި އާއިލާގެ އެންމެން ގެއްލުނީ އެ ކުނިބުނިތަކުގެ ދަށަށް ކަމަށެވެ. އަދި ނާހިދު އަލް ހަސައިނާ، އޭނާގެ ތިމާގެ ދެ ކުޑަ ކުދިން ކަމަށްވާ އުމަރާއި އިބްރާހީމްގެ ދަބަހާއި ބޫޓު ދައްކަމުން ސުވާލުކުރީ، އެ ކުށެއް ނެތް ކުޑަކުދިން މަރާލީ ކީއްވެގެންތޯއެވެ؟

އަދިވެސް އެ ސަރަހައްދުގެ ކުނިބުނިތަކުގެ ދަށުގައި އެތައް ބައެއްގެ ހަށިތައް ވާނެ ކަމަށް ބެލެވެއެވެ. މުޅި ގައްޒާގައިވެސް މިފަދައިން ގެއްލިފައިވާ އެތައް ހާސް ބަޔަކު ތިބި އިރު، ގިނަ ބަޔަކު ތިބީ އިސްރާއީލުގެ ބޯމަތީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ކަމަށް ބެލެވެއެވެ.