ޕީއެންސީގެ ކާމިޔާބީއަކީ ސިހުރެއް!
ރައްޔިތުންގެ މަޖިލިސް މުއިއްޒުވީ ވުމަށް މަރުހަބާ ކިޔަން
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމަކީ އައުކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަނީ ސަރުކާރެއް ހޮވުމަށްފަހު އޭގެފަހުން ހަމަސް ދުވަސް ނުވަނީހެވެ. އެހެން ކަމުން އައު ސަރުކާރަށް ސަރުކާރުގެ ހުރިހާ އާރަކާ ބާރެއް ހޯދުމުގެ ފުރުސަތު ސަރުކާރު ހިންގާ ޕާޓީއަށް ލިބިގެން ދެއެވެ. ނަތިޖާއެއްގެ ގޮތުން މަޖިލީހުގެ ކޮންޓްރޯލު ސރުކާރަށް ލިބިގެން ދެއެވެ.
2013 ގައި ރައީސް ޔާމީނުގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށެވެ. 2019 ގައި އެމްޑީޕީ ވެރިކަމަށް އައުމުން މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. 2023 ގައި ޕީއެންސީ ވެރިކަމަށް އައުމުން ޕީއެންސީއަށް ސްޕަރ މެޖޯރިޓީ ބޮޑުކޮށް ރައްޔިތުން ދިނީއެވެ.
ރައީސް ޔާމީނު ވަނީ އެ ވާހަކަ ކުރިޔާލާ ވިދާޅުވެފައެވެ. ސަރުކާރަށް މަޖިލީހުން ގިނަ ގޮނޑިތަކެއް ހޯދާނެ ކަމަށް ދާދިފަހުން ރައިސް ޔާމީނު އޮތީ ވިދާޅުވެފައެވެ. ރައީސް ޔާމީނު ވިދާޅުވިހެން ސަރުކާރަށް މަޖިލީހުން ގިނަ ގޮނޑިތަކެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް ޕީއެންސީގެ މި ފަހަރުގެ ކާމިޔާބީއަކީ ސިއްސައިގެން ދާވަރުގެ ކާމިޔާބީއެކެވެ.
ޕީއެންސީ ވެރިކަމަށް އައިގޮތާއި ރައީސް މުއިއްޒާއި މެދު ރައްޔިތުން ދެކެމުން އައިކަމަށް ބެލެވުނުހާ ކަންކަމުން ޕީއެންސީގެ ކާމިޔާބީ ސިހުރެއް ކަމަށް ނުބުނެވޭ ވަރެއް ނޫނެވެ. މަތިމައްޗަށް ހަދަމުން ދިޔަ ދޮގުތަކާއި ބަހަމުން ދިޔަ ސިޔާސީ މަގާމުތަކާއި ދިންހާ އާދައިގެ ވަޒީފާތަކާއި ހުއްޓިފައިވާ މަޝްރޫއުތަކާއި ނުދީ ހިފަހައްޓަމުން ދިޔަ ގޯތިތަކާއި ފްލެޓް ތަކަކީ މުއިއްޒަށް ބާރުދިނުމަށް ރައްޔިތުން ނުރުހުނު ކަންކަން ކަމަށް ބެލެވުނެވެ. އެކަންކަމުގެ ސަބަބުން މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ލިބިދާނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.
ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރި އެތައް ބަޔަކު ރޭހުން ފަހަތަށް ޖައްސާ ސަރުކާރު ތާއިދު އެހެން ބަޔަކަށް ދިން ދިނުމުން އުފެދުނު ބައިބައިވުމުން ސަރުކާރަށް މަޖިލިސް ގެއްލޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. އެކަމަކު ނަތީޖާ ލިބިގެން އައީ ހަމްދު ސޮލަވާތް ކިޔަވަން ނޭނގުނަސް މުއިއްޒުގެ ކެންޑިޑޭޓް މަޖިލީހަށް އިންތިހާބު ވެގެންނެވެ.
ސަރުކާރާމެދު ކިތަންމެ ބޮޑު ނުރުހުމެއް ފާޅުކުރަމުން ގިނަބަޔަކު ދިޔަނަމަވެސް މުއިއްޒު ބޭނުންހާ ގޮތަކަށް ގާނޫނު އަސާސީ ބަދަލުކޮށް އެހެނިހެން ގާނޫނުތައް ބައްޓަންކޮށް ހެދުމަށް ސަރުކާރުގެ ރަބަރުތައްގަޑަކަށް ރައްޔިތުންގެ މަޖިލީސް އެއޮތީ ހަދާދީފައެވެ. ރައްޔިތުންގެ މަޖިލިސް މުއިއްޒުވީ ވުމަށް މަރުހަބާ ކިޔަމެވެ.