ނަޝީދަކަށް ރާއްޖޭގެ ސިޔާސީ ނާރެހުގާ ޖާގައެއްނެތް!
ބޮޑުވަޒީރު ކަމުގެ އެދުމުގައި އެމްޑީޕީ ބައިބައި ކުރީ ނަޝީދު
ރައީސް ނަޝީދު ނިކުމެ އެމްޑީޕީއަށް ބެވި ވަރަކަށް ބަރަހަނާ ވަނީ ނަޝީދެވެ. ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ވާހަކަ ނަޝީދު ނުދައްކާށެވެ. މަޖިލީހުގެ 65 ގޮނޑި ބޮލަށް ލައިގެން އިނީ ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. ލިބުނު ސްޕަރމެޖޯރިޓީގެ ބޭނުން ހިފައިގެން ނަޝީދު އުޅުނީކީ ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ނޫނެވެ. ދައުލަތުގެ ކަންކަން ޑިމޮކްރެޓިކް ހަމަތަކަށް ފައްތާކަށް ނަޝީދު ނޫޅެއެވެ.
ނަޝީދު އުޅުނީ ލިބުނު ސްޕަރ މެޖޯރިޓީގެ ބޭނުން ކޮށްގެން ދައުލަތް ހިންގުމުގެ ބާރު އަތަށް ކަހާލާށެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ނަޝީދުގެ ގޮނޑިކޮއްކޮއަކަށް ހަދާށެވެ. އެތެރޭގައި ހުރެގެން ސަރުކާރުގެ ވާގި ނައްތާލާ ވެރިކަން އަމިއްލަ އަތަށް ފޮރޮޅާލާށެވެ. ބޮޑުވަޒީރަކަށް ވެގެން ގައުމު ފައިކޭޓަށް ޖަހާލާށެވެ.
މަޖިލީހުގެ ރައީސްކަން ހޯދަންވެސް ޕާޓީތެރެ ކުރީ ބައިބައެވެ. ދޮގު ތުހުމަތުތައްކޮށް ޑިމޮކްރަސީގެ ނަމުގައި ޒިންމާދާރު އެތައް ބައެއްގެ އަބުރު ކަތިލުން ނޫންކަމެއް ނަޝީދު ނުކުރެއެވެ. ޖޭއެސްސީގައި އިނދެ ޖުޑިޝަރީ އިސްލާހު ކުރުމުގެ ބަދަލުގައި ކުރިކަމަކީ ޖުޑިޝަރީގެ ހުރުމަތް ކެނޑުމެވެ.
ރާއްޖޭގެ ސިޔާސީވެށި އިސްލާހު ކުރުމާއި ދައުލަތް ބާރުވެރިކޮށް ފަސާދައިން ސަލާމަތް ކުރަން އުޅުމަށްވުރެ އިސްކަން ދިނީ ފަސާދަ އުފެއްދުމަށެވެ. ނަޝީދު އަމާޒު ހިފާފާ ހުރީ ލާދީނީ އެޖެންޑާ ކުރިއަށް ނެރުމަށެވެ. އެމްޑީޕީއަކީ ލާދީނީ ކަންކަމަށް އިސްކަންދޭ ބައެއް ކަމުގެ ހުތުރުނަން އެޅުނީ ނަޝީދުގެ ލާދީނީކަން ބޮޑުކަމުންނެވެ.
ރައީސް ސޯލިހުގެ ތަރައްގީގެ އެޖެންޑާއަށް ހުރަސްއަޅާ ވައްކަމުގެ ތުހުމަތު އެމްޑީޕީ ސަރުކާރަށް ކުރުވީ ސީދާ ނަޝީދެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނަޝީދުގެ ސިޔާސީ ބާރުވެރިކަމަށް ބޭނުންކުރާ ހަތިޔާރަކަށް ހެދީ ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. ގޮތް ނޭގޭ މަރުތަކުގެ ހަގީގަތް ހޯދުމުގެ މަގު ބަންދުކުރީ ސަރުކާރު ތެރޭގައި ނަޝީދު ބައިތިއްބާފައި ތިބި ބޮޓުން ލައްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ ރައީސް ނަޝީދު ރައީސް ސޯލިހާ ދެކޮޅަށް ހިންގާ ކެންޕޭނު ހަރުގެއަކަށް ހަދައިގެން އެމްޑީޕީގެ ވެރިކަން ހަރާބު ކުރަމުން އައީ ކުއްލިއަކަށް ނޫނެވެ. ދުރަލާ ރާވައިގެންނެވެ. މަޖިލިސް ރައީސް ކަމުގެ ބާރު ނުހަމަ ގޮތުގައި ބޭނުން ކޮށްގެން ސަރުކާރު ހިންގުމަށް ހުރަސްއެޅީ އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން ރައީސް ސޯލިހުގެ ވެރިކަމަށް ގިނަ މެންބަރުން ތަކެއް ތާއީދު ކުރިނަމަވެސް ނަޝީދަށް ލިބިއޮތް ރިޔާސަތުގެ ބާރު ބޭނުންކޮށްގެން ސަރުކާރު ހުއްޓުވަން ނުކުރާކަމެއް ނަޝީދު ނެތެވެ.
ރައީސް ސޯލިހުގެ ދައުރު ނިމެން ކުޑަތަންވެފައި ވަނިކޮށް މަޖިލީހުގެ ރިޔާސަތުން ނަޝީދު އެއްލާލެވެންދެން ނަޝީދާއި އޭނާގެ އައުވާނުން ރައީސް ސޯލިހުގެ ސަރުކާރަށް ނުކުރާ ޖެއްސުމެއް ނާޅުވާ ބަދުނާމެއް ނެތެވެ. މަޖިލިހުގެ 65 ގޮނޑި އެމްޑީޕީ ސަރުކާރަށް ދީގެން ވީކަމެއް ނެތޭކިޔާ ވާހަކަ ދައްކަމުން ދުވަން އެންމެ ތާހިރީ ނަޝީދެވެ.
ފާޑުފާޑަށް އެމްޑީޕީއަށް ބަވައިގެން އަނބުރާ އެމްޑީޕީގެ ކުރި ބޯއްޓަށް ނަޝީދަށް އެރިދާނެކަމުގެ ހުވަފެން ނަޝީދު ނުދެކޭށެވެ. ދިވެހިން ނަޝީދު ދެފުށުން ދަސްކޮށްފިއެވެ. ރައީސް ނަޝީދަށް ރާއްޖޭގެ ސިޔާސީ ނާރެހުގާ ޖާގައެއް ނެތެވެ.