އަމްރަށް: ނޫސްވެރިކަމުގެ އިންޑެކްސްރޭޓް މަތިކޮށްދޭން އުޅޭނެކަމެއްނެތް
ނޫސްވެރިންގެ ގަލަމުގައި ދޯރިއެއް ނުޖެއްސޭނެ
މީހަކު ސުވާލެއް ކުރާ އިރަށް މޭބޮޑުވެ ބަސްހުއްޓި އަނގައޮޅި ބަސްހުއްޓޭ މީހުން ޕްރެސްކޮންފަރެންސް ނުބާއްވާށެވެ. ނޫސްވެރިން ސުވާލު ކުރާނެއެވެ. ކުރާ ސުވާލަކީ ކޮންތާކުން ކާކު ބުނެގެން ކުރާ ސުވާލެއްތޯ ޖަވާބު ދިނުމުގައި ބަލާކަށް ނުޖެހެއެވެ. ސުވާލު ހަދާފައި ނޫސްވެރިންނަށް ސުވާލު ފޮނުވުމުގެ އާދަ ކަށީގައި ހިފާފައިތިބޭ އަމްރުމެން ކަހަލަ މީހުނަށް އެހެން ހީވެދާނެއެވެ. މިސްކިތު ހުޅު ޖެހުމޭ ކިޔަނީ އެހެންވީމައެވެ.
އަމުރުމެން ހީކުރާ ގޮތުގައި ނޫސްވެރިންނަކީ އަމިއްލައަށް ސުވާލެއް އުފައްދާ ލެވޭވަރުގެ ގާބިލު ކަމެއް ނެތް އަނދޮޅުންނެވެ. ބުނަން ހެއްޔެވެ. ރާއްޖޭގައި ކަންކަން ހިނގަނީ އެންމެންގެ ލޯމަތީގައެވެ. ވާނުވާ އެންމެނަށްމެ އެނގެއެވެ. އަމްރުމެން ފަސް އަހަރުގެ ދައުރަކުން ހަތަރު އަހަރު ވެރިކަމުގެ އާރާ ބާރުގައި ނެތް މޮޅު ހޯދަހޯދާ ހުއްޓާ ކަނޑާލީމާ ގެއްލުނު މޮޅުގެ އަސަރުގައި ހޭބުއްދި ނުފިލާ ހުރިކަން ރަނގަޅެވެ. ރުޅިގަދަވެ އަތްފައިން ގޯސް ނުހަދާ ހުރީތީ ޝުކުރުވެރިވަމެވެ. ހެދުންލަނީ އޮރިޔާން ނިވައިކުރާށެވެ.
އެކަމަކު ބުނަން ހެއްޔެވެ. ގެއްލުނު އަރާމާ ލައްޒަތުގެ ރުޅިގަނޑު ބާލައިލާނީ ނޫސްވެރިންނަކަށް ނޫނެވެ. ސަރުކާރުން އިސްކުރި މަގާމެއްގައި ހުރެ ސަރުކާރަށް ދޯކާދީ ސަރުކާރު ބަދުނާމު ކުރަން ހިތްވަރު ދީގެން މަގާމުން ވަކިކުރުވި ރެޓުންގެ ވެރިޔާއަށް ބަވާލިއްޔާ މާތަހިރު ވާނެއެވެ. މުސާރަޔާއި އިނާޔަތުގެ ގޮތުގައި މަހަކު ލައްކަ ލައްކައިން ލިބުނު ފައިސާ ގަނޑު ގެއްލުނީ އެހެން މީހަކު ކުރި ކަމަކުން ނޫނެވެ. ފުލުފުލުގައި ނޫސް ވެރިންނަށް ބެވިޔަސް ދެނެއް އެ މަގާމެއް ނުލިބޭނެއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރެގެން ހޭވި ހަޑިއެއް ހޭވީ އަމިއްލައަށެވެ. ތިޔަ ބުނާ ސްޕޮންސަރއެއް ނޫސްތަކަށް ދީފައި އިސްތިހާރު ނުޖަހަން އަމުރު އަމުރު ކުރަމުން އައީ ކާކުދެކެ ބިރުން ހެއްޔެވެ. ރެޓުންގެ ވެރިޔާ ރުއްސަންކަން ނޭނގޭ މީހަކު ނެތެވެ. މާކެޓިންގގެ ގޮތުގައާއި އިޖުތިމާއީ ޒިންމާގެ ދަށުން ނޫސްތަކަށް އެސްއޯއީ ތަކުން އެހީތެރި ވުމަކީ ރިޝްވަތުކަމަށް މިހާރު ސިފަ ކުރާން އުޅުނަސް އެކަމެއް ނުވާނެއެވެ.
އެސްޓީއޯގެ އެމްޑީކަމުގައި ހުރެ މާލޭން ގޯއްޗެއް ގަނެ މަސްލަހަތު ހިމެނޭ ކުންފުނިތަކަށް ހައްގުނޫން ވިޔަފާރި ހޯދަދީ އަމިއްލައަށް ހޭވި ހަޑީގެ ވާހަކަ ކަނޑާލީމާ ނިކުމެ އެހެން މީހުނަށް ނިސްބަތްކޮށް ދައްކަން ތާހިރެއް ނޫނެވެ. ސަރުކާރު ބަދުނާމު ކުރުމަށް ސަރުކާރު ތެރޭގައި ރެޓުން ތިބެގެން ނަޖާއިޒު ފައިދާ ނަގާ ބޮޑެތި ބޮޑެތި ޖަރީމާ ހިންގީމާ ކަނޑާލީމާ ގެއްލުނު ފުރާވަރާ ހެދި ރޮއި ހޭރޭނެ ކަމެއް ނެތެވެ. ރުޅިގަދަވެ އަތްފައި ބަޅާބޫޅި ކުރާނެ ކަމެއްނެތެވެ. ތިޔަހެން އަމުރުމެން އަރުވާ ފޮނަކުން ނޫސްވެރިންގެ ގަލަމުގައި ދޯރިއެއް ނުޖެއްސޭނެއެވެ. އަމްދަކުން ނޫސްވެރިކަމުގެ އިންޑެކްސް ރޭޓް މަތިކޮށްދޭން އަމްރު އުޅޭނެ ކަމެއްނެތެވެ.