ނަޝީދު މަތިގޮނޑިން ވެއްޓޭއިރު ލައްކަ އަޑު ހުންނާނެ!

އިތުބާރު ނެތްކަމަށް ހުށަހެޅުމުން މަޖިލީހުގެ ނަމުގައި އެއްވެސްކަމެއް ނުކުރެވޭނެ!

ނަޝީދު މަތިގޮނޑިން ވެއްޓޭއިރު ލައްކަ އަޑު ހުންނާނެ!

ރައްޔިތުންގެ މަޖިލީހުގެ ޤަދަރާއި ޢިއްޒަތުގެ ވާހަކަ ދައްކަން އެންމެ ތާހިރީ ކެނެރީގޭ ނަޝީދެވެ. ރައްޔިތުންގެ މަޖިލީހަކީ މީހުންގެ އިއްޒަތުއްނަފުސު ކަތިލަން ނަޝީދަށް ލިބުނު ރަންގަނޑެކެވެ. މިޔަ ތޫނު ހަންޖަރެކެވެ. ނަޝީދު މަޖިލީހުގެ ރިޔާސަތަށް ސަވާރު ވީއްސުރެ މަޖިލީހެކޭ ދަރިމައި ކުކުޅު ކޮއްޓެކޭ ތަފާތެއް ނެތެވެ. މެންބަރުންނަށް ވުރެ ގިނައީ ރިޔާސަތުން ކަންކަމުގައި ދެކޭގޮތާއި ބޭނުންވާ ގޮތް ހާމަ ކުރާ ވަގުތެވެ. މީގެ ކުރިއަކުން ރިޔާސަތަކީ ބަހުސްގައި ބައިވެރިވެ ބަސް ބުނާ ތަނެއް ނޫނެވެ.

ނަޝީދު މަޖީލީހުގެ ރައީސް ކަމަށް އިސްވުމާއެކު މެންބަރުންނަށް ވުރެ ގިނަ ވާހަކަ ދައްކަނީ ރިޔާސަތުން ނަޝީދެވެ. ކަމެއްގައި ހަމައެއް ލަމައެއް ނުހުރެއެވެ. މަޖިލީހުގެ ގަވައިދަކީ ނަޝީދު ވިދާޅު ބަސްފުޅެވެ. ނަޝީދާ ޖެހުމުން މަޖިލީހުގެ ކަރާމަތެއް ޝަރަފެއް ނޯވެއެވެ. މި ރާއްޖޭގައި ވެރިކަން ކުރިހާ ބަޔަކަށް ވަނަމުން ކިޔާ އެ ކަމަކީ ހަލާލު ހުއްދަ ކަމަކަށް ހެދިއިރު މަޖިލީހުގެ ކަރާމަތް އޮތީ ކޮންތާކުހެއްޔެވެ.

ވަޒީރަކު މަޖިލީހަށް ހާޒިރު ކުރިޔަސް އިންނަނީ ހޭކުޑާވެފައެވެ. ސުވާލު ކުރަން ބޭނުން ވެގެން ހުށަހެޅި މެންބަރުންނަށް ވުރެ ނަޝީދުގެ ސުވާލު ގިނަވެފާ އަނގަ ގަދައެވެ. ބޮލި ރަވައެއްހެން ތެޅުވުން ނޫން ކަމެއް ނުކުރެއެވެ. ދަން ދެބައި ވުމުން މަޖިލީހުގެ ރިޔާސަތު ދޫކޮށް ނުފިލާ ދުވަހެއް ނުދެއެވެ. މަޖިލީހުގެ ނިންމުމެއް ނެތިވެސް މަޖިލީހުގެ ނަމުގައި ބަޔާން ނެރުމާއި ރިޔާސަތަށް ނުލިބޭ އެތައް ބާރެއް ނަހަމަ ގޮތުގައި ބޭނުން ކުރެއެވެ. 

ފަހަކަށް އައިސް މަޖިލީހުގެ ތަޅުން ހަދާފައިވަނީ އިދިކޮޅު މީހުންގެ މައި ހަރުގެއަށެވެ. ހެއްދެވިހާ ދޮގެއް ހަދަހަދައިގެން ރައްޔިތުންނަށް ޗަރުކޭސް ދެއްކުން ނޫން ކަމެއް ނަޝީދު ނުކުރެއެވެ. ފުލެއް ބިތެއް ނެތް ބޭގަރާރުތައް ހުށަހަޅުވައިގެން ސަރުކާރު ބަދުނާމް ކުރުން ނޫން ކަމެއް ނުކުރެއެވެ. އެމްޑީޕީއަށް މަޖިލީހުން ބަހުސަށް ދޭން އޮތް ވަގުތުން ވައްކަންކޮށްގެން އެމްޑީޕީ ނޫން ބަޔަކަށް ވަގުތު ދިނީ މަޖިލީހުގެ މެންބަރުންގެ ކަރާމާތުގެ ކޮން ބާބަކުން ހެއްޔެވެ.

ދެ ވަޒީރެއްގެ އިތުބަރު ނެތްކަމަށް ހުށައަޅުވައިގެން ގިރަން އުޅުނު ރަނބަ ނުގިރި ގޮތް ހުސްވެ ދޮޅި ފެނުއެޅުނީމާ ވީ ރަކިން ގަޔަށް ހާޖަތަށް ދެވޭވަރު ވުމުން ނިޒާމު އޮޅާލީ ކަރާމާތުގެ ބޮޑުކަމުންތާއެވެ. މަޖިލީހުގެ މެންބަރުންގެ އިތުބާރު ގެއްލި ދަނޑި މޮކް ރެޓުން ލައްވާ އެހެން މެންބަރުނަށް ވަގަށް ގޮއްވާ އަނގަ އޮރި ކުރުވީ މެންބަރުންގެ ޝަރަފާއި ކަރާމާތް ކިހިލި ޖަހައިގެން އިދެއެވެ.  

ދައުލަތުގެ އެއްބާރު ބޮލަށް ލައިގެން މަވަރު މީހަކު ނެތިގެން އިންދާ ކޮށި އަރުވާލީ ކޮއްކޯފުޅު އީވާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވެއްދުމުންނެވެ. ފާސް ކުރަން ބޭނުންވާ ވޯޓުގެ އަދަދަށް ވުރެ ބޮޑުތަނުން އިތުރު މެންބަރުން ސޮޔާއެކުގައެވެ. ދެނަކާ ދެނެއްނެތެވެ. މަޖިލީހުގެ ދާއިމީ ކޮމެޓީތައް އަލުން އިންތިޒާމު ކުރެވުނު ކަމަކަށް ނުވިއެވެ. އާއްމު ކޮމެޓީ، ކޮމެޓީއަކަށް ނުހަދާ އާއްމު ކޮމެޓީގެ ބައްދަލުވުމެއް ނުބާއްވާ އިވާ ވަކިނުކުރާން މެންބަރުން ފަހާދުވި އިރު މަޖިލީހުގެ ކަރާމަތާއި ޝަރަފު އޮތީ ފައިކޭޓްގައި ހެއްޔެވެ. 

އެކިޒާތުގެ އެކި ބަހަނާ ދައްކައިގެން އީވާގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގިޔަ ނުދޭން މަރުފަލި ޖަހަޖަހާ ހުއްޓާ ދެން ބިންދާލީ އެއަށްވުރެ މާ ބޮޑު ރާޅެކެވެ. ރިޔާސަތުން ނަޝީދު ބޭރުކުރުމުގެ ގޮއްރާޅެވެ. 54 މެންބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގެ ރިޔާސަތުގައި ނަޝީދު ފޮނު އެރުވި އެރުވުން ނިމުމަކަށް ގެންނަން ހިފާލުމުން މަރުތަޅު އެޅުނު ކަމަށް ހަދާ މަޖިލިސް ހުއްޓުވަން އޮތްހާ ކަމެއް ކުރެވޭތޯ ބަލަންފެށީއެވެ. ނަޝީދުގެ ދަލުގައި އަމީން ޢާންމާއި ކައުންސިލް ޖެނެރަލް ވެސް ގައިދުކޮށް އެ ފަކީރުންނަށް ވެސް އެތާ ހިމޭނުން ނުތިބެވޭވަރު ކޮށްލީއެވެ. 

މަޖިލިހުގެ ނަމުގައި ނޫސްބަޔާން ނެރެ ނަޝީދުގެ އަމިއްލަ ރައުޔު އަށްޑިހަ އެތައް މެންބަރުންގެ ނަމުގައި ނަޝީދު ފާޅުކުރީ މަޖިލީހުގެ ކޮން ނިންމުމެއް އޮވެގެން ހެއްޔެވެ. އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ރައީސަކަށް މަޖިލީހުގެ ރިޔާސަތުގައި ނީދެ ވޭނީ އެކަންޏެއް ނޫނެވެ. މަޖިލީހުގެ ނަމުގައި އިދާރީ ގޮތުން ވެސް ބަހެއް ނުބުނެވޭނެއެވެ. ރައީސްގެ ހައިސިއްޔަތުން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. 

އާނއެކެވެ. މަތިގޮނޑިން ތިރިގޮނޑިއަށް ވެއްޓޭއިރު ލައްކަ އަޑު ހުންނާނެއެވެ. ލައްކަ އެއްޗެތި ދަށުވެ ޗިސްވެ ފުނޑު ވާނެއެވެ. ފިސާރި ލޮޅުން އަރާނެއެވެ. ދުނިޔެ ރަންވެ އަތްފައިން ގޯސްވެސް ހަދާނެއެވެ.

ވާނީވެސް އެހެންތާއެވެ. ވަކި އެކަކަށް ނެތް ވަރަށް ލިބި އޮތް އިނާޔަތާ ސަލާމަތާ ނަމުގެ ކުރީގައި އޮތް ރައީސް ފަތި ގެއްލޭތަން ފެނިގެން އަންނައިރު ތުރުތުރު އަޅާނެއެވެ. ގިސް ލެވޭނެއެވެ. ދެފައިތަޅާ ރޯނެއެވެ. އެންމެފަހުން ކަރާމާތް ބަނޑު ދަށު ލައިގެން ހުނި ގުރާބު ބަލާ ނުވަދެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.