އެމްޑީޕީގެ ރިފޯމަކީ މީހެއްގެ ގަޔަށްހެޔޮވަރު ކޯޓެއްނޫން

އެމްޑީޕީގެ ރިފޯމަކީ މީހެއްގެ ގަޔަށްހެޔޮވަރު ކޯޓެއްނޫން

ޕާޓީ ރިފޯމްކުރަން ފުރުސަތު ލިބުނު މީހުން އެމްޑީޕީ ރިފޯމް ކުރާ ވާހަކަ މިހާރު ނުދައްކާށެވެ. އެމްޑީޕީ އުފެދުނީއްސުރެ 2022 އަށް ޕާޓީ ރިފޯމް ކުރައްވަން ރައީސް ނަޝީދަށް ލިބިވަޑައިގަތެވެ. އެކަމެއް ނުކުރައްވައެވެ. 

އުސްތާޒު ފައްޔާޒަށްވެސް ޕާޓީ ރިފޯމްކޮށް ހިންގާލުމަށް ލިބި ވަޑައިގަތެވެ. އެންމެ ފަހުން އޮތް އެމްޑީޕީ ކޮންގްރެސްގައި ދަނޑިމަތި އެނބުރުއްވީ ވެސް ފައްޔާޒެވެ. އެވަގުތަށް ބޭނުން ބަދަލުތައް ގެނެސް ނިންންމާލެއްވީއެވެ. ޖުމްލަ އިސްލާހީ ބަދަލެއް ގެނައުމަކަށް ނޫޅުއްވައެވެ. 

ލީޑަރޝިޕް ލިބިވަޑައިގެން އެހެން ބޭފުޅުންވެސް އެކަމަކާ ނޫޅުއްވައެވެ. ބާރުލިބުމުން އެންމެންވެސް މަސައްކަތްކުރީ ގަޔަށް ހެޔޮވަރު ކޯޓަކަށް އެމްޑިޕީ ހަދާށެވެ. ކޮންމެ ނަމެއް ކިޔައިގެންވެސް ކުރާން އުޅޭކަމަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފަހިވާގޮތަށް މަގުކޮށުމެވެ. 

އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ ރާއްޖޭގެ ވެރިކަމާ އެންމެ ކައިރިއަށް ދާން އޮތް ކުރުމަގުކަން އެންމެނަށްވެސް އެނގެއެވެ. ރިޕޯމް، ރިފޯމަކަށްވާނީ ތިމާއަށް ނުވަތަ ތިމާ ބޭނުންވާ މީހަކަށް ރިޔާސީ ޓިކެޓް ލިބޭގޮތަށް މުޅި ޕާޓީ އިންތިޒާމު ވުމުންނެވެ. 

މާތްކަލާކޯއެވެ. މިވަގުތު ޕާޓީ ރިފޯމްކުރަން އުޅޭނެ ކަމެއް ނެތެވެ.  ކުރަންޏާ ކުރަން އޮތީ އެހެން ކަމެކެވެ. އެންމެން ގުޅިގެން މުއިއްޒު ސައިޒުކޮށް މުއިއްޒު ގާނޫނު އަސާސީއަށް ގެންނަންއުޅޭ ގައިރު ދުސްތުރީ ބަދަލުތައް ގެނައުން ހުއްޓުވާށެވެ. ބްލެކްމޭލުވެ އަމިއްލައަށް ދަންމަޅި ޖަހައިގެން ތިބި މަޖިލިސް މެންބަރުން އެކަމުން ސަލާމަތް ކުރަން އެޅޭށެވެ. ދަތްނެތް މިނިވަން މުއައްސަސާ ތަކުގައި ހިފޭވަރަށް ދަތް ޖަހާދޭންއުޅެބަލާށެވެ. 

 ހަމައިންެނެއްޓި އިނދަޖެހިފައިވާ ރާއއޖޭގެ މާލިއްޔަތުން ހިންގާ ކޮރަޕްޝަނާއި އިސްރާފާ ފަސާދަ ހުޢްޓުވަން ގުޅިގެން ތެދުވެ ބަލާށެވެ. ފަނޑިޔާރުގެއަށް ފޯރުވާ އަތްތައްތައް ކަނޑާ ގާނޫނުގެ ދިގުއަތް ހުރިހާ މުޖުރިމުންނަށް ފޮރުވޭނެ ގޮތް ހަދާބަލާށެވެ. 

ވެރިކަން ނެތި ގައުމު އިސްލާހު ނުކުރެވޭނޭކަމަށް ދެކޭދުށުން ބަދަލުކޮށް ސީދާ އިސްލާހީ ހަރަކާތް ފަށާބަލާށެވެ. މިހާރު އޮތް ގާނޫނު އަސާސިއާއި އިސްލާހީ ބަދަލުތައް ގެނައީވެސް ވެރިކަމުގައި ތިބެގެނެއް ނޫނެވެ.

އަޅ! ރައްޔިތުންގެ އިތުބާރު ދަމަހައްޓަން އެންމެން އެކުގައި ނިކުމެ ބަލާށެވެ. ވެރިކަން ދޭނީ ކާކަށްކަން އެހިސާބަށް ދިޔައިމާ ރައްޔިތުން ނިންމާނެއެވެ. ހީލަތް ހަދާ ޑްރާމާ ކުޅެގެން ރިޔާސީ ޓިކެޓް ހޯދަން އެކަކުވެސް އުޅޭނެކަމެއްނެތެވެ.