އިހުމާލު ހުއްޓުވޭނީ ޖަވާބުދާރީ ކުރުވައިގެން - ސްޓެލްކޯ

ސަރުކާރުން ޕްރޮޖެކްޓެއް އެވޯޑުކުރުމަކީ ނަގަންޖެހޭ ހުއްދަތައް ނުނެގުމަށްދޭ ލައިސަންސެއްނޫން.

އިހުމާލު ހުއްޓުވޭނީ ޖަވާބުދާރީ ކުރުވައިގެން - ސްޓެލްކޯ

ހުޅުމާލެ 2 ގެ ހިޔާ ފްލެޓް ތަކުން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ހަތަރު ގަޑިއިރަށް ހިޔާ ފްލެޓްތަކުން އިއްޔެ ކަރަންޓް ކެނޑުނީ ބައެއްގެ އިހުމާލުންނެވެ. ފަރުވާ ކުޑަކަމުންނެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވާހެން އެ އިހުމާލުވީ ބަޔަކު ޖަވާބު ދާރީ ކުރުވަން ޖެހެއެވެ. ވީ އިހުމަލުގެ ޒިންމާ އުފުލުވަން ޖެހެއެވެ. ގެއްލުމުގެ ބަދަލު ހޯދުވަން ޖެހެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ 25 ބުރީގެ 16 ޓަވަރުން އިއްޔެ ކަރަންޓު ކެނޑުނީ ހުޅުމާލެ 2 ގައި އިމާރާތެއް ކުރަމުން ގެންދިޔަ ބަޔަކު ކޮންނަނިކޮށް، އެ ޓަވަރުތަކަށް ކަރަންޓު ދޭ ކޭބަލެއް ހަލާކުވެގެންނެވެ. ކޭބަލްގެ މައްސަލަ ރަނގަޅުކޮށް، އަލުން ކަރަންޓު ދޭން ގިނަ ވަގުތު ނަގާނެތީ ސްޓެލްކޯއަށް ޖެހުނީ ވަގުތީ ކޭބަލެއް ބޭނުންކޮށްގެން ހިޔާ ފްލެޓްތަކަށް ކަރަންޓް ދޭށެވެ. ވަގުތީ ކޭބަލެއް އަޅައިގެން ވެސް ހިޔާފްލެޓް ތަކަށް ކަރަންޓް ދެވުނީ އެތަންތާ ކަރަންޓް ނެތްތާ ހަތަރު ގަޑި އިރު ފަހުންނެވެ. ވަގުތީ ކޭބަލެއް އަޅައިގެން ޓަވަރުތަކަށް ކަރަންޓު ދެވުނު ނަމަވެސް ހަލާކުވި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ސްޓެލްކޯއިން މިހާރު ވެސް ކުރިއަށް އެބަގެންދެއެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭ ކޭބަލް ދެ ތަނަކުން ހަލާކުވީ ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރާ 4،000 ފްލެޓް އިމާރާތްކުރާ ކޮންޓްރެކްޓަރުން ހުޅުމާލޭގައި ކޮނުން ތަކެއް ކޮންނަނިކޮށެވެ. ކޮނުމަށްޓަކާ އެޗްޑީސީން ނަގަން ޖެހޭ ހުއްދަ ހޯދައިގެން ކުރާކަމެއް ކަމަކަށްވެސް އެކަމެއް ނުވެއެވެ. ސަރުކާރުން ހިންގާ ޕްރޮޖެކްޓެއްގެ މަސައްކަތް އެވޯޑު ކުރުމަކީ އެކަމެއް ކުރުމަށް ކުރަންޖެހޭ ކަންކަމަށް ނަގަންޖެހޭ ވަކިވަކި ހުއްދަތައް ނުނަގާ ކަންކަން ކުރުމަށްދޭ ލައިސަންސެއް ނޫނެވެ. 

އެމްޑީ ޝަރީފް ވިދާޅުވާހެން ކަމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. އިމާރާތްކުރާ މީހުން ޖަވާބުދާރީ ނުކުރެވިއްޖެ ނަމަ ބޮޑެތި ގެއްލުންތައް ވެދާނެއެވެ. ކޮންމެ އިހުމާލެއްގެ ގެއްލުން ފޫނުބެއްދޭ ވަރު ވެދާނެއެވެ. ހޯދަން ޖެހޭ ހުއްދަތައް ހޯދަން ޖެހެނީ އެކަމެއް ކުރުމުގައި ލިބިދާނެ ގެއްލުން ތަކުން ސަލާމަތް ވުމަށެވެ. ހުއްދަ ނުހޯދާ ބިން ކޮނުން ފަދަ ކަންކަން ކުރުމުން ލިބިދާނެ ގެއްލުން އަންދާޒާ ކޮށްލުން ވެސް ދަތިވާނެއެވެ.

ހިޔާފްލެޓް ތަކުން ކަރަންޓް ކެނޑެން ދިމާވި ހާދިސާއަށް ބަލާލުމުން އިހުމާލުގެ ގެއްލުން ބޮޑުވަރު ވަޒަން ކުރެވެއެވެ. ހަލާކުވި ކޭބަލުގެ އަގެވެ. އެ މަރާމާތަށް ހިނގާނެ ހަރަދެވެ. ގެއްލިގެން ދާ މަސައްކަތުގެ ވަގުތެވެ. އަދި ކޮބައި ހެއްޔެވެ. ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އުފުލަން ޖެހުނު ތަކުލީފެވެ.

ވިއްސަކަށް ހާސް މީހުން ދިރިއުޅޭ 25 ބުރީގެ އުސްޓަވަރު ތަކުން ހަތަރު ގަޑިއެއް ހާއިރު ކަރަންޓް ކެނޑިފައި ހުރުމުން ވާނެ ގޮތް ހިތައް އަރުވާލާށެވެ. އެ އުސް ޓަވަރުތަކުގެ ޕާޓްމަންޓް ތަކަށް މީހުން އަރަން ޖެހުނީ ސިޑިންނެވެ. ކަރަންޓް ކެނޑުމާ ގުޅިގެން ފެން ވެސް ކެނޑި މާބަނޑު މީހުންނާއ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ތިބީ ފާހަނާ ކޮށްލެވޭނެ ގޮތް ނެތިފައެވެ. ސްކޫލަށް ކުދިން ނުފޮނުވިފައެވެ.

ހީނުކުރާ ވަރުގެ ބޮޑެތި ތަކުލީފުތައް އެތައް ހާސް ބަޔަކަށް ޖެހުނީ ބައެއްގެ އިހުމާލުންނެވެ. އިހުމާލުވީ މީހުން ޖަވާބު ދާރީ ކުރުވަން ޖެހެއެވެ. ގެއްލުމުގެ ބަދަލު ހޯދާދޭން ޖެހެއެވެ. އިހުމާލުން ލިބޭ ގެއްލުމަށް ބަދަލު ހޯދާ ދިނުމުގެ ސަގާފަތެއް އަށަގެންނެވުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.  އިހުމާލަށް ބޮޑު ވަރިހަމަ ވެފާ މިހާރަކު ތިބެވޭކަށް ނެތެވެ. އިހުމާލު ހުއްޓުވޭނީ ޖަވާބުދާރީ ކުރުވައިގެންނެވެ. ގެއްލުމުގެ ބަދަލު ހޯދައިގެންނެވެ.