ފުލުހުންނަށް މޭޔަރ: މާލޭ ރައްޔިތުނަށް އަމާންކަމެއް ނެތް!
ލިބިފައިވާ ބާރު ބަދަލު ހިފުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރުމުން ދުރުހެލިވެތިބުމަށް ފުލުންހުންގެ މުއައްސާސާއަށް މާލޭ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މިއަދު މާލޭގެ ރައްޔިތުނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހްސާސު އިންތިހާއަށް ކުރެއްވޭ ކަމަށް ހިތާމައާއި އެކު ފުލުހުންނަށް ދަންނަވާ ކަމަށް ވެސް މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.
އަމިއްލައަށް އުފަންކުރުވާ އިންޓެލިޖެންސް ރިޕޯޓާއި އަދި ފްރޭމްކުރުމަށް ހެކި ބަހައްޓައިގެން ހިންގި ރޭޑުތަކުން އެތަށް އާއިލާތަކަކަށް މީގެ ކުރިންވެސް ވަނީ އަނިޔާ އާއި ހިތާމަ ބޭއިންސާފުން ލިބިފައިވާކަން ފުލުހުންނަށް މޭޔަރު ހަނދާން ކޮށްދެއްވައެވެ. މިފަދަ ބޮޑެތި ޖަރީމާތައް ހިންގި ފަރާތްތައް އަދި މިއަދާ ހަމައަށްވެސް އިންސާފު ކުރިމަައްޗަށް ގެނެވިފައިނުވާކަންވެސް އާޒިމު ފާހަގަކުރަައްވައެވެ.
އިންޓެލިޖެންސް މައުލޫމާތެެއްގެ މައްޗަށް ބިނާކޮށް، ކޯޓު އަމުރު ނަގައިގެން މެންދަމު ގޭގެއަށް ވަދެ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާތީ މާލޭ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މާލޭ މޭޔަރު މިމޭރުމުން ޕޯސްޓެއް ކުރައްވާފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެކައުންޓަކުން ބައެއް އާއްމުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ހެކި ހޯދަން ކަމަށް ބުނެ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހަތަރު ގެއެއް ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ގެންގޮސްފައި ވަނިކޮށެވެ.
މައިންނާއި ޅަދަރީން ރޭގަނޑު އަރާމުކުރާ ވަގުތުގައި ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރޭޑްތައް ހިންގުމުން، އާއިލާތައް ވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށްކަމަށް މޭޔަރުވިދާޅުވެއެވެ. އަދި މިއަދު މިފަދަ ކަންކަން ހިނގާތަން ފެނުމަކީ ވަރަށް ބޮޑު މާޔޫސް ކަމެއް ލިބޭ ކަމެއް ކަމަށާއި މީގެ ކުރިންވެސް މިފަދަ ހާދިސާތައް ތަޖުރިބާ ކުރެވިފައިވާކަމަށް ވެސް މޭޔަރ އާޒިމް ވިދާޅުވެއެވެ.
ގާނޫނު ތަންފީޒު ކުރައްވާ ފަރާތްތަކުގެ އަމަލުތަކުގައި ޕްރޮފެޝަނަލިޒަމް ދަމަހައްޓަވައި ދެއްވުމަށް ހިތާމަވެރިކަންކަން އަމިއްލައަށް ތަހައްމަލުކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން އާޒިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.