ހުދުމުހުތާރުކަން ނެތިކޮށްލި މެގްނަ ކާޓާ
ރައީސް މުއިއްޒު މި ކުޑަކުޑަ ދިވެހިރާއްޖެ ހުދުމުހުތާރު ކަމަށް ބަދަލުކޮށްލަން ހިފާޕައި ހުރި އިރު އަދުގެ ދުނިޔެ އޮތީ އެ ފާލަކު ނޫނެވެ. އެއްވެސް ގައުމެއް ހުދުމުހުތާރުކަމަށް ދިޔަ ނުދޭން މުޅި ދުނިޔެ އޮތީ އެއްބަސް ވެގެންނެވެ.
ބިޔަބޮޑު އިގިރޭސި ޝާހީވެރިކަމުގައި އޮތް ހުދުމުހުތާރުކަން އެތައް ޒަމާނެއްގެ ކުރީން އެތާނގެ ރައްޔިތުން ވަނީ ނައްތާލާފައެވެ. ކިތަންމެ ބޭނުންވިޔަސް އިގިރޭސި ދައުލަތަށްވެސް އެކަމެއް ދެނެއް ނުވާނެއެވެ. މެގްނަކާޓާ ނުވަތަ ބޮޑުފަތްކޮޅުން އިގިރޭސީންވަނީ ހުދުމުހުތާރު ވެރިކަމުގެ ބާރު އެކީ އެކައްޗަކަށް ނެތި ކޮށްލާފައެވެ.
މެގްނާ ކާޓާ ނިޒާމު
1215 ވަނަ އަހަރު ސޮއިކުރެވުނު "މެގްނާ ކާޓާ" (ނުވަތަ ބޮޑު ފަތްކޮޅު) އަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ ނުވަތަ ރަސްގެފާނަކީ ވެސް ގާނޫނުގެ ކުރިމަތީގައި އިސްތިސްނާވެގެންވާ ފަރާތެއް ނޫންކަމާއި، އޭނާ ވެސް ގާނޫނަށް ބޯލަނބަންޖެހޭނެކަން ކަނޑައެޅި މުހިންމު ދުސްތޫރީ އަސާސެކެވެ. މީގެ ސަބަބުން އޭރުގެ އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޖޯންގެ މުތުލަގު ބާރުތައް ހަނިކޮށް، އާންމު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ގާނޫނީ އިޖުރާއަތްތަކަށް ތަބާވުމަށާއި، ހިތުހުރި ގޮތަކަށް ޓެކްސް ނެގުން ހުއްޓުވުމަށް މަޖުބޫރުކުރުވިއެވެ.
މެގްނާ ކާޓާ ނިޒާމުގެ މައިގަނޑު ބައިތައް:
- ގާނޫނީ ހުކޫމަތު:
ރަސްގެފާނަކީ ވެސް ލިޔެވިފައިވާ ގާނޫނުތަކަކަށް ބޯލަނބަންޖެހޭ ފަރާތެއްކަމުގައި ހަމަޖެހުނެވެ. މީގެ ސަބަބުން، އެއްވެސް ގާނޫނީ ބިނާއެއް ނެތި ވެރިޔަކު ހިތުހުރި ގޮތަކަށް ކަންކަން ނިންމުމުގެ ސަގާފަތް ނިމުމަކަށް އައެވެ.
- ގާނޫނީ އިޖުރާއަތްތަކަށް ތަބާވުން (މާއްދާ 39):
މި މާއްދާގެ ދަށުން، އެއްވެސް "މިނިވަން އިންސާނަކު" ގާނޫނީ ހަމައެއްގެ މަތިން ކުރެވޭ ހުކުމަކުން ނުވަތަ ގައުމުގެ ގާނޫނުތަކާ އެއްގޮތަށް މެނުވީ، ހައްޔަރުކޮށް، ހައްގުތަކުން މަހްރޫމްކޮށް، ނުވަތަ ގާނޫނީ ހިމާޔަތުން ބޭރު ނުކުރެވޭނެކަން ކަށަވަރުކޮށްދިނެވެ.
- އިންސާފަށް ވާސިލުވުން (މާއްދާ 40):
އަދުލުއިންސާފަކީ އެއްވެސް ފަރާތަކަށް ވިއްކޭނެ، އިންކާރުކުރެވޭނެ ނުވަތަ ލަސްކުރެވޭނެ އެއްޗެއް ނޫންކަމުގެ ޔަގީންކަން ދިނެވެ.
- ޓެކްސް ނެގުން ހަނިކުރުން:
ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުވަތަ ޓެކްސް ނެގޭނީ މަޝްވަރާގެ މަތިން ރުހުން ލިބިގެން ކަމުގައި ކަނޑައެޅުނެވެ. މިއީ މިއަދުގެ ތަމްސީލީ ސަރުކާރުތަކުގެ ބިންގަލެވެ.
- ފާރަވެރިވުމާއި ހަމަހިފެހެއްޓުން:
ރަސްގެފާނު މި ފަތްކޮޅަށް އަމަލުކުރައްވާ މިންވަރު ބެލުމަށްޓަކައި 25 ބާރަންސް އިން (ލޯޑްސް) ގެ މައްޗަށް އެކުލެވޭ މަޖިލީހެއް (ހައުސް އޮފް ލޯޑްސް) އުފެއްދިފައިވެއެވެ.
- ދިގުމުއްދަތުގެ ނުފޫޒު:
މެގްނާ ކާޓާއަކީ ފުރަތަމަ މަރުހަލާގައި ރަސްގެފާނާއި އޭނާގެ ދަށުގައި ތިއްބެވި ޝާހީ ބޭފުޅުންގެ ދެމެދުގައި އުފެދުނު މައްސަލަތައް ހައްލުކުރުމަށް އެކުލަވައިލި އެއްޗެއް ނަމަވެސް، ފަހުން މިއީ ގާނޫނީ ނިޒާމުގެ މައިގަނޑު ބިންގާ ކަމުގައި ވެގެންދިޔައެވެ.
ޒަމާނީ ޑިމޮކްރެޓިކް މަފްހޫމްތަކާއި، "ހޭބިއަސް ކޯޕަސް" (ބަންދުގައި ހުންނަ މީހާ ކޯޓަށް ހާޒިރުކުރުމުގެ ހައްގު) އަދި އިންސާފުވެރި ޝަރީއަތެއް ލިބިދިނުމުގެ ހައްގު ފަދަ މުހިންމު އުސޫލުތައް އުފަންވުމަށް މެދުވެރިވި ސަބަބަކީ މިއެވެ.
އެމެރިކާގެ ދުސްތޫރާއި އިނގިރޭސި ގާނޫނުތަކުގެ އަސާސީ ބިންގާ ބިނާވެފައިވަނީ މި އުސޫލުތަކުގެ މައްޗަށެވެ.




