ރައީސް ނަޝީދު ރަތް ރޮގު ހުރަސް ކުރައްވައިފި

ކަންކަން ހައްދުން ނެއްޓުމުން ހައްދު ފަހަނަ އެޅުން ހުއްޓުވާން ޖެހޭ

ރައީސް ނަޝީދު ރަތް ރޮގު ހުރަސް ކުރައްވައިފި
  • ފިޔަވަޅު އަޅަން ޖެހޭ!
  • ދޫދެމުން ދިޔައީ ފިޔަވަޅެއް ނޭޅިގެނެއް ނޫން!
  • މަޖިލީހުގެ ނަމުގައި އިދިކޮޅު ހަރަކާތެއް ނުހިންގޭނެ!

ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސް އެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ. ޑިމޮކްރަސީއަށް އެންމެ ބޮޑަށް ވަކާލާތުކުރާ ބޭފުޅާގެ ތާޖު ތުރުކުރައްވައިގެން ހުންނެވި ފަރާތެވެ. އެމްޑީޕީގެ އަސާސީގަވައިދު އަދި އެމްޑީޕީގެ އަސާސްތައް ހިތުދަސްކަމަށް ގިނަބަޔަކު ދެކޭ ބޭފުޅާއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ބެސްޓް ފުރެންޑް ކަމަށް ހެދިވަޑައިގެން އުޅުއްވާ ބޭފުޅާއެވެ.

އުސޫލަކާ ހަމައެއްގައި ހިފަހައްޓަވާ ބޭފުޅެއްކަމަށް އެ މަނިކުފާނުގެ ސަޕޯޓަރުން ވަކާލާތު ކުރައްވާ ބޭފުޅަކީ ވެސް ރައީސް ނަޝީދެވެ. ހަމަލަމަ ނެތުމަކީވެސް ހަމައަކީ ތޯއްޗެވެ. ބަޔަކު ރައީސް ނަޝީދަށް ސަޕޯޓުކުރަނީ ވެސް އެހެންވެ ކަމަށް ވެދާނެއެވެ.  ރައީސް ނަޝީދު ކުރައްވާ ކޮންމެ ކަމަކަށް ސަރުކާރުންނާއި އެމްޑީޕީ ސެކެރެޓޭރިއޭޓުން ދޫދެމުން ދިޔައީ ފިޔަވަޅެއް ނޭޅިގެނެއް ނޫނެވެ. ފިޔަވަޅެއް އަޅަން ނުކެރިގެނެއް ވެސް ނޫނެވެ. ރައީސް ނަޝީދަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުންނެވެ.

ޕާޓީން ކުރާ އިހުތިރާމްގައި ކޮޅުފައިން ޖައްސަވަނީ އަމިއްލަފުޅަށެވެ. އެމްޑީޕީގެ މެޖޯރިޓީއަށް އިހުތިރާމް ކުރެއްވުމެއްނެތިއެވެ.  ހިތްޕުޅަށް އަރައިވަޑައިގެން ކަމެއް ހިތްޕުޅަށް އަރާވަޑައިގެން ގޮތަކަށް ކުރައްވަމުން ގެންދަވަނީއެވެ. އެހެން އެވަނީ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ހީފުޅު ކުރައްވައިގެން ކަމަށް ވެދާނެއެވެ.

ކަންކަން ހައްދުން ނެއްޓުމުން ހައްދު ފަހަނަ އެޅުން ހުއްޓުވާން ޖެހެއެވެ. ޕާޓީގެ ހަފޮޅުން ބޭރުވެ ދައުލަތުގެ އެއްބާރުގެ ނަމުގައި ދައުލަތާ ދެކޮޅަށް ތެދުވުމުން ހަމަމަގަށް އަޅުވަން ޖެހެއެވެ. ރައްޔިތުންގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއްނެތި ކަންކަން ކުރުމުގެ ބާރު މަޖިލީހުގެ ރައީސަކަށް ނުއޮންނާނެއެވެ. ވަކިވަކި މެންބަރުންނަކަށްވެސް ނުއޮންނާނެއެވެ. މަޖިލީހުގެ ކޮމެޓީތަކާއި ޗެންބަރއިން ބޭރުގައި ކުރެވޭނެ ކަންކަން މަޖިލީހުގެ ގަވައިދުގައި އޮންނާނެއެވެ. މަޖިލީހުގެ ނަމުގައި އިދިކޮޅު ހަރަކާތް ހިންގާކަށް މަޖިލީހުގެ ރައީސެއް ކަމަކު ޖާގައެއް ނުއޮންނާނެއެވެ.  

ނަމަވެސް މިއަދު ރައީސް ނަޝީދު ވަނީ ރައްޔިތުން މަޖިލީހުގެ އިދާރާ ނަހަމަ ގޮތުގައި ބޭނުން ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ ބޭނުންކުރައްވައިގެން މީގެ ކުރިން ކުޅުއްވަމުން ގެންދެވި ކުޅިވަރު އިތުރު އުސްމިނަކަށް ގެންގޮސް ފައެވެ. ރައްޔިތުން މަޖިލިސް ބޭނުންކޮއްގެން ރައީސުލްޖުމްހޫރިއްޔާ އާއި މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދާ މިހާރު މިއޮތް ސަރުކާރުގެ ވަޒީރުންގެ ނޯކޮންފިޑެންސް ހުޅައަޅާ ޗަރުކޭސް ކުޅުއްވަން ފައްޓަވާފައެވެ.

ބޭނުމަކީ އެންމެ ކަމެކެވެ. ރައީސް އިބޫއަށް ރައްޔިތުންގެ ތާއީދު ކުޑަކުރުމަށް ރައްޔިތުން މަޖިލިސް ހަތިޔާރަކަށް ބޭނުން ކުރުމެވެ. ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ރަށުތެރެ ހަލަބޮލިކޮށް ބަގާވާތެއްކޮށް ގެން ނަމަވެސް ވެރިކަން ވައްޓާލުމެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް ކުރިމަތި ނުލެއްވޭނެ ގޮތް ހެދޭތޯ ބެލުމެވެ. ރައީސް ސޯލިހު އިންތިހާބުގައި ވާދަކުރައްވައިފި ނަމަ ބޮޑު އަގުލަބިއްޔަތަކުން ހޮވި ވަޑައިގަންނަވާނެކަން ކަށަވަރު ކަމުން އެ ދޮރު ބަންދު ކުރުމަކީ އިދިކޮޅުގެ އެންމެ ބޮޑު ބޭނުމެވެ.

ވެރިކަމަށް ދަހިލަވާފައި ތިބިވަރުން ރައީސް ނަޝީދުގެ ހީލަތްތެރި ރޭއްވެވުމުގައި އިދިކޮޅު ވަނީ ރަގަޅަށް ޖެހިފައެވެ. އަނެއްކޮޅުން އިދިކޮޅުގެ މަޅީގައި ރައީސް ނަޝީދުވެސް ޖެހިވަޑައިގެން ރަތްރޮގު ހުރަސް ކުރެއްވީއެވެ.  "ގުޅިފައިވާ ޕާޓީތަކުގެ ނޫސް ކޮންފަރެންސް" ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޕްރޮމޯޓުކޮށް މަޖިލިސްގެ ރަސްމީ ވެބްސައިޓްއިން ލައިވް ކުރުމަކީ ރައީސް ނަޝީދު ކުރެއްވި ވަރަށް ގޮތްކުޑަ ހަޑި މުޑުދާރު އަމަލެކެވެ. ލިބިވަޑައިގެން ނުވާ ބާރެއް ދައުލަތާ ދެކޮޅަށް ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކުރެއްވުމެކެވެ.

ވެރިކަން ކުރާ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަވާ އަމިއްލަފުޅު ޕާޓީއަށް ގައްދާރުވެ ވަޑައިގެން އިދިކޮޅާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަކީ ރައީސް ނަޝީދުގެ އިތުބާރު ގެއްލުމެވެ. އެމްޑީޕީއަށާއި ރައްޔިތުންނަށެވެ. ރައީސް ނަޝީދުގެ އަމަލުފުޅުތައް ބަހައްޓަވަ ގޮތުން އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުން މަޖިލީހަށް ހުށައެޅުން ނޫން ގޮތެއް މިހާރަކު ނެތެވެ. އިތުރަށް ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެން ޗަރުކޭސް ކުޅުއްވުމަށް ފުރުސަތު ނުދެއްވުމަށެވެ. އެކަކަސްވެސް އެފުރުސަތު ދެވިގެން ނުވާނެއެވެ. މަޖިލީސްގެ ރައީސްކަމުން ރައީސް ނަޝިދު ވަކިކުރަން މިހާރު މަޖުބޫރު ކުރުވައިފިކަން އެމްޑީޕީގެ ޕީޖީ ގްރޫޕާއި ޗެއަރޕާސަން ގަބޫލުފުޅު ކުރައްވަން ވެއްޖެއެވެ.