ނޫސްވެރިކަމުން ބާރުހޯދައިގެން ނޫސްވެރިިކަން މަރާލާ ޖައްލާދުން

ލިބޭ ބޮޑު މުސާރައާއި ހުރި މަގާމުގެ ދިފާއުގައި ޝަހީބާއި މުންޑޫ އާދަން ހަލީމާއި ހޯރަފުށީ ހަލީލާއި އަސްވާޑްް މީހުންގެ ކުރި މައްޗަށް ނިކުމެ ނޫސްވެރިކަން އުލުބައިންދަން ތިޔަކުރާ މަސައްކަތަށް ހަމަ ސާބަހެވެ.
ނޫސްވެރިކަމުގެ ތެރެއިން މަޝްހޫރުކަން ހޯދައިގެން މަގާމާއި އިއްޒަތާއި ފައިސާ ހޯދައިގެން ނޫސްވެރިކަން މަރާލަން ނިކުތް ނިކުތުމަކީ ދުވަހަކުވެސް މާފްކުރެވޭނެ ކަމެއްނޫނެވެ. ވެރިކަމުގެ އާރާބާރު ކެނޑުމުން މަތިހަށި ނަގާފައި ނިކުމެ މާ ފުންނާބު އުސް ތަޖުރިބާކާރު ނޫސްވެރިންނަށް ވެގެން ދެން ނޫޅެއްޗެވެ.
ދިވެހި ނޫސް ވެރިކަމުގައި އޮޅުއަޅައިގެން ހާސިލުކުރަން ތިޔަ އުޅޭ މަގުސަދެއް ހާސިލެއް ނުވާނެއެވެ. ދިވެހި ނޫސްވެރިކަމުގެ ކުލަކުލައިގެ ގަލަމާއި އެވޯޑް ހޯދައިގެންތިބެ ނޫސްވެރިކަމާ ދެކޮޅަށް އެކިޒާތުގެ ބަހަނާ ދައްކަނީ މިނޫން ދުވަހެއް ނާންނާނެ ކަމަށް ހެއްޔެވެ.
ޝަހުސު އޮޅުވާލައިގެން ޝަހީބުމެން ނާސިގެތަކަށްވަދެ އަމަލީގޮތުން އެތަންތާ ކޮށްއުޅޭހާ ކަމެއް ކޮށްފައި ނިކުމެ ނޫސްވެރިކަމުގެ ނިވަލުގައި އަމާންކަން ހޯދި ހަނދާނެއް ނެތެވެ. ޝަހީބުމެންގެ ތުހުމަތުތައް ރައްދުވި ފަރާތްތަކުން އޭރު ދޮގުކުރިއެވެ. އެ ދުވަހު ޝަހީބުމެން ސިލްސިލާކޮށް ހެދީ ދޮގުކަމަކަށް ނުވިއެވެ.
ކޯޓުން ސުރުހީއާއި ކޮންޓެންޓް ދިން ވާހަކަ މިއަދު މުންޑޫމެން ދައްކަން ލަދު ނުގަންނަކަމެވެ. މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރުމުގެ ސަބަބުން އަދަބު ލިބި ނޫސްވެރިންނާއި ނޫސްވެރިކަމުގެ އަގުވައްޓާލި މުންޑޫމެން މަގާމަށްޓަކާ ނޫސްވެރިކަން ފުޑާލަން ނިކުތުން މާހުތުރެވެ.
ދެފަހަރެއްގެ މަތީން ދައުލަތުގެ މީޑިއާ ނޮޅާކައި ފުރައިގެން ތިބިކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރެވޭ މީސްމީހުން ސަރުކާރުގެ މައުލޫމާތާއި ހަބަރު ފެތުރުމުގެ ސިޔާސަތު ކަނޑައަޅަން ތިބެގެން ވައްކަން ފޮރުވަން މީޑިއާ ގައިދުކުރަން އުޅުމަކުން ހައިރާނެއް ނުވެއެވެ.
މީޑިއާގެ ކުރިއެރުމާއި ހިމާޔަތާއި ރައްކާތެރިކަމަށް އެއްވެސް މަސައްކަތެއް އަސްވާޑާއި ހަލީލާއި ޝަހީބާއި މުންޑޫމެން ނިކުމެ ކޮންޓްރޯލު ބިލު ދިފާއުކުރަން އަޅުވާ ހަމަ ގަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ. މީޑިއާގެ ހެވާ ލާބައަށް އެ މީހުން އެއްވެސް ކަމެއް ކޮށްދީފާނެ ކަމަށް މިނިވަން މީޑިއަކުން އުންމީދެއް ނުކުރާނެއެވެ.