ބޭހަށްދާން 2000 ޑޮލަރ ދޭނެކަމަށް ބުނުމަކީ ބަލިމީހުނަށް ކުރި މަލާމާތެއް!
ބޭަހަށް ބޭރަށްދާ މީހުނަށް އެއްވެސް އިރަކު ބީއެމްއެލުން ޑޮލަރެއްނުދޭ!

ބޭރު ގައުމުތަކުން ބޭސް ފަރުވާ ހޯދަންދާ މީހުންނަށް ބީއެމްއެލުން 2000 ޑޮލަރު ދޭން ހަމަޖެހުނުކަމަށް ވަރަށް ބާރަށް ސަރުކާރުގެ މީޑިއާ ތަކުން އެބަ ވާހަކަ ދައްކައެވެ. އަމިއްލަ ހަރަދުގައި ބޭސް ފަރުވާއަށް ދާ މީހުންނަށްވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 1000 ޑޮލަރު ދެނީޔޯލައެވެ. އަގުނަގާ އެއްވެސް އެއްޗަކީ ދޭއެއްޗެއް ނޫނެވެ. ވިއްކާ އެއްޗެކެވެ.
ބޭހަށް ބޭރަށްދާ މީހުނަށް ރައީސް މުއިއްޒު އަންގައިގެން ޑޮލަރު ދޭ ވާހަކަ ދެއްކުމަކީ އޮޅުވާލުމެކެވެ. ބޭންކު ރޭޓުން ޑޮލަރު ވިއްކާ މިންވަރު އިތުރު ކުރިއްޔޭ ނުބުނެ ބޭހަށް ދާމީހުނަށް ބޭންކުން ޑޮލަރު ދެނިއްޔޭ ބުނެގެންވެސް އުޅެނީ އާއްމުންނަށް އޮޅުވާލެވޭތޯއެވެ. އާސަންދަ-އެންސްޕާގެ ދަށުން ބޭހަށްދާ ކޮންމެ މީހަކަށް 2000 ޑޮލަރު ދޭން ހަމަޖެހުމަކީ ކިހާ ބޮޑު ހެޔޮކަމެއް ހެއްޔެވެ.
އާސަންދަ-އެންސްޕާގެ ދަށުން ބޭހަށްދާ ގިނަ މީހުންގެތެރެއިން ބޭންކް ރޭޓްގައި 500 ޑޮލަރުވެސް ގަނެވެނީ މަދު ބަޔަކަށެވެ. ކިތަންމެ ބޮޑު ލިމިޓޭޝަނެއް އޮތަސް ފައިސާ ނެތް ބަލި މީހާއަށް އެކަމަކުން އޮތް އުފަލެއްނެތެވެ. ގިނަ މީހުނަށް 500 ޑޮލަރު ބޭންކު ރޭޓުގައި ގަނެލެވޭ ވަރަށްވެސް ދިވެހި ފައިސާކޮޅެއް ހަމަކޮށްލެވެނީ އެގޮތް މިގޮތުން ސަލާންޖަހާ ގައިވީދައިގެންނެވެ.
ބޭރު ގައުމުތަކުން ބޭސް ފަރުވާ ހޯދާ މީހުންނަށް ބޭންކު ރޭޓުން ޑޮލަރު ވިއްކުމަކީ ބީއެމްއެލުން ކުރަމުން އަންނަ ކަމެކެވެ. ބޭރުން ފަރުވާ ހޯދަންދާ މީހުނަށް ބޭންކުން ބޭންކް ރޭޓުގައި މީގެކުރިން ޑޮލަރ ވިއްކަނީ ޓިކެޓް ކޮންފޮމޭޝަން ހުށައެޅުމުންނެވެ. ކޮންފޮމޭޝަން ޓިކެޓް ހުށަހެޅުމުން މީގެކުރިން ކޮންމެ މީހަކަށް 500 ޑޮލަރު ބޭންކު ރޭޓުން ވިއްކިއެވެ. ފަހުން މީހަކަށް ވިއްކާ ޑޮލަރ 1000 އަށް ވެސް ވަނީ ބަދަލު ކޮށްފައެވެ.
އާސަންދައިގެ ހަރަދުގައި ބޭސްފަރުވާއަށް ފުރާ މީހުންނަށާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީގައި ބޭސް ފަރުވާއަށް ދާ މީހުންނަށް ބޭންކު ރޭޓުން ވިއްކާ ޑޮލަރުގެ އަދަދު 2000 އަށް ބަދަލުކުރުމަށް މުއިއްޒު އެންގުމުން އެކަން ކުރާނެ އުސޫލެއް ބީއެމްއެލުން މިހާރު ވަނީ ކަނޑައަޅާފައެވެ. އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ބޭރަށްދާ މީހުނަށްވެސް 1000 ޑޮލަރު ވިއްކަން މުއިއްޒު ވަނީ އަންގާފައެވެ.
އާސަންދަ އާއި އެންސްޕާގެ ހަރަދުގައި ބޭސް ފަރުވާއަށް ފުރާ މީހުނަށް މީހާރު ޑޮލަރު ވިއްކަނީ ކޮންފޯމް ޓިކެޓެއް އޮތުމުގެ އިތުރަށް އާސަންދަ ނޫނީ އެންސްޕާގެ އެޕްރޫވަލް ލިޔުމެއް އޮވެގެންނެވެ. ހަމަ އެއާއި އެކު ބަލި މީހާ އާއި އެހީތެރިޔާގެ ޕާސްޕޯޓު ކޮޕީއަކާއި ޓިކެޓު ކޮޕީވެސް ޑޮލަރު ގަންނަން މިހާރު ހުށަހަޅަން ޖެހެއެވެ.
ބޭރު ގައުމުތަކަށް އަމިއްލަ ހަރަދުގައި ބޭސް ފަރުވާއަށް ދާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ސަޕޯޓުގެ ގޮތުގައި 1000 ޑޮލަރު ގަންނަން ލިބޭނީ ފަރުވާ ހޯދާ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓު ހެދުމަށްފަހު އެޕޮއިންޓްމެންޓް ޔަގީންވެފައިވާ ކަމުގެ ލިޔުމަކާއި ޓިކެޓާއި ޕާސްޕޯޓް ހުށަހެޅުމުންނެވެ. އަނެއްކޮޅުން އަމިއްލަ ހަރަދުގައި ބޭސް ފަރުވާއަށް ފުރާ މީހުން، ބޭރުން ފަރުވާ ހޯދަން ޑޮކްޓަރު ލަފާ ދީފައިވާ ލިޔުމާއި އޭނާގެ މެޑިކަލް ހިސްޓްރީ އެނގޭނެ ލިޔުންތައްވެސް ހުށަހަޅަން ޖެހެއެވެ.