މާފަރު އެއަރޕޯޓުން ތެޔޮ ހުސްވެގެން ޖެޓްތައް ނުފުރިފާ

މާފަރުގައި ނުފުރިފައި ފަސް ޖެޓް އޮތްކަމަށް މައުލޫމާތު ލިބޭ

މާފަރު އެއަރޕޯޓުން ތެޔޮ ހުސްވެގެން ޖެޓްތައް ނުފުރިފާ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ފިޔަވާ އެންމެ ބިޒީ އިންޓަރނޭޝަނަލް އެއަރޕޯޓް ކަމަށްވާ މާފަރު އެއަރޕޯޓުން މަތިންދާ ބޯޓަށް އަޅާ ތެޔޮ ހުސްވެ ނުފުރިފާ އެތައް ޖެޓެއް އެބައޮތެވެ. އައު އަހަރު ފާހަގަ ކުރުމަށް ރާއްޖެއައި މަހުޖަނުން ތަކެއްގެ ޖެޓްތައް މާފަރުގައި ތެޔޮނެތިގެން ނުފުރިފައި ތިބިކަމަށް އިތުބާރު ހުރި މަސްދަރު ތަކަކުން ހީރަސް ނޫހަށް ވަނީ ކަށަވަރު ކޮށްދީފައެވެ. މި އަދުވެސް މާފަރުގައި ނުފުރިފައި ފަސް ޖެޓް އޮތްކަމަށް މައުލޫމާތު ލިބެއެވެ. 

ދުނިޔޭގެ މުއްސަދިން ރާއްޖެ އައިސް ނުފުރިގެން ރާއްޖޭގައި ތާށިވެފައި ތިބޭކަށް ބޭނުމެއް ނުވާނެއެވެ. ކަމަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރާނެކަމެކެވެ. އެކަމުގެ ކަންބޮޑުވުން ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރައްވާ މުހައްމަދު ފިރާގު ފަދަ ބޭފުޅުން ވެސް ދަނީ ފާޅުކުރައްވަމުންނެވެ.

ޕްރައިވެޓް ޖެޓްގައި އަންނަނީ ބޭނުން އިރަކު ފުރައިގެންދާން ބޭނުންވާ ބޮޑެތި ފައިސާވެރިންނެވެ. އެ މީހުނަށް ގެއްލޭ ކޮންމެ މިނިޓަކީ މިލިޔަން ޑޮލަރުގެ ގެއްލުމެކެވެ. މާފަރު އެއަރޕޯޓްގައި ތެޔޮ ނެތުމަކީ ވަގުތުން ފުރައިގެން ދާން ބޭނުންވާ ޖެޓް ތަކުގައި ރާއްޖެއައި ފަތުރުވެރިޔާ ތަހައްމަލު ކުރަން ޖެހޭނެ އުނދަގުލެއް ނޫނެވެ. އެކަމުގެ ސަބަބުން ގެއްލިގެން ދަނީ ރާއްޖޭގެ ޓޫރިޒަމަށް ދުނިޔޭގައި އޮތް އިތުބާރެވެ. މަދުވާނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނާ ލިބޭ ފައިސާއެވެ.

ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މިއިން އެއްވެސް ކަމަކާމެދު ކުޑައިކޮށް ވެސް ނުވިސްނައެވެ. އޭގެ ގިނަ މީހުންގެ ކަމަކީ ސޯޝަލް މީޑިއާގެ އޮޅިތަކުގައި ރާގު ރާގަށް ޕޯސްޓު ކުރުމެވެ. އެއްބަޔަކު ރައީސް މުއިއްޒު ޕްރަމޯޓް ކުރަނީއެވެ. ވާދަވެރިންނަށް ރައްދު ދިނުމާ ނަފުރަތު އުފެއްދުމުގައި ހޭބޯ ނާރައެވެ. އަނެއް ބަޔަކު މާލޭ މޭޔަރު ހޮވުމުގެ ކެންޕޭނު ކުރުމުގައެވެ. އަނެއް ބަޔަކު އިންޑިއާއަށް ފުރައްސާރަ ކުރުމުގައެވެ. 

ރާއްޖޭގެ ފަތުރުވެރިކަން ފުޑުނަސް ހެޔޮތާއެވެ. އިންޑިއާގެ ޓޫރިޒަމް ފުޅާކުރުމަށް އެގައުމުން ކުރާކަން ތަކަށް ފާޑުކިޔާ އެ މީހުން ރުޅިއެރުވުން ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުވުމަށް ކުރަން ހުރި ކަންކަން ކުރުމަށް ވުރެ އެމީހުންނަށް މުހިންމެވެ. އެއަރޕޯޓަކުން ތެޔޮ ހުސްވިޔަސް ނުފުރިފާ ޕްރައިވެޓް ޖެޓް ތަކެއް އޮތަސް ވަރިހަމަތާއެވެ. ވަޒީފާގެ ޒިންމާ އަދާކުރުމަކީ އެމީހުން ކުރާނެ އެހެންކަމެއް ނެތިގެން ކުރާކަމަކަށް އޮންނަނީ ހަދާފައެވެ.