ނަވާޒަށް: ޖޭޕީގެ ޑެޕިއުޓީ ލީޑަރކަން ލިބުނަސް ދުނިޔެ ރަންނުވޭ

ރައީސް ނަޝީދު ކުރައްވާފައި ނުކުރައްވާނެ ކަމެއް ލަފާކޮށްލަން ވެސް ނޭނގޭނެ!

ނަވާޒަށް: ޖޭޕީގެ ޑެޕިއުޓީ ލީޑަރކަން ލިބުނަސް ދުނިޔެ ރަންނުވޭ

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަނީ ރައީސް ސާލިހެއް ނޫނެވެ. 2023 ގެ ވެރިކަމުގެ ހުވަފެން ދެކޭ ޖުމްހޫރީ ޕާޓީ ލީޑަރޝިޕުންނެވެ. ޖޭޕީގެ ޑެޕިއުޓީ ލީޑަރކަން ލިބުމުން ދުނިޔެ ރަންވެގެން އުޅޭ އަބްދުﷲ ނަވާޒުމެން ކަހަލަ އަނދޮޅުންނެވެ. ސިޔާސީ ޕާޓީއެއްގެ ޑެޕިއުޓީ ލީޑަރުކަމާ ހަމަޔަށް އާދެވޭ އިރު ޕާޓީ ނިޒާމު މަސައްކަތް ކުރާގޮތް ވެސް އެ ފަކީރަށް ނޭނގެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީގެ ރައީސެވެ. އެމްޑީޕީގެ އެއްވެސް ގުނަނަކުން އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން ނިންމާފައެއް ނުވެއެވެ. އެހެން އެކަން އޮއްވާ ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އެމްޑީޕީ ނޫން އެހެން ބަޔަކާ އެކު ރިޔާސީ އިންތިހާބުގައި މަސައްކަތެއް ނުކުރެއްވޭނެ ކަމެއް މި ބައިގަނޑަށް ނޭނގެއެވެ. 

ރައީސް ނަޝީދަށް އެމްޑީޕީ ނޫން ބަޔަކާއެކު ސިޔާސީ މަސައްކަތް ކުރެއްވޭނެ އޮތީ ދެ ހާލަތެކެވެ. އެއް ގޮތަކީ އެހެން ޕާޓީއަކާއެކު ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން އެކަން ނަޝީދު ކުރެއްވުމެވެ. އަނެއް ގޮތަކީ ރައީސް ނަޝީދު އަމިއްލަފުޅު ހައިސިއްޔަތުން އެހެން ޕާޓީއަކާއެކު މަސައްކަތް ކުރެއްވުމެވެ. އަމިއްލަފުޅު ހައިސިއްޔަތުން އެހެން ޕާޓީއަކަށް ސިޔާސީ މަސައްކަތް ކޮށްދެއްވޭނީ އެމްޑީޕީގެ ރައީސްކަމާއި މެންބަރު ކަމުން ވަކިވެ ވަޑައިގަތުމަށް ފަހުގައެވެ.

އިންތިހާބާ ބެހޭ ގޮތުން ނަޝީދު އާއި ދައްކާނެ ވާހަކައެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެހެން ވެގެންނެވެ. ވިދާޅުވާން ޖެހޭތީއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ހުއްޓާ އެމްޑީޕީގެ ރައީސް އެހެން ސިޔާސީ ޕާޓީއަކަށް ވެރިކަން ހޯދާ ދެއްވަން ނިކުމެ ވަޑައިގަތުމަކީ ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލު ކުރާނެ ކަމެއް ނޫނެވެ. 

ރައީސް ނަޝީދު ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެކު ކަމަށާއި ދެނެއް ރައީސް ނަޝީދު ނުގުޑާނެ ކަމަށް ޖޭޕީގެ ދިއުޅި ހަމަނޫން ޑެޕިއުޓީ ލީޑަރު އަބްދުﷲ ނަވާޒަށް ހީވެދާނެއެވެ. ރައީސް ނަޝީދު ރައީސް ސޯލިހާއި ވާހަކަ ދައްކަން ބޭނުންފުޅު ނުވާނެހެން ނަވާޒަށް ހީވުމަކުން ހައިރާނެއް ނުވެއެވެ. ގަލޮޅު އުތުރުން މަޖިލިސް ގޮނޑި ހޯދާލެވޭ ވަރު އުރައްޕަތް ނެތް މީހަކަށް ރައީސް ނަޝީދު ކުރައްވާފައި ނުކުރައްވާނެ ކަމެއް ލަފާކޮށްލަން ވެސް ނޭނގޭނެއެވެ. 

ފަހު ވަގުތު ރައީސް ނަޝީދު ހުންނަވާނީ ކޮންތާކު ކާކާއެކުގައި ކަން ހިތައް ވެސް ނާރާނެއެވެ. ނަވާޒުމެން ކިތަންމެ ވަރަކަށް ތިޔަ ކަހަލަ ތާކުން ތާކު ނުޖެހޭ ތެޔޮގުޅާ ސާދާއެއް ކުރިޔަސް ރައީސް ނަޝީދު ހައްދަވާނެ ގޮތެއް އަންދަޒާ ވެސް ނުކުރެވޭނެއެވެ.