ހީރަސް ސުފުރާ: މުރަނގަފަތު ރިހަ

މުރަނގަފަތު ރިހައަކީ ދިވެހިން ކައްކާއުޅޭ އަގަޔަށް މީރު ހަށިގަނޑަށް ފައިދާހުރި ރިހައެއް

ހީރަސް ސުފުރާ: މުރަނގަފަތު ރިހަ

ހީރަސް ސުފުރާއަށް މިއަދު ނެރެދޭނީ މުރަނގަފަތު ރިހައެވެ. މުރަނގަފަތަކީ ދިވެހިން ވަރަށް ދަންނަ، އާއްމު ފަތެކެވެ. އެހާ އާއްމު ފަތަކަށް ވާއިރު މިއީ އެހާމެ ގިނަގުނަ ފައިދާތަކެއް އޭގައި އެކުލެވޭ ފަތެކެވެ. މުރަނގަފަތު ރިހައަކީ ދިވެހިންގެ ތެރޭގައި ކައްކާއުޅޭ އަގަޔަށް މީރު ހަށިގަނޑަށް ފައިދާހުރި ރިހައެކެވެ. ކޯނިން ފަތް ފިލުވުމަކީ ކޮންމެވެސް ވަރަކަށް ވަގުތު ނަގާ ކަމަކަށްވާތީ ކިތަންމެ މީރަސް މުރަނގަފަތު ރިހަ ކައްކާ އުޅޭލެއް މަދެވެ. 

މުރަނގަފަތު ރިހައަށް ހަވާދު ގަނޑު ތައްޔާރު ކުރުން: 

ބޭނުންވާ ތަކެތި:

  • ½ ޖޯޑު ހުނި
  • 2 ½ މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި
  • 2 ½ މޭޒުމަތީ ސަމުސާ ނުމުގުރާ ހުރި ދިރި
  • 1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު
  • 3 ހިކި މިރުސް (ކުޅިރަހަ ހެޔޮވަރު ވާވަރަށް)
  • ½ ފިޔާ
  • 3 ލޮނުމެދު
  • ½ އިންޗީގެ އިނގުރު ކޮޅެއް
  • 6 ކާފޫރު ތޮޅި
  • ½ އިންޗީގެ ފޮނިތޮށި ކޮޅެއް
  • 6 ހިކަނދިފަތް
  • ½ އިންޗީގެ ރާނބާ ފަތްކޮޅެއް
  • ½ ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް
  • ¼ ސައިސަމުސާ ރީނދޫ
  • 8 މޭޒުމަތީ ސަމުސާ ފެން

ހަދާނެ ގޮތް:

  •  ފިޔާކޮޅު ކޮށާލާށެވެ. ކޮންމެވެސް ވަރަކަށް ބޮޑެތިކޮށް ހުއްޓަސް ރަނގަޅުވާނެއެވެ.
  • ތަވައެއް އުދައި ރަނގަޅަށް އެ ހޫނު ކުރުމަށްފަހު ހަވާދަށް ބޭނުންވާ ތަކެތީގެ ތެރެއިން ރީނދުލާއި ފެން ފިޔަވައި އެހެން ހުރިހާ އެއްޗެއް ތަވައަށް އަޅާލާށެވެ.
  • ތަންކޮޅެއް މަޑުކޮށް ގިނި ބަހައްޓައިގެން ހުނި ކޮޅަށް ރަން މުށިކުލަ އަރަން ފަށަންދެން ހަނާކުރާށެވެ.
  • ދެން އޭގެ ތެރެއަށް ރީނދޫކޮޅު އަޅާލުމަށްފަހު އަނެއްކާވެސް މިނެޓެއް ވަރު ކައްކާލާށެވެ.
  • އުނދުން މަތިން ބޭލުމަށްފަހު ހަނާކުރި ތަކެތި ހިހޫވެލަން ދޭށެވެ.
  • ހިހޫ ވުމުން، މިކްސަރު ބޭނުން ކޮށްގެން ހަނާކުރި ތަކެއްޗާއި ފެންފޮދު އެއްކޮށްގެން ޕޭސްޓްގަނޑެއް ހަދާށެވެ.

ރިހަގަނޑު ތައްޔާރު ކުރުން:

ބޭނުންވާ ތަކެތި:

  • 2 ޖޯޑު މުރަނގަފަތް (ތަނޑިތައް ނުލައި)
  • 2/3 ޖޯޑު ވަޅޯމަސް (ކުދިކޮށް ކޮށާފައި)
  • ½ ފިޔާ
  • 2 ލޮނުމެދު
  • 3 ހިކަނދިފަތް
  • 3 އިންޗީގެ ރާނބާފަތް ކޮޅެއް
  • 1 ½ ޖޯޑު ބޯކިރު
  • 1 މޭޒުމަތީ ސަމުސާ ތެޔޮ
  • ¼ ގިތެޔޮ މިރުސް (ކުޅިރަހަ ހެޔޮވާރު ވާވަރަށް )
  • ½ ސައިސަމުސާ ލޮނު (ލޮނުރަހަ ހެޔޮވަރު ވާވަރަށް)
  • 2 ޖޯޑު ފެން

ހަދާނެގޮތް:

  • އުނދުން މައްޗަށް ތެއްޔެއް އުދުމަށްފަހު އޭގެ ތެރެއަށް ފެންފޮދު އަޅާލާށެވެ. ފެންގަނޑު ބޮކިޖަހާ ކެކެން ފެށީމައި ދެން މުރަނގަ ފަތް ކޮޅު އަޅާނީއެވެ.
  • ގިނި މަޑުކޮށްލާފައި ތެލީގައި މަތިޖަހައިގެން 5 މިނެޓު ވަރު ވަންދެން މުރަނގަ ފަތްކޮޅު ކައްކާށެވެ.
  • ދެން ފަތްކޮޅު ފުރާނާލުމަށް ފަހު އެއްޗަކަށް އަޅާފައި ބަހައްޓާށެވެ.
  • ފިޔައާއި ލޮނުމެދު ތުނިކޮށް ކޮށާށެވެ.
  • ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނު ކުރުމަށް ފަހު ތެޔޮ ކޮޅުގެ ތެރެއަށް ފިޔާކޮޅާއި، ރާނބާފަތާއި، ގިތެޔޮ މިރުހާއި ހިކަނދިފަތްކޮޅު އަޅާލުމަށްފަހު ފިޔާކޮޅަށް ރަން މުށި ކުލަ އަރަން ފަށަންދެން މީރު ކުރާށެވެ. ދެން ލޮނުމެދު ކޮޅު އެޅުމަށްފަހު ތިރީހަކަށް ސިކުންތު އިތުރަށް ކައްކާލާށެވެ.
  • ދެން ކުރިން ތައްޔާރުކުރި ހަވާދު ގަނޑާއި ބޯކިރުކޮޅާއި ވަޅޯމަސްކޮޅު ތެއްޔަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
  • ތެލީގައި މަތިޖެހުމަށްފަހު ބޮކި ޖަހަން ފަށަންދެން ކެކިލަން ބައިންދާށެވެ. ބޮކިޖަހަން ފެށީމައި މުރަނގަފަތްކޮޅާއި ލޮނު ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާނީއެވެ.
  • ތެލީގައި މަތި ޖަހައިގެން މަޑު ގިނީގައި 3- 4 މިނެޓުވަންދެން ކައްކާލާށެވެ.

ކައްކާ މިލެވުނީ ދެތިން މީހަކަށް ފުދޭވަރުގެ މުރަނގަފަތު ރިހަ ތެއްޔެކެވެ. އަވަހަށް ސުފުރާ މައްޗަށް ނަގާށެވެ.