ހީރަސް ރެސިޕީ: ބޮމްބޭ ބިރިޔާނި

ހީރަސް ރެސިޕީ: ބޮމްބޭ ބިރިޔާނި

ހީރަސް ރެސިޕީ ގައި މިއަދު އޮތީ ބޮމްބޭ ބިރިޔާނި ކެއްކުމެވެ. ބިރިޔާންޏަކީ އަކީ އެކި ގޮތްގޮތަށް އެކި މީހުން ކައްކާ އެއްޗެކެވެ. ބޮމްބޭ ބިރިޔާނި ކައްކާ އުޅެނީ ދެފަށަލައަކަށް ކުކުޅާއި ބަތް އެޅުމަށް ފަހު، އާވިން ބަތް ކައްކައިގެންނެވެ. ބިރިޔާނީގެ ރަހަ މީރުވަނީ ކެއްކުމަށް ބޭނުންކުރާ ހަވާދުންނެވެ. މިރެސިޕީގައި ބޭނުންކުރާނީ ބޮމްބޭ ބިރިޔާނީ މަސާލާ މިކްސް އެކެވެ. 

ރެސިޕީން ކެއްކޭނީ 7 މީހަކަށް ކެވޭވަރަށެވެ.

  •  ބޭނުންވާ ތަކެތި

* ބަތް ކެއްކުމަށް:

2 ޖޯޑު ބާސްމަތީ ހަނޑޫ

2.5 ޖޯޑު ފެން

1 ސައިސަމުސާ ލޮނު

2 މޭޒުމަތީ ސަމުސާ ތެޔޮ

ބިރިޔާނީ މައްޗަށް އެޅުމަށް

½ ޖޯޑު ތެޔޮ

26 ގްރާމް ހިކިމޭބިސްކަދުރު

1 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ފިޔާ

35 ކެޝޫނަޓް

5 ފެނުކެއްކި ބިސް (ހަތަރު ބަޔަށް ފަޅިކޮށްފައި)

* ބިރިޔާނީ ތައްޔާރުކުރުމަށް

½ ޖޯޑު ތެޔޮ

1 ޖޯޑު މެދުމިނަކަށް ތުނިކޮށް ކޮށާފައި ހުރި ފިޔާ

800 ގްރާމް ކުކުޅު ފައި (ހަން ނޮޅާފައި)

2 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް

1 ޖޯޑު ގޮޅިކޮށް ކޮށާފައި ހުރި ޓޮމާޓޯ

1 ޖޯޑު މެދުމިނަކަށް ކުދިކޮށް ކޮށާފައި ހުރި އަލުވި

1/3 ޖޯޑު ޝާން ސްޕެޝަލް ބޮމްބޭ ބިރިޔާނީ މަސާލާ މިކްސް

½ ޖޯޑު ޕްލެއިން ޔޯގަޓް

¼ ސައިސަމުސާ ލޮނު

¼ ޖޯޑު ފެން

3 ތޮޅި މިރުސް (މެދުން ފަޅިކޮށްފައި)

  • ހަދާނެ ގޮތް

ފިޔަވަޅު 1 (ބަތް ކެއްކުން)

  1. ފުރަތަމަ، ބަތް ކެއްކުމަށްޓަކައި 2 ޖޯޑު ބާސްމަތީ ހަނޑޫ ރަނގަޅަށް ދޮވުމަށް ފަހު ފެން ފުރާނާލާށެވެ.
  2. ދޮވެފައި ހުރި ހަނޑޫ ތެއްޔަކަށް އަޅާލުމަށް ފަހު، އެއަށް 2.5 ޖޯޑު ފެނާއި 1 ސައިސަމުސާ ލޮނު، އަދި 2 މޭޒުމަތީ ސަމުސާ ތެޔޮ އަޅާލާށެވެ.
  3. ގަދަގިނީގައި 8 ނުވަތަ 10 މިނެޓު ވަންދެން ނުވަތަ ހަނޑޫ ހުރި މިނަށް ފެންފޮދު ތިރިވަންދެން ކައްކާލާށެވެ.
  4. ތެލީގެ މަތި ޖަހާފައި ގިނި މަޑުކޮށްލުމަށް ފަހު އިތުރު 5 މިނެޓަށް ނުވަތަ ބަތް ކުޑަކޮށް ހަރުވަންދެން ކައްކާލާށެވެ.
  5. އުނދުން ނިވާލުމަށް ފަހު، އިތުރަށް ތެލީގައި ފެން ހުރިނަމަ އެ ފެން ފުރާނާލާށެވެ.
  6. ބަތްކޮޅު ވަކިން ބަހައްޓާށެވެ. މިހާރު ބަތް ފުށްތައް ހުންނާނީ ކުޑަކޮށް ހަރުކޮށެވެ.

ފިޔަވަޅު 2 ( ބިރިޔާނީގެ މައްޗަށް އަޅާ ތަކެތި ތައްޔާރުކުރުން)

ހ. ތެލުލުން 1

  1. ½ ޖޯޑު ތެޔޮ ތެއްޔަކަށް އަޅާލުމަށް ފަހު 2 މިނެޓު ވަންދެން މަޑުގިނީގައި ހޫނުކޮށްލާށެވެ.
  2. ތެޔޮކޮޅު ހޫނުވުމުން އުނދުނުގެ ގިނި ގަދަކޮށްލުމަށް ފަހު ތެއްޔަށް 1 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ފިޔާ އަޅާލާށެވެ.
  3. އަދި 8 މިނެޓު ވަންދެން ނުވަތަ ރަން މުށިކުލައެއް އަރަންދެން ފިޔާކޮޅު ތެއްލާށެވެ.
  4. ފިޔާކޮޅު ތެލުން ނަގާލުމަށް ފަހު ޓިޝޫ އަޅާފައި ހުރި ތަށްޓަކަށް އަޅާލާށެވެ.
  5. އަނެއްކާ ހަމަ އެތެޔޮގަނޑަށް 26 ގްރާމް ހިކިމޭބިސްކަދުރު އަޅާލުމަށް ފަހު ގަދަގިނީގައި 1 މިނެޓު ވަންދެން ނުވަތަ ހިކިމޭބިސްކަދުރުކޮޅު ފުފެންދެން ތެއްލާށެވެ.
  6. އެއަށް ފަހު، ތެލުން ނަގާފައި ތެއްލި ފިޔާ ހުރި ތަށްޓަށް އަޅާލާށެވެ.
  7. އަނެއްކާވެސް އެ ތެޔޮގަނޑު ތެރެއަށް 35 ކެޝޫނަޓް އަޅާލުމަށް ފަހު، ގަދަގިނީގައި 2 މިނެޓު ވަންދެން ނުވަތަ މަޑު މުށިކުލައެއް އަރަންދެން ތެއްލާށެވެ.
  8. ކެޝޫނަޓް ތެލުލެވުމުން ނަގާ ފިޔާކޮޅާއި ހިކިމޭބިސްކަދުރު ހުރި ތަށްޓަށް އަޅާލާށެވެ.

ށ. ތެލުލުން 2

  1. ކުރިން ތެލުލީ ތެލިނޫން އެހެން ތެއްޔަކަށް ½ ޖޯޑު ތެޔޮ އަޅާފައި ގަދަގިނީގައި 1 މިނެޓު ވަންދެން ހޫނުކޮށްލާށެވެ.
  2. 1 ޖޯޑު މެދުމިނަކަށް ތުނިކޮށް ކޮށާފައި ހުރި ފިޔާ ހޫނު ތެޔޮގަޑަށް އަޅާލުމަށް ފަހު 8 މިނެޓު ވަންދެން ހަލަމުން، ފިޔާކޮޅަށް ރަން މުށިކުލައެއް އަރަންދެން ތެލުލާށެވެ.
  3. 800 ގްރާމް ހަން ނޮޅާފައި ހުރި ކުކުޅު ފައި ހޫނުތެޔޮ ތެއްޔަށް އަޅާލުމަށްފަހު 1 މިނެޓު ވަންދެން ހަލަމުން ފިޔާކޮޅާއި އެއްކޮށްލާށެވެ. 
  4. 2 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް އޭގެތެރެއަށް އަޅާފައި އިތުރު 2 މިނެޓަށް ހަލަމުން ކައްކާށެވެ.
  5. 1 ޖޯޑު ގޮޅިކޮށް ކޮށާފައި ހުރި ޓޮމާޓޯއާއި 1 ޖޯޑު މެދުމިނަކަށް ކުދިކޮށް ކޮށާފައި ހުރި އަލުވި އަޅާފައި 1 މިނެޓު ވަންދެން އެއްކޮށްލަމުން ހަލާލާށެވެ.
  6. ދެން، 1/3 ޖޯޑު ބޮމްބޭ ބިރިޔާނީ މަސާލާ މިކްސް އަޅާލުމަށް ފަހު އިތުރު 1 މިނެޓަށް ނުވަތަ ޓޮމާޓޯކޮޅު މަޑުވަންދެން ހަލަމުން ކައްކާށެވެ.
  7. އަދި ½ ޖޯޑު ޕްލެއިން ޔޯގަޓް އަދި ¼ ސައިސަމުސާ ލޮނު އަޅާލާފައި 6 މިނެޓަށް ނުވަތަ ސޯސްގަނޑުން ތެޔޮ ވަކިވަންދެން ކައްކާލާށެވެ.

ފިޔަވަޅު 3 ( ކެއްކުން)

  1. ކުކުޅުފައިތައް ހުރި ތެއްޔަށް ¼ ޖޯޑު ފެން އަޅާލުމަށް ފަހު 1 މިނެޓު ވަންދެން ހުރިހާ އެއްޗެއް އެއްކޮށް ހަލާލާށެވެ.
  2. މެދުން ފަޅިކޮށްފައި އޮތް 3 ތޮޅި މިރުސް އެތެއްޔަށް ލުމަށް ފަހު، ތެލީގެ މަތި ޖަހާފައި 5 މިނެޓު ވަންދެން ނުވަތަ ކުކުޅު ރޯފިލަންދެން ކައްކާލާށެވެ.
  3. ކުކުޅު ރަނގަޅަށް ރޯފިލިތޯ ބެލުމަށް ކުޑަ ކުކުޅުކޮޅެއް ތެލިން ނަގާފައި ކޮށާލުމަށް ފަހު އެތެރެ ބަލާލާށެވެ. ހުދު ކުލައިގައި ހުރި ނަމަ މިހާރު ކުކުޅު އެހުރީ ރޯފިލާފައެވެ. ފިޔާތޮށި ކުލައިގައި ހުރި ނަމަ، ހުދު ކުލަ އަރަންދެން ކައްކާލާށެވެ.
  4. ތެލީގެ މަތި ނަގާފައި ކުރިން ކައްކާލި ބަތް، ކުކުޅު ފައިތަކުގެ މައްޗަށް އަޅާލާށެވެ. މިހެން އަޅާއިރު ހުރިހާ ކުކުޅުތައް ފޮރުވޭހެން، އެއްވަރަށް އަޅާލާށެވެ.
  5. ދެން ތެލިގެ މަތި ޖަހާފައި 18 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. މިހާރު ބަތްކޮޅު ހުންނާނީ ތެލީގެ ތެރޭގައި އުފެދޭ އާވިން އެއްކޮށް ކެކި، ބަތް ފުށްތައް މަޑުވެފައެވެ.
  6. އަނެއްކާ ވެސް ތެލީގެ މަތި ނެގުމަށް ފަހު ކުރިން ތެއްލި ހިކިމޭބިސްކަދުރުކޮޅާއި، ފިޔާ، އަދި ކެޝޫނަޓް ބަތްގަނޑުގެ މަތީގައި އަތުރާލާށެވެ. އަދި އިތުރު 2 މިނެޓަށް މަތި ޖަހާލުމަށް ފަހު ކައްކާށެވެ.
  7. އުނދުން ނިވާލުމަށް ފަހު، ހަތަރު ބަޔަށް ފަޅިކޮށްފައި ހުރި 5 ފެނުކެއްކި ބިސް ތެއްޔަށް ލުމަށް ފަހު ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް އެއްކޮށްލާށެވެ.

މިހާރު ބޮމްބޭ ބިރިޔާނީ މިހިރީ ކައްކާ ނިމިފައެވެ.