ސްރީލަންކާގެ އިގުތިސާދު އަދިވެސް އޮތީ ނުރައްކަލުގަ!

ބަނޑުހައި ހޫނުކަން ގައުމުގެ 25 ޕަސަންޓް މީހުންނަށް ތަހަންމަލް ކުރަން ޖެހިދާނެ

ސްރީލަންކާގެ އިގުތިސާދު އަދިވެސް އޮތީ ނުރައްކަލުގަ!

މިދިޔަ މަހު ނެރުރުނު ދުނިޔޭގެ މާލީ އިދާރާތަކުގެ ރިވިއުގައި ބުނެފާވަނީ ސްރީލަންކާ އަދިވެސް އޮތީ މާލީގޮތުން ވަރަށް ނުރައްކާތެރި ދަތި ހާލަތެއްގާ ކަމަށެވެ. ގައުމުގައި ސިޔާސީ ހަމަޖެހުން ނެތުމާއި ފާއިސާގެ އަގު ދައްވުމާއި ފޮރިން ކަރަންސީ ރިޒާވް މަދުވުމާއި ބޭރާއި އެތެރޭގެ ދަރަނި ދެއްކުމަށް އަދިވެސް ދަތިވުމަކީ އިގުތިސާދު ރަގަޅުވާން އޮތް ހުރަސް ތަކެކެވެ.

ސްރީލަންކާގެ ސަރުކާރުން ފިސްކަލް ކޮންސަލިޑޭޝަން އިން ކުރި އެރުން ތަކެއް ވަނީ ހޯދާފައެވެ. އަދި ދަރަނިތައް ދަނީ ރީސްޓްރަކްޗަރ ކުރަމުންނެވެ. އަދި މާލީ ދާއިރާއަށް ކުރިއެރުން ލިބޭނޭ ޕޮލިސީތައް ވަނީ އިޕްލިމެންޓް ކޮއްފައެވެ. މަނިޓަރީ ޕޮލިސީ ތާށިކޮށްފައި އޮތް އޮތުމުގެ ސަބަބުން އިންފްލޭޝަން ދަނީ ހައްތާވެސް މައްޗަށެވެ. ހަރުކަށި ފިޔަވަޅު ތަކުގެ ސަބަބުން މި އަހަރުގެ މިޑްޓާރމްގެ ހިސާބު ތަކުން ފިސްކަލް ޑެފިސިޓް ދައްވާ ކަމަށް ދައްކައެވެ. އިންޕޯޓުކުރާ މުދާ އެތެރެކުރުން މަދުކުރުމަށް އެޅި ހަރުކަށި ފިޔަވަޅު ތަކުން ކަރަންޓް އެކައުންޓް ޑެފިސިޓް އަންނަނީ މަޑުމަޑުން ދައްވަމުންނެވެ. 2023ގައި ވެސް ސްރީލަންކާއަށް ބޭރުގެ ހިލޭ އެހީ ވަރަށް ބޮޑަށް ހޯދަން ޖެހެއެވެ. ސަބަބަކީ ފަގީރުކަމާއި ބަނޑުހައި ހޫނުކަން ގައުމުގެ 25 ޕަސަންޓް މީހުންނަށް ތަހަންމަލް ކުރަން ޖެހޭނެތީއެވެ. އަދި މާލީ އިދާރާ ތަކުން ލަފާކުރަނީ ކުރިއަށް އޮތް ދެތިން ހަތަރު އަހަރަކާއި ހަމައަށް ވެސް މި ދަތިތައް ތަހަންމަލް ކުރަން ޖެހިދާނެ ކަމަށެވެ.

ސްރީލަންކާ މާލީ ދަތިކަމުން އަރައިގަތުން ލަސްވަމުންދާ ކަންކަމުގެ ތެރޭގައި ޑެބިޓް ރީސްޓްރަކްޗަރ ކުރުން ލަސްކުރުމާއި ބޭރު ގައުމުތަކުން ފައިސާގެ އެހީތެރިކަން ފޯރުކޮއްދިނުން މަދުވުމާއި ގައުމު ވެއްޓުނު މާލީ އަނދަވަޅުން އަރައިގަތުމުގެ ރިކަވަރީ ލަސްވުން ހިމެނެއެވެ. ސްރީލަންކާ މާލީ ދަތިތަކުން އަރައިގަތުމަށް ކުރެވެމުންދާ ކަންކަމުގެ ފައިދާ ވެސް އަންނަނީ ކޮންމެވެސް ވަރަކަށް ކުރަމުންނެވެ. އެ ގޮތުން ބޭރުގެ ފައިނޭންސިއަލް މާކެޓް ތަކަށްވަނުމަށް ކުރެވޭ މަސައްކަތުން ކެޕިޓަލް އިންވެސްޓްމަންޓްތައް ކުރާ ތަންތަނުގެ އެޓްރޭކްޝަން އަންނަނީ ލިބެމުންނެވެ. ރަގަޅު މަނިޓަރީ ރިފޯމް ޕޮލިސީއާއި ޑެބިޓް ރީސްޓަކްޓަރ ކުރުމާއި މައިކްރޯ އެކޮނޮމިކްސްގެ އިންބެލެންސް ކުޑަކުރުމާއި އެންޕްލޮއިމެންޓް އިންޑަސްޓްރީ ފުޅާކުރުމަށް ފިޔަވަޅުތައް އެޅުމަކީ ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން ލަންކާއަށް ލިބެމުންދާ ކަންކަމެވެ.

ސްރީލަންކާއަށް ބޭރުފައިސާ ވެއްދުމަށް ޓޫރިޒަމް އިންޑަސްޓްރީ ދަނީ ފުޅާކޮށް ފަތުރުވެރިން ގެނެވޭނެ އިތުރު މަސައްކަތް ކުރަމުންނެވެ. އަދި ސްރީލަންކާގެ ރައްޔިތުން ބޭރު ގައުމުތަކަށް ވަޒީފާތަކަށް ދެވޭނެ އުސޫލުތައް ފަސޭހަކޮށް ބޭރުން އެތެރެކުރާ ރެމިޓެންސް ފައިސާތަކަށް ރަގަޅު އަގެއް ލިބޭނެ ގޮތްތައް ދަނީ ހަދަމުންނެވެ.

2019 ގައި ރަސްމީ ރިޒާވް 7.6 ބިލިއަން ޑޮލަރަށް ވެއްޓުނެވެ. 2020ގައި ދުނިޔެއަށް ކުރިމަތިވި ކޮވިޑް 19 ގެ ސަބަބުނާއި އަދި ޗައިނާގެ ދަރަނިތައް އަދާކުރުމަށް 1.5 ބިލިއަން ޑޮލަރު ހަރަދުކުރަން ޖެހުމުން ރަސްމީ ރިޒާވް 400 މިލިއަން ޑޮލަރަށް ދައްވިއެވެ. ގައުމީ ދަރަނި 5.9 ބިލިއަން ޑޮލަރަށް މައްޗަށް އެރިއެވެ. ބޭރުފައިސާގެ ރިޒާވް ނެތުމުގެ ސަބަބުން ޖޫން 2022 ފެށިގެން ތެލާއި ގޭހާއި ބޭސް އެތެރެކުރުމަށް ދައްކާނެ ފައިސާ ހުސްވިއެވެ. މިއަހަރު އޭޕްރީލް މަހުގެ ތެރޭގައި ސްރީލަންކާގެ ރައްޔިތުން މަގުތަކަށް ނިކުމެ ހަޅުތާލުތައް ފެށީ ލަންކާގެ އިގްތިސާދު ހަލާކުވެ ގައުމު ބަގުރޫޓްވިކަން ލައްކާ ސަރުކާރުން އިއުލާނުކޮށް ތެލާއި ގޭހާއި ބޭހަށް ޖެހުމުންނެވެ. ރައްޔިތުން ނުކުމެ ކުރި ހަޅުތާލުތަކުގެ ސަބަބުން އޭރު ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްޝާ އާއި ކެބިނެޓް އިސްތިއުފާ ދޭންޖެހުނެވެ. ފަހުން ސްރީލްންކާގެ ރައީސް ކަމުގައި ހުންނެވި ގޯތާބަޔަރ ރާޖަޕަކްޝާވެސް އިސްތިއުފާ ދެއްވިއެވެ. މިވަގުތު ސްރީލަންކާގެ ރައީސް ކަމުގައި ހުންނެވީ ރަނިލް ވިކުރަމަ ސިންހާއެވެ.