އެމްޕީއެލްއާއި ސްޓެލްކޯ އެއްބަސްވުމެއްގައި ސޮއިކޮށްފި!

ސްޓެލްކޯއާއި އެމްޕީއެލް އެއްބަސްވީ އެމްޕީއެލްގެ ތިން ޓަވަރަށް ކަރަންޓުގެ ދިނުމަށް

އެމްޕީއެލްއާއި ސްޓެލްކޯ އެއްބަސްވުމެއްގައި ސޮއިކޮށްފި!

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އެމްޕީއެލްގެ 15 ބުރީގެ ތިން ޓަވަރަށް ކަރަންޓުގެ ކަނެކްޝަން ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮއްފައި މި ވަނީ ސްޓެލްކޯގެ މައި އޮފީހުގައެވެ.

އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކޮއްފައި ވަނީ އެ ކުންފުނީގެ ސީއީއޯގެ މަގާމުގައިހުންނެވި ސާހިދު އަލީއެވެ. ސްޓެލްކޯ ގެ ފަރާތުން ސޮއިކޮއްފައި ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސަރީފުއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޒޯންގައި އެޅި ތިން ޓަވަރު ރަސްމީކޮށް އެޅުމުގެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުވަރީ މަހު 15 ދުވަހުއެވެ. އެމްޕީއެލްގެ ޓަވަރު ޕްރޮޖެކްޓަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދަށުން ރަސްމީކޮށް ފެށި ފުރަތަމަ "ހިޔާ" ހައުސިން ސްކީމެވެ. އެމްޕީއެލްއިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ކުންފުންޏަކާއެވެ.

15 ބުރީގެ މި ތިން ޓަވަރުން ކޮންމެ ޓަވަރެއްގައި 204 ސިންގަލް ރޫމް އެޕާޓްމަންޓާއި ތިން ކޮޓަރީގެ 330 އެޕާޓްމަންޓްއަކާއެކު ޖުމުލަ 534 ކޮޓަރި ހުރެއެވެ. މި ތިން ޓަވަރުން 3000 އަށް ވުރެ ގިނަ މީހުންނަށް އެކޮމޮޑޭޝަން ލިބިގެން ދާނެކަމައް އެމްޕީއެލް ހާމަ ކޮއްފައިވެއެވެ. އަދި މި ޕްރޮޖަކްޓްގެ ދަށުން މުވައްޒަފުންނަށް އެ ޕާޓްމަންޓްތައް ދޫކުރާނީ ލުއި އުސޫލެއްގެ ތެރެއިން ކަމަވެސް އެމްޕީއެލްއިން ހާމަކުރެއެވެ.