ވާދަނުކޮށް އިންތިހާބުތައް ބޮއިކޮޓްކޮށް ވައްޓާލަން އުޅެބަލަ!

ވާދަނުކޮށް އިންތިހާބުތައް ބޮއިކޮޓްކޮށް ވައްޓާލަން އުޅެބަލަ!

ރާއްޖޭގެ ގާނޫނު އަސާސީ ރައީސް މުއިއްޒަށް ހެޔޮވަރަށް ކޮށާމަށަން ކުރަންޖެހޭ ހުރިހާކަމެއް ދަނީ ކުރަމުންނެވެ. ރާޖޭގައި މިހާރު އޮންނަނީ މުއިއްޒު ސަރުކާރުން ބޭނުންވާ ގޮތަކަށް މަސައްކަތްކުރާ މިނިވަން މުއައްސަސާ ތަކަކާއި ރައްޔިތުންގެ މަޖިލީހެކެވެ. މިނިވަން ފަނޑިޔާރުގެއެއް ނެތެވެ. ހުދުމުހުތާރު ވެރިކަމެއް އޮންނައިރު ވާދަވެރި އިންސާފުވެރި އިންތިހާބެއް އޮވެދާނެކަމަށް ދުށުމަކީ މޮޔަކަމެކެވެ. ވަޒިފާއާއި ރިޝްވަތުން އާއްމު ރައްޔިތުން އަޅުވެތިކޮށްގެން ބާއްވާ އިންތިހާބެއްގެ ނަތީޖާ އަންނާނީ ރިޝްވަތާއެއް ކޮޅަށެވެ. 

އިންތިހާބީ މޫސުމަކީ ރިޝްވަތުގެ ބަހާރު މޫސުމެވެ. ރިޝްވަތުގެ ތުހުމަތުގެ ޝަކުވާއެއް އިލެކްޝަނަކުން ވެސް ނުބެލެއެވެ. ރިޝްވަތުގެ މައްސަލައެއް ބެލޭނެ ފުލުހެއް ކޯޓެއް ރާއްޖެއަކުނެތެވެ. ހަޔާތް ކެނޑިފައި ތިބިވަރުން ދާއިރާތަކުގެ ރައްޔިތުން އެމީހުންގެ މެންބަރުގާތަށް ކަންކަމުގައި ދިޔުމުން އެ މީހުންނާ ދިމާއަށް ފާޅުކަން ބޮޑު ގޮތެއްގައި ތިމަން ގޮނޑި ހޯދީ ގަނެގެންނޭ ބުނެ އުޅެނީކީ މަދެއްކޮށް ނޫނެވެ. 

މުއިއްޒު ވެރިކަމަށް އައިފަހުން ރިޝްވަތުދިނުމާއި ރިޝްވަތުހިފުން ވަނީ ހައްދުންނެއްޓީފައެވެ. ރައްޔިތުންގެ މަޖިލީހުގައި ތިބި 13 މެންބަރެއްގެ ޕާޓީ ބަދަލުކުރުވަން 50 މިލިޔަނަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ރިޝްވަތުގެ ގޮތުގައި ރައީސް މުއިއްޒު ކޮށްފައިވާކަމަށް ތުހުމަތު ކުރެއެވެ. ސަރކާރުގެ އެތައް ވަޒީފާއެއް އެކަމަށްޓަކާ ގުރުބާން ކޮށްފައިވެއެވެ. އެހެނެއް ކަމަކު ކަހާތަން ހިރުވާލި މިނިވަން މުއައްސަސާއެއް ފުލުހެއް ފަނޑިޔާރު ގެއެއްނެތެވެ. 

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށްވެސް ރިޝްވަތު ދިނުމާ ހިފުން އޮތީ މެކުހުގައެވެ. ސަރުކާރު ވަޒީފާތައް ޢާއިލާތަކަށް އޮހުނީ ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެންނެވެ. ކައުންސިލެއްގެ ބައި އިލެކްޝަނެއް ވިޔަސް އަންހެނުން ކޮމެޓީގެ ބައި އިލެކްޝަނެއް ވިޔަސް ވަޒީފާ ބެހުމާ ރިޝްވަތު ދިނުމުގައި ސަރުކާރު އޮންނަނީ އެތަނަކަށް ބަންޑުން ޖަހާލާފައެވެ. 

ސަރުކާރުން ރިޝްވަތު ދިނުން އެހާ ބޮޑަށް އާއްމުވުމުން އިންތިހާބުތައް ބާއްވާ ނަތީޖާ އިއުލާނު ކުރާ އިލެކްޝަން ކަމިޝަން ރިޝްވަތުން ސަލާމަތްވެފައި ނުއޮންނާނެކަމީ ޔަގީންކަމެކެވެ. އެންމެފަހުން އޮތް ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައިހުރި ފުއާދު ތައުފީގު އެ އިންތިހާބު ކާމިޔާބުކުރި މުއިއްޒު ސަރުކާރުގެ އެންބެސެޑަރއަކަށް ވުމުން ރިޝްވަތުގައި ހުރި ބާރު އެބަފެނެއެވެ. 

ދެރަކަމަކީ ރިޝްވާތާއި ދޮގާ މަކަރާ ހީލަތުން ތަތްތެޅިފައިވާ މުއިއްޒުގެ މުށުތެރޭގައި މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ފަޑިޔާރުގެ އޮތްކަން އެނގިތިބެ ވާދަވެރިން އިންތިހާބުތަކުގައި ވާދަކުރާކުރުމެވެ. ރިޝްވަތާ ނުފޫޒާއި ބާރުންވެސް އިންތިހާބެއް ކާމިޔާބުކޮށްފިނަމަ ޑިމޮކްރެޓިކް ހަމައިން އެވާނީ ކާމިޔާބަކަށެވެ. އެއްވޯޓުންވެސް ބަލިވީމާ ވާނީ ބައްޔަކަށެވެ. މުއިއްޒު ވެރިކަމުގައި ބާއްވާ އެއްވެސް އިންތިހާބެއް އިންސާފްވެރިއެއް ނުވާނެއެވެ. ބޭއިންސާފުން ބާއްވާ އިންތިހާބުތަކުގައި ވާދަކުރުމަށްވުރެ އިންތިހާބު ބޯއިކޮޓްކޮށް މުއިއްޒު ވެރިކަމުން ބާލަން އުޅުން ވާދަވެރިންނަށާއި ރައްޔިތުންނަށް މާ ހެޔޮކަން ބޮޑެވެ.