ޖަނާބަށް ކެރެންޏާ ސާޖިދާ ތަހުގީގު ކޮށްލަބަލަ!
ޖަނާބު ކަމަކީ ވަހުޝީކަން ބޮލަށް ލައިގެން އަންހެނުންގެ ކަންކަމަށް ގޮތްކިޔުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ލިބުމުން ބައެއް މީހުނަށް މިތިބަ ވާގޮތެކެވެ. ގުއި ނުދެކޭ ކާޅަށް ގުއިފެނިގެން އުޅުމެކޭ ތަފާތެއް ނެތެވެ. ކިޔޭ ނުކިޔޭއެއް ނޭގެއެވެ. އިބްރާހީމް ޖަނާބަކީ އޭގެތެރެއިންވެސް އަރާހުރި މީހެކެވެ.
ފަލަސްތީނު ފޮށައެއް ކަރަށް އެއްލައިގެން މާ ފަލަސްތީނު ވެގެން ކަންދެއްކުމުގައިވެސް އެވަރެއް ނެތެވެ. ރޯނު އެދުރުހެދިގެން ސައިންޓިފިކް ވާހަކަ ދައްކާއިރު އަޑުއަހަން ތިބީ މޮޔައިންނޭ އިބްރާހީމަށް ހީވާ ކަހަލައެވެ. ގްރޯތު ހޯމޯނޭ އަންހެނުންނޭ އިސްތައްޓޭ ކިޔަން މީ ކާކުހެއްޔެވެ.
ވަހުޝީކަން ބޮލަށް ލައިގެން އަންހެނުންގެ ކަންކަމަށް ގޮތްކިޔުން ނޫނީ ކުރާކަށް ކަމެއް މިކަލޭގެއަކަށް ނުފެނެއެވެ. އަންހެން ކުދިން ހިތާނު ނުކުރެވިގެން ވެސް މިކަލޭގެޔަކު މޮޔަވަނީއެވެ. ބަފާ ޝޭހަކަށް ވުމަކުން ބޮޑު ޝޭހު ހެދިގެން އިސްލާމް ދީން ބޭނުންކޮށްގެން އުޅޭ އިރު ހީވަނީ މީނާއަކީ މީ ދީންހެންނެވެ.
ރައްޔިތުން ދެކެ ލޯބިވާ މާދުރު ވިސްނޭ މީހަކަށް ހެދިގެން އިހަށް ދުވަހު ދެއްކީ އަނެއް ކަނޑުކޮސް ވާހަކައެވެ. ކޮވިޑްގެ ވަބާގައި މަރުވެދިޔަ މީހުންގެ އާއިލާތަކަށް ތަސައްލީ ހޯދަދޭން ކޮވިޑް މަރުތައް ތަހުގީގު ކުރާވާހަކައެވެ. އިބްރާހިމް ޖަނާބުގެ ވާހަކައިން ހީވަނީ ކޮވިޑް ޖެހިގެން މީހުން މަރުވީ ރާއްޖޭން އެކަނިހެންނެވެ. ކޮވިޑްގެ މަރުތަކުގެ ބަދަލުގައި އޭރު ސަރުކާރުގައި ހިންގަން ތިބި މީހުންނަށް މަރުގެ ހުކުން އަންނަން ޖެހެޔޭ ބުނާ ކަހަލައެވެ.
ކުރީ ސަރުކާރުގައި އަޅައިގަނެ ހަސަދަވެރިވިޔަސް ބޮޑުވަރެވެ. ކޮވިޑް މަރުތައް އަޅެ ރަނގަޅަށް ތަހުގީގުކޮށްލަ ބަލާށެވެ. މިއޮތީ ސަލަފުޅިޔަން ސަރުކާރެއް ވިއްޔާއެވެ. މަޖިލީހުގައި ތިޔަ ތިބީ ޖަނާބުމެން ވިއްޔާއެވެ. އެކަމަކު ބުނަން ހެއްޔެވެ. ކުރީގެ ސަރުކާރަށް ނިސްބަތްކޮށް ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގިގެން ކޮވިޑް މަރުތައްވެސް ކުރީގެ ސަރުކާރު ބޮލުގައި އެކަނި އަޅުވައިގެން ބެޗޭކަށް ނެތެވެ. އެކަމުގެ ޒިންމާ ވަކިމީހަކު ބޮލުގައި އަޅަންޖެހޭ ކަމަށް ވަންޏާ ފުރަތަމަ އަޅަން ޖެހޭ އެކަކީ ޖަނާބުގެ އުހުތު މިހާރުގެ މަހާރެހެންދި ސާޖިދާއެވެ.
ސާޖިދާއަކީ މިރާއްޖޭގެ މެޑިކަލް މާފިޔާގެ އަމައެވެ. ސާޖިދާ އެޕްރޫވް ނުކުރާ ބޭހެއް ވެކްސިނެއް ރާއްޖެއަށް އެތެރެކޮށް ބޭނުމެއް ނުކުރެއެވެ. ސަޖިދާގެ މުށުތެރޭގައި ރާއްޖޭގެ މެޑިކަލް މާފިޔާ އޮންނަތާ ކިތަންމެ ޒަމާނެކެވެ. މަހަ ރެހެންދިކަން ލިބުމުންވެސް އެކަމުން ނުނެއްޓޭން ގަދަހަދައިގެން ގާނޫނާ ހިލާފަށް ފުޑު އެންޑް ޑްރަގް އޮތޯރިޓީގައި އަދިވެސް ބަގުޑި ބައްދައިގެން އެހުންނަނީ އެހެންވެއެވެ. ޖަނާބަށް ކެރެންޏާ ސާޖިދާގެ ރަނގަޅު ތަހުގީގެއް ކޮށްލަބަލާށެވެ.