ނިއުކްލިއަރ ސަބްމެރިނަކުން މިސައިލް ޓެސްޓްކުރުމުން އަވައްޓެރިން ރުޅިއަތުވެއްޖެ
ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރުވުމުގެ ކަންބޮޑުވުން ފާޅުކުރޭ
ޗައިނާގެ ނިއުކްލިއަރ ސަބްމެރިންއަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މިއީ އާންމުކޮށް ކުރިއަށްގެންދާ އަސްކަރީ ތަމްރީނެއްގެ ބައެއް ކަމަށް ޗައިނާއިން ބުނި ނަމަވެސް، މިކަމާ ގުޅިގެން ޖަޕާން، އޮސްޓްރޭލިއާ އަދި ނިއުޒީލަންޑުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ، ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ޑަމީ ވޯހެޑް" އެއް ނުވަތަ އަސްލު ގޮވާތަކެތި ނެތް ބޯލްއެއް ހަރުކޮށްފައިވާ މި މިސައިލް ފޮނުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި މިސައިލް ވެއްޓިފައިވަނީ ކަނޑުގެ ބައިނަލްއަގުވާމީ ސަރަހައްދަކަށެވެ.
ޗައިނާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މިއީ އެގައުމުގެ އަހަރީ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އަދި މިއީ ވަކި ގައުމަކަށް އަމާޒުކޮށްގެން ހިންގި އަމަލެއް ނޫން ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގް ވިދާޅުވީ، މި ޓެސްޓާ ގުޅޭ މައުލޫމާތު ކުރިއާލައި ޗައިނާއިން އެގައުމަށް ދީފައިވާ ކަމަށެވެ. ނަމަވެސް، ޗައިނާގެ އަސްކަރީ ބާރުވެރިކަން ހަލުވިކަމާއެކު އިތުރުވަމުންދިއުމާއި، އެކަމުގައި ހާމަކަން ބޮޑު ސިޔާސަތެއް ނެތުމުގެ ސަބަބުން މިފަދަ ހަރަކާތްތަކަކީ ސަރަހައްދުގެ ހަމަޖެހުމަށް ބުރޫއަރާފާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޖަޕާނުން ވެސް ވަނީ މި ޓެސްޓުގެ މައުލޫމާތު ކުރިއާލައި ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، ޗައިނާގެ އަސްކަރީ ހަރަކާތްތައް ފުޅާވަމުންދާތީ އެގައުމުން ވަނީ "ހިތާމަވެރި ކަންބޮޑުވުން" ފާޅުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި މިސައިލް ވެއްޓިފައިވަނީ ޖަޕާނުގެ އިގްތިސާދީ ހާއްސަ ސަރަހައްދުން "އީއީޒީ " ބޭރަށެވެ.
ނިއުޒީލަންޑުގެ ފޮރިން މިނިސްޓަރު ވިންސްޓަން ޕީޓާސް މިކަން ސިފަކުރެއްވީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ ނުތަނަވަސްކަން އުފެދޭނެ ކަމެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން ބޭނުންވަނީ އެ ސަރަހައްދަކީ މިސައިލް ޓެސްޓުކުރާ ތަނަކަށް ނުވުމަށް ކަމަށެވެ.
މި ޓެސްޓަކީ 2024 ވަނަ އަހަރު ޗައިނާއިން ކުރިއަށްގެންދިޔަ އާދަޔާ ހިލާފު އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓަށްފަހު، އެގައުމުގެ އަސްކަރީ ގާބިލުކަން އިތުރުވަމުންދާކަން ދައްކުވައިދޭ މުހިންމު ހަރަކާތެކެވެ.


