އިންޑިއާގެ މަހުޖަނު އަދާނީއަށް އެމެރިކާއިން ކުރާ ދައުވާ ދޫކޮށްލައިފި
ދުނިޔޭގެ ފުލުހުންގެ ދައުރު އެމެރިކާއިން އަދާކުރަން އުޅުމަކީ ހާރިޖީ ގުޅުންތަކަށް ބުރޫއަރާނެ
އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދިއުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނިންމި ނިންމުން އެ އިދާރާއިން ދިފާއުކޮށްފިއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ އަދާނީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ދޫކޮށްލަން ސަރުކާރުން ނިންމީ، އޭނާ އެމެރިކާގައި ބިލިއަނުން އިންވެސްޓް ކުރާނެ ކަމަށް ބުނެފައިވާތީ އެކަމަށް ބަލައިގެން ނޫން ކަމަށް ސަރުކާރުން ބުނެއެވެ.
ޕްރިންސިޕަލް އެސޯސިއޭޓް އެޓާނީ ޖެނެރަލް ޓްރެންޓް މެކޯޓާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އިންވެސްޓްމަންޓުގެ ވާހަކަ ދެކެވުމުގެ ކުރިންވެސް އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ "ދިފާއު ކުރެވޭނެ އެއްވެސް ބުރަދަނެއް ހުރި" މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންވެސްޓްމަންޓުގެ ވާހަކައެއް ދެކެވުނަސް ނުވަތަ ނުދެކެވުނަސް، އަދި މަދަނީ މައްސަލައެއް ނިމުމަކަށް އައި ކަމުގައި ވިޔަސް، އަޅުގަނޑު މި މައްސަލަ ދޫކޮށްލުމަށް އެދޭނަން،" އޭނާ ލިޔުއްވާފައިވެއެވެ.
އަދާނީ އާއި އެހެން ބައެއް ފަރާތްތަކުގެ މައްޗަށް 2024 ވަނަ އަހަރު ނިއުޔޯކްގެ ބްރޫކްލިންގައި ދައުވާ އުފުލީ ބޮޑެތި މަކަރާއި ހީލަތުގެ އިތުރުން ރިޝްވަތުގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ފެޑަރަލް ޕްރޮސެކިއުޓަރުންނެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، އިންޑިއާގެ އެންމެ ބޮޑު ސޯލާ ޕަވަރ ޕްލާންޓް ތަރައްގީ ކުރުމުގެ ބިޑް ކާމިޔާބު ކުރުމަށްޓަކައި އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް ރިޝްވަތުގެ ގޮތުގައި 250 މިލިއަން ޑޮލަރު އަދާނީ ދީފައިވެއެވެ.
އަންދާޒާ ކުރެވޭ ގޮތުގައި އެ ކޮންޓްރެކްޓްތަކުން 20 އަހަރު ދުވަހުގެ ތެރޭގައި 2 ބިލިއަން ޑޮލަރުގެ ފައިދާ ލިބޭނެއެވެ. ޕްރޮސެކިއުޓަރުން ތުހުމަތު ކުރި ގޮތުގައި، އިންޑިއާގެ އޮފިޝަލުންނަށް ފައިސާ ދިންކަން ސިއްރުކޮށް، އަދާނީ ވަނީ އެމެރިކާގެ އިންވެސްޓަރުންނަށް އޮޅުވާލާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ގާތް ގުޅުމެއް އޮންނަ އަދާނީ، މި ދައުވާތަކާ ގުޅިގެން ދުވަހަކުވެސް ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ޝަރީއަތަށް އެމެރިކާއަށް ހާޒިރުކޮށްފައެއްވެސް ނުވެއެވެ.
އަދާނީގެ ވަކީލު ރޮބަޓް ޖޭ. ޖިއުފްރާ ޖޫނިއާ މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން އިންކާރު ކުރިއެވެ. ނަމަވެސް، ޖަސްޓިސް ޑިޕާޓްމަންޓާއެކު މަސްތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކާއި، ހުށަހެޅުނު ލިޔެކިޔުންތަކާއި، ތަޖުރިބާކާރުންގެ ހެކިބަހަށްފަހު މައްސަލަ ދޫކޮށްލަން ސަރުކާރުން ނިންމީ ކަމަށް އޭނާ ކުރިން ވިދާޅުވެފައިވެއެވެ.
ޔޫ.އެސް ޑިސްޓްރިކްޓް ޖަޖް ނިކޮލަސް ގަރައުފިސްއަށް ފޮނުއްވި ސިޓީގައި މެކޯޓާ ވިދާޅުވީ، މިއީ ބޭރު ގައުމެއްގެ މައްސަލައެއް ކަމަށާއި، މި މައްސަލާގައި ހިމެނޭ ކަންކަމަކީ އިންޑިއާ ބަޔަކު އެ ގައުމުގެ އެހެން ބަޔަކަށް ރިޝްވަތު ދޭން އުޅުމުގެ މައްސަލައެއް ކަމަށެވެ. އަދި މައްސަލައިގެ ލިޔެކިޔުންތަކުގައި 200 އަށްވުރެ ގިނަ ފަހަރު "އިންޑިއާ" މި ނަން އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ދުނިޔޭގެ ފުލުހުންގެ ދައުރު އެމެރިކާއިން އަދާކުރަން އުޅުމަކީ ހާރިޖީ ގުޅުންތަކަށް ބުރޫއަރާނެ ކަމެއް. އަދި އެއީ ގައުމުގެ އެތެރޭގެ ކަންކަމަށް ހޭދަކުރަން ހުރި ވަސީލަތްތައް ބޭކާރު ކުރުމެއް،" މެކޯޓާ ލިޔުއްވާފައިވެއެވެ. "ބްރޫކްލިން ނުވަތަ ވޮޝިންގޓަންގެ ޕްރޮސެކިއުޓަރުންނަށްވުރެ ރަނގަޅަށް އިންޑިއާގެ ދާހިލީ ކަންކަން އެ ގައުމަށް ބެލެހެއްޓޭނެ." ކަމަށް ވިދާޅުވަމުން އޭނާ އިތުރަށް ވިދާޅުވީ، ޕްރޮސެކިއުޓަރުން މި ދައުވާ އުފުލަން ބޭނުންކުރި މުއާމަލާތްތަކުގެ ސަބަބުން އެމެރިކާގެ އެއްވެސް އިންވެސްޓަރަކަށް "ލޯލާރިއެއްގެ" ގެއްލުންވެސް ވެފައި ނުވާ ކަމަށެވެ.
މެއި މަހުގެ ތެރޭގައި ސަރުކާރުން ވަނީ މި ދައުވާތައް ދާއިމީކޮށް ބާތިލުކޮށްދިނުމަށް އެދިފައެވެ. އެ އިދާރާއިން ބުނީ، މައްސަލަ ދިރާސާކުރުމަށްފަހު، ވަކިވަކި ފަރުދުންގެ މައްޗަށް ކުރާ މި ޖިނާއީ ދައުވާތަކަށް އިތުރު ވަގުތާއި ވަސީލަތްތައް ހޭދަނުކުރުމަށް ނިންމާފައިވާ ކަމަށެވެ. ހުށަހެޅުމުގައި މެކޯޓާގެ އިތުރުން ބްރޫކްލިންގެ ޔޫ.އެސް އެޓާނީ ޖޯސެފް ނޮސެލާ ސޮއިކުރައްވާފައިވީ ނަމަވެސް، މި މައްސަލާގައި އަމަލީގޮތުން އުޅުއްވި ޕްރޮސެކިއުޓަރުން ސޮއިކުރައްވާފައެއް ނުވެއެވެ.
މަސް ދުވަސް ފަހުން، ޑިމޮކްރެޓިކް ސެނެޓަރުން ކަމަށްވާ އެލިޒަބަތު ވޮރެން އާއި ރިޗަޑް ބްލޫމެންތަލް ވަނީ އެކްޓިން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އެ ބޭފުޅުން ވަނީ މި މައްސަލަ ދޫކޮށްލުމުގައި "މުއާމަލާތީ ސިފައެއް" އެކުލެވޭ ކަމަށް ބުނެ ސުވާލު އުފައްދަވާފައެވެ.
ސެނެޓަރުން ވިދާޅުވި ގޮތުގައި، އިންވެސްޓްމަންޓް ކުރާނެ ކަމަށް ބުނެފައިވާ ވާހަކަތަކުގެ ސަބަބުން، ރައީސް ޓްރަމްޕްގެ ދައުރުގައި ކޮރަޕްޝަންގެ އަމަލުތައް ހިނގާފައިވާ މިންވަރާއި، ޖަސްޓިސް ޑިޕާޓްމަންޓުގެ ނިންމުމަށް އަދާނީގެ ހުށަހެޅުމުގެ ނުފޫޒު ފޯރާފައިވާ މިންވަރާ މެދު ސީރިއަސް ސުވާލުތަކެއް އުފެދެއެވެ.
ޖަސްޓިސް ޑިޕާޓްމަންޓުގެ މި ހުށަހެޅުމަށް ފަނޑިޔާރު ގަރައުފިސް އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.


