މުއިއްޒުގެ ސިޔާސީ އައްޑާ ޖޭއެސްސީގެ އަސްލުސިފަ!

ވެރިކަމަށް އަންނަ ވެގެން އުޅުނުއިރު ޝަރުއީ ނިޒާމް އިސްލާހު ކުރުމާއި ގުޅުވާ އެންމެ ބާރަށް މުއިއްޒު ދެއްކީ ޖޭއެސްސީ އިސްލާހުގެ ވާހަކައެވެ. ޖޭއެސްސީ މެދުވެރިކޮށް ސަރުކާރުން ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ވާހަކައެވެ. މުއިއްޒު ވައުދުވީ ޖޭއެސްސީން ސިޔާސީ ނުފޫޒު ނައްތާލުމަށެވެ. ޖޭއެސްސީ އެކުލަވާލެވިފައި އޮންނަ ގޮތް ބަދަލުކޮށް ސިޔާސީ ނުފޫޒުން ޖޭއެސްސީ މިނިވަން ކުރުމަށް މުއިއްޒު ވައުދުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރަކު ޖޭއެސްސީގައި އިނުމާ މުއިއްޒު ދެކޮޅެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެންބަރަކު ޖޭއެސްސީގައި ތިބެގެން ނުވާނެކަމަށް މުއިއްޒު ބުންޏެވެ. މަޖިލީހުން ކަނޑައަޅާފައި އޮންނަ ސިވިލްސާވިސްގެ ރައީސް އާއި މަޖިލީހުން ރުހުންދޭ އާއްމު މެންބަރަކު ހުރުމަކަށްވެސް މުއިއްޒު ގަބޫލެއްނޫނެވެ. އެހެން ކަމުން ވެރިކަން ލިބުނުހާ އަވަހަކަށް ޖޭއެސްސީ އެކުލެވިފައި އޮންނަގޮތް ބަދަލު ކުރާނެކަމަށް މުއިއްޒު ވައުދުވިއެވެ.
ވެރިކަން ލިބިއްޖެއެވެ. ބޭނުން ގޮތަކަށް ގާނޫނު އަސާސީއާއި ގާނޫނުތައް ބަދަލުކުރުމުގެ ބާރާއެކުގައެވެ. ވެރިކަމަށް ދޮޅުއަހަރު ނުވަނީސް ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ހޯދިޔަސް ކޮމްޕޮޒިސަން ބަދަލުކޮށް ޖޭއެސްސީ އިސްލާހެއް ނުކުރިއެވެ. ވާނީ އެހެންތާއެވެ. ގުރައިދޫ ރިޒާއަށް ޖޭއެސްސީގެ ރައީސްކަން ދީގެން އޭނާ ލައްވާ ފަނޑިޔާރުން ބްލެކްމޭލް އެބަކުރެވެއެވެ. ބޭނުންހާ ގޮތަކަށް ފަނޑިޔާރުން ކޮންޓްރޯލް ކުރެވެންޏާ މުއިއްޒު ކުރާނެ އިސްލާހެއް ނުއޮންނާނެއެވެ.
ވެރިކަމާއެކު ޖޭއެސްސީގެ ކޮންޓްރޯލް އޮޓަމެޓިކުން އޮތީ ރައީސް މުއިއްޒުގެ އަތުގައެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދުރޭ އަކީ ޖޭއެސްސީ މެންބަރެކެވެ. ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އުޝާމް އަކީ ޖޭއެސްސީ މެންބަރެކެވެ. ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރަން ޖޭއެސްސީއަށް އައްޔަނުކުރީ ކ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން ރިޒާއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެންބަރުގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރަކީ ޔަޒްމީދުއެވެ.
އަނެއްކޮޅުން ދެންހުރީ ގާނޫނާ ހިލާފަށް މުއިއްޒު އަންހެނުން ސާޖީދާ ސިވިލް ސާވިސްގެ މަގާމުގައި ބަހައްޓައިގެން ކޮންޓްރެކްޓް އުސޫލުން ފައިސާދޭ ސިވިލްސާވިސް ކޮމިޝަނުގެ ރައީސް ނާސިހެވެ. އާއްމު ރައްޔިތުން ތަމްސީލުކުރަން ހުންނަނީވެސް މަޖިލީހުން ރުހުން ދީފައި ހުންނަ މެންބަރެކެވެ. ކޯޓުތައް ތަމްސީލުކުރާ ފަނޑިޔަރުންނަކީ ފަނޑިޔާރުންގެ ތެރެއިން ފަޑިޔާރުން އިންތިހާބުކުރާ ބައެއް ނަމަވެސް ފަނޑިޔާރުކަމުގައި މަގާމުގައި ހުރުމާ ނުހުރުން ސިދާ ގުޅިފައި އޮންނަނީ މުއިއްޒާއެވެ. ޖޭއެސްސީގައި އެންމެ މެންބަރަކު ފިޔަވާ އެންމެންނަކީވެސް މުއިއްޒު ބޭނުންވުމުން ވަގުތުން ވަގުތައް ބަދަލުކޮށްލެވޭ ގޮތަށް ތިބި ސިޔާސީ އަޅުންގެ އަޅުންނެވެ. މުއިއްޒަށް ނުކުޅެވޭނެ ހަމައެކަނި މެންބަރަކީ ގާނޫނީ ވަކީލުން ތަމްސީލްކުރާ މެންބަރެވެ. އޭނާއަކީ ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލުން އިންތިހާބު ކުރާ މީހެކެވެ.
ގާނޫނު އަސާސީ އިސްލާހުކޮށްގެން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ހޯދި ހޯދުމާ ދެކޮޅަށް ހުށަހެޅި މައްސަލަ ބެލޭނެކަމަށް ސްޕްރީމް ކޯޓްގެ ފުލް ބެންޗުން ކަނޑައެޅި ހިސާބުން ޖޭއެސްސީގެ އަސްލު ސިފަ ފާޅުވެއްޖެއެވެ. މުއިއްޒަށް އަޅުވެތިވުމުގައި ހަމައެއް ލަމެއް އަދުލެއް ޖޭއެސްސީއަށް ނެތްކަން ބަރަހަނާވެ ނިމިއްޖެއެވެ. ޝަރުއީ ނިޒާމަށް ސަރުކާރުން އަތް ބޭނުން ނިމުނު ކަމަށްބުނެ މުއިއްޒު ލައިގެން އޮތް ވަގުހަން ބޭލި މުއިއްޒުގެ ހަގީގީ ސޫރަ ފާޅުވިއެވެ. އާހިރުގައި ޖޭއެސްސީ ވެފައި އޮތީ މުއިއްޒުގެ ސިޔާސީ އައްޑާއަކަށެވެ.